ސޮރީ ސްކްރިޕްޓު ކިޔުމާއެކު ރޮވުނު: އައްޒަ

އެންމެ އަވަހަށް އޮލިމްޕަހަށް ނެރުމަށް ތައްޔާރުވަމުން އަންނަ، ފާތިމަތު ނަހުލާގެ "ސޮރީ"ގެ ސްކްރިޕްޓު ކިޔަމުން ދިޔަ ވަރަކަށް ރޮވުނު ކަމަށް ލީޑް އެކްޓަރު މަރިޔަމް އައްޒަ ބުނެފިއެވެ. މި މަހުގެ ތެރޭގައި ނެރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ފިލްމެވެ. އެގޮތުން މި ފިލްމާ ގުޅޭގޮތުން ތަފާތު އެކި ޕްރޮމޯޝަނަލް މައުލޫމާތުތައް އަންނަނީ ހިއްސާކުރަމުންނެވެ. ހުރިހާ ޕްރޮމޯޝަނެއްގައި ވެސް ޕްރޮޑަކްޝަނުން ބުނަމުން އަންނަނީ މި ފިލްމަކީ ބެލުންތެރި ރޮއްވާލާނެ ފިލްމެއް ކަމެވެ. ނަމަވެސް މިފަހަރު ކިޔައިދީފައިވަނީ ތަރީންގެ ތަޖުރިބާއެވެ. ޕްރޮޑަކްޝަނުން ދާދިފަހުން އާންމުކޮށްފައިވާ ފިލްމުގެ މޭކިން ވީޑިއޯއެއްގައި ފިލްމުގެ ލީޑް އައްޒަ ބުނިގޮތުގައި ފިލްމުގެ ސްކްރިޕްޓުން އެކަނިވެސް އޭނާ ރޮއްވާލިއެވެ. މިއީ އޭނާގެ އެކްޓިން ކެރިއަރުގައިވެސް ފިލްމެއްގެ ސްކްރިޕްޓު ކިޔަމުން ދަނިކޮށް ރޮވުނު ފުރަތަމަ ފަހަރު ކަމުގައި އައްޒަ ބުނެފައިވެއެވެ. ފިލްމުގެ ކާސްޓުންނާއި ކްރޫއިންގެ ތެރެއިންވެސް ފިލްމުގެ ޝޫޓިން ތެރެއިން ކުރެވުނު ތަޖުރިބާތައް މި ވީޑިއޯގައި ކިޔައިދެއެވެ. ގިނަ ބަޔަކު ބުނަނީ މި ފިލްމަކީ މިހާތަނަށް ނަހުލާ ނެރުނު އެންމެ ވަރުގަދަ ފިލްމުތަކާ ވާދަކޮށްލާނެ ފިލްމެއް ކަމުގައެވެ. އަދި މި ފިލްމަކީ އާ ރެކޯޑު ހަދާނެ ފިލްމެއް ކަމުގައިވެސް ބުނެއެވެ. ނަހުލާ ބުނާގޮތުގައި މި ފިލްމު ވާނީ ނަހުލާ މިހާތަނަށް ނެރުނު ހުރިހާ ފިލްމުތަކަށްވެސް ގޮންޖަހާލާނެ ވަރުގެ އަސަރު ގަދަ ފިލްމަކަށެވެ. މި މަހުގެ 17 ވަނަ ދުވަހު ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި އައްޒަގެ އިތުރުން ފެންނާނީ ޔޫސުފް ޝަފީއުއާއި ނަހުލާގެ ހަގު ދަރިފުޅު ލާލިއާއި ނަހުލާގެ މާމަ ދަރިފުޅު އެވެލީއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ޝީލާ ނަޖީބާއި ހުސައިން ސޮބާހު ވެސް ފެންނާނެއެވެ. ސޮރީއަކީ ނަހުލާ ފިލްމު ޕްރޮޑިއުސް ކުރުމުން ބޮޑު ބްރޭކެއް ނެގުމަށް ފަހު އާންމުންނަށް ދޫކޮށްލާ ފުރަތަމަ ފިލްމެވެ. ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020އަށް ދެއްކިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ