މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އަބްދުﷲ އަވަހާރުވުމާ ގުޅިގެން ރައީސް ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފި
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޢަބްދުﷲ އަޙްމަދު ބަދާވީ އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. އުމުރުން 85 އަހަރުގެ އަބްދުﷲ އަވަހާރަވީ، ނޭވާލާން އުނދަގޫވުމާ ގުޅިގެން އިއްޔެ، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ ސްޓޭޓް އިންސްޓިޓިއުޓް އޮފް ހާޓްގައި ފަރުވާ ދޭން ފެށި ފަހުންނެވެ. މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، އަބްދުاللهއަކީ އެ މަނިކުފާނުގެ ޙަޔާތްޕުޅުގެ ބޮޑު ބައެއް ޢާންމު ޚިދުމަތާއި މެލޭޝިއާގެ ކުރިއެރުމަށް ޚާއްޞަކުރެއްވި ޝަރަފުވެރި ބޭފުޅެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. ޢަބްދުﷲ އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެއެވެ. މެލޭޝިޔާގެ އިގުތިސާދީ ކުރިއެރުމަށް އަބްދުالله ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރައްވައި ރައީސް ވަނީ، އެ މަނިކުފާނަކީ ހަމަހަމަކަމާއި ޤައުމީ އެއްބައިވަންތަކަމާއި ހެޔޮވެރިކަމެއް ޤާއިމުކުރެއްވުމަށް މަސައްކަތްކުރެއްވި ސިޔާސީ ލީޑަރެއްކަން ފާހަގަކުރައްވާފައެވެ. ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، މިދަނޑިވަޅުގައި އަބްދުاللهގެ ޢާއިލާއަށާއި މެލޭޝިއާގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ޙަމްދަރުދީ ފޮނުއްވަމުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އަބްދުاللهއަކީ 2003 ވަނަ އަހަރުން 2009 ވަނަ އަހަރަށް ޚިދުމަތް ކުރެއްވި، މެލޭޝިއާގެ ފަސް ވަނަ ބޮޑުވަޒީރެވެ. އަބްދުاللهގެ ބޮޑުވަޒީރުކަމުގައި އަމާޒު ހިއްޕެވީ އިސްލާމީ އުސްލޫބު ފަތުރުއްވައި، އެގައުމުގެ އިގުތިސާދަށް ކުރިއެރުން ހޯއްދަވައިދެއްވައި، ގައުމީ އެއްބައިވަންތަކަން ގާއިމުކުރެއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ