ޕާކިސްތާނު އެކްޓަރުންގެ އިންސްޓަގްރާމް އެކައުންޓުތައް އިންޑިއާގައި ބޭންކޮށްފި
ޕާކިސްތާނުގެ ގިނަ ފިލްމީ ތަރިންގެ އިންސްޓަގްރާމް އެކައުންޓުތައް އިންޑިއާއިން ބްލޮކްކޮށްފިއެވެ. އޭގެތެރޭގައި ޕާކިސްތާނުގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ހާނިއާ އާމިރު، މާހިރާ ޚާން، ފަވާދު ޚާން، ސަޖަލް އަލީ، އަލީ ޒަފަރު، ސަނަމް ސަޢީދު އަދި އާތިފް އަސްލަމް ހިމެނެއެވެ. މި ތަރިންގެ އިންސްޓަގްރާމްގެ ހަރަކާތްތައް އިންޑިއާގައި ދިރިއުޅޭ އެއްވެސް މީހަކަށް ނުފެންނާނެހެން ކަމާބެހޭ އިދާރާތަކުން ބްލޮކްކުރިއިރު މި ތަރިންނަކީ ބޮލީވުޑްގައި މަސައްކަތް ކޮށްފައިވާ ތަރިންނެވެ. މިދިޔަ އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ކަޝްމީރުގެ ޕަހަލްގަމްގައި ހަރަކާތްތެރިވި އިންޑިއާގެ ހިންދޫ ފަތުރުވެރިންނަށް އަމާޒުކޮށްދިން ހަމަލާއާ ގުޅިގެން ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. ޕާކިސްތާނު ލަވަކިޔުންތެރިޔާ އާތިފް އަސްލަމް އަދި އެކްޓަރު ފަވާދު ޚާން--ފޮޓޯ/މިޑްޑޭ އިންސްޓަގްރާމް އެކައުންޓުތަކުގެ އިތުރުން ޕާކިސްތާނު ކޮންޓެންޓްތައް ގެނެސްދޭ 16 ޔޫޓިއުބް ޗެނަލް ވެސް އިންޑިއާއިން ވަނީ ބޭންކޮށްފައެވެ. އިންޑިއާއިން ޕާކިސްތާނުގެ ފިލްމީ ތަރިންގެ އިންސްޓަގްރާމް އެކައުންޓުތައް ބޭންކުރި މައްސަލައާ ގުޅިގެން އެ ޤައުމުގެ ފިލްމީ ތަރި އަރުސަލާން ނަސީރު ބުނެފައި ވަނީ، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ފަވާދު ޚާން ކަމަށެވެ. އަރުސަލާން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ފަވާދަށް ރައްދުކޮށް ބުނެފައި ވަނީ، ބޮލީވުޑްގެ ބަތަލާއަކާ އެކު އިންޑިއާ ފިލްމެއްގައި މަސައްކަތް ކުރީ ފަވާދު ޚާން ކަމަށާއި ނަމަވެސް އިންޑިއާއިން އޭގެ ރުޅިވެރިކަން ބޭލީ ޕާކިސްތާނުގެ އެހެން ފިލްމީ ތަރިންނަށް ކަމަށެވެ. ބަތަލާ ހާނިއާ އާމިރުގެ އެކައުންޓު ބްލޮކް ކުރުމާ ގުޅިގެން ހާނިއާ ބުނެފައި ވަނީ ޕަހަލްގަމްގައި ހިނގި ހާދިސާއާ ގުޅޭގޮތުން ހާނިއާގެ ނަމުގައި ބަޔަކު މީހުން ފޭކް ސްޓޭޓްމެންޓެއް ނެރުނު ކަމަށެވެ. ހަމައެއާއެކު ހާނިއާ ވަނީ ޕާކިސްތާނުގެ ފިލްމީ ތަރިންގެ އެކައުންޓުތައް އަންބޮލޮކްކޮށް ދިނުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކައިރިން އެދިފައެވެ. އެއްވެސް ހެއްކެއް ނެތި ބަޔަކު މީހުންގެ ބޮލުގައި ތުހުމަތުތަކެއް އަޅުވާ ހަގީގަތް ނުބަލާ ނިންމާ ނިންމުންތަކުގެ ސަބަބުން އެއް ބަޔަކު އަނެއް ބައެއްގެ މެދުގައި ބައިބައިވުން އިތުރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ހާނިއާ ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ