ބްލޭކްގެ ޓީމަށް ކުރީގެ ސީއައިއޭ މުވައްޒަފެއް
މަޝްހޫރު ބަތަލާ ބްލޭކް ލައިވްލީ އާއި ތަރި ޖަސްޓިން ބަލްޑޯނީގެ މައްސަލަ ކޯޓުގައި ހޫނުވެފައިވަނިކޮށް ބްލޭކްގެ ވަކީލުންގެ ޓީމަށް އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ)ގެ ކުރީގެ މުވައްޒަފެއް ހަމަޖައްސައިފިއެވެ. މިދިޔަ އަހަރު ނެރުނު ފިލްމު "އިޓް އެންޑްސް ވިތު އަސް"ގެ ސެޓުގައިވަނީ ތަފާތު އެކި ކަންތައްތައް ހިނގައިފައެވެ. ނަތީޖާއެއްގެ ގޮތުން ބްލޭކް ވަނީ އޭނާގެ ކޯ ސްޓާ ބަލްޑޯނީ އާ ދެކޮޅަށް މައްސަލަތަކެއް ހުށަހަޅާފައެވެ. ބަލްޑޯނީ އާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި މަސައްކަތުގެ މާހައުލުގައި އެކި ކަހަލަ ފުރައްސާރައިން ފެށިގެން ޖިންސީ ގޯނާގެ މައްސަލަތައް ހިމެނެއެވެ. މި މައްސަލައިގައި ދެ ފަރާތުން މީޑިއާގައި ތަފާތު ވާހަކަތަކެއް ދައްކާފައިވާއިރު ދެ މީހުން ވެސް ވަނީ އަނެކަކާ ދެކޮޅަށް ހެކިތައް އާންމުކޮށްފައެވެ. ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު ބްލޭކް ވަނީ އޭނާ ތަމްސީލު ކުރަމުންދާ މީހަކު ޓީމުން ބޭރުކޮށްލާފައެވެ. އަދި އެއަށްފަހު އެންމެ ފަހުން އިވިފައިވަނީ ވަކީލުންގެ ޓީމަށް އާ މެމްބަރެއް ހަމަޖެއްސި ކަމެވެ. ދާދިފަހުން ބްލޭކްގެ ޓީމަށް ހަމަޖައްސާފައިވަނީ ސީއައިއޭގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް އަދި ސީނިއާ އެޑްވައިޒަރު ޖޯން ބްރެނަން އެވެ. ބްރެނަން އާއެކު ބްލޭކްގެ ޓީމަށް އިތުރު ވެފައިވަނީ އެމެރިކާގެ ސަރުކާރުގެ ނުފޫޒު މީގެ ކުރީން އޮތް އަދި އެކި މަތީ މަގާމުތަކުގެ ފަރާތްތަކާ ގުޅުންހުރި މީހެކެވެ. ބްލޭކް އާއި ޖަސްޓިންގެ މައްސަލަ އަދިވެސް ދަނީ ކޯޓުގައި ކުރިއަށެވެ. އަދި އެކަމާ ގުޅިގެން މާ ގިނަ އާ މައުލޫމާތުތަކެއް މި ފަހަކުން އާންމުވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ