އިގުތިސާދު ވަރުގަދަ، އިންވެސްޓްމެންޓް ގެންނަން މާލީ އިސްލާހުތައް ދަނީ ގެންނަމުން: ޑރ. ވަހީދު

ރާއްޖޭގެ އިގުތިސާދު އޮތީ ވަރުގަދަކޮށް ކަމަށާއި، އިންވެސްޓްމެންޓް ގެންނަން މާލީ އިސްލާހުތައް ގެންނަމުން އަންނަ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ޚާއްސަ މަންދޫބު އަދި ކުރީގެ ރައީސް، ޑރ. މުޙައްމަދު ވަހީދު ޙަސަން މިއަދު ވިދާޅުވެއްޖެއެވެ. އެމެރިކާގެ ނިއުޔޯކްގައި ކުރިއަށް ދިޔަ މޯލްޑިވްސް ޓުއަރިޒަމް އެންޑް އިންވެސްޓްމަންޓް ފޯރަމްގައި ޑރ. ވަހީދު ބައިވެރިވެވަޑައިގެން، ދިވެހިރާއްޖޭގެ ވިލުންތެރިކަމާއި، ގެންނަމުންދާ އިސްލާހީ ބަދަލުތަކާއި ދުރުރާސްތާގެ ލަނޑުދަނޑިތައް ފާހަގަކުރައްވައި، ދިވެހިރާއްޖޭގައި އިންވެސްޓްކުރުމާ ގުޅޭ ގޮތުން ވާހަކަދެއްކެވިއެވެ. އެ މަނިކުފާނު ވިދާޅުވީ ގުދުރަތީ ވަސީލަތްތައް މަދު، ޖިއޮގްރަފީގޮތުން އެކަހެރިކޮށް އޮތް ދިވެހިރާއްޖެ، ދުނިޔޭގައި ނަން ހިނގާ ފަތުރުވެރިކަމުގެ މަންޒިލަކަށް ބަދަލުވީ، އުނދަގޫ ކަންކަން ތަޙައްމަލުކޮށް، ކެތްތެރިވެ، ހާލަތާ އެއްގޮތަށް މަސައްކަތް ކޮށްގެން ކަމަށެވެ. އެ މަނިކުފާނު ފާހަގަކުރެއްވީ 2008 ވަނަ އަހަރުގެ މާލީ ހީނަރުކަމަށް ފަހު، ދުނިޔެއަށް އަންނަ ލޮޅުންތަކުގެ، ހިރާސް ބޮޑު ގައުމެއްގެ ގޮތުގައި ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ރާއްޖެ ހަވާސާކޮށްލި ކަމެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމަށްފަހު ކުރިމަތިވި ހީނަރުކަމުން ރާއްޖެ އަރައިގަތް ހަލުވި ދުވެއްޔާއެކު އެ ހީކުރުންތައް ބާތިލުކުރަންޖެހުނު ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެއީ ހަމައެކަނި ނަސީބު ރަނގަޅުވެގެން ވީ ކަމެއް ނޫން ކަމަށާއި، އެއީ ދިވެހީންގެ ތަފާތުކަމާއި އަޒުމުގެ ސާބިތުކަމާއި، ނިޔަތުގެ ސާފުކަން ދައްކުވައިދޭ ކަމެއް ކަމުގައިވެސް ޑރ. ވަހީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މާޒީގެ ކާމިޔާބީތައް ފާހަގަކުރައްވައި ޑރ. ވަހީދު ވިދާޅުވީ އަދުގެ ސަމާލުކަން ޚާއްޞަ ވަނީ މުސްތަގުބަލަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ގައުމީ ކުރިއެރުމަށްޓަކައި ރައީސް މުޢިއްޒު ގެންގުޅުއްވާ 2040ގެ ތަސައްވުރު އެ މަނިކުފާނު ހިއްސާކުރެއްވިއެވެ. އަދި މިއީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނުތާ 75 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް، ތަރައްގީވެފައިވާ ގައުމުތަކުގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދެވުމަށް ރައީސް ތަޢާރަފުކުރެއްވި އިސްތިރާޖެއްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މި ތަޞައްވުރުގެ ދަށުން، އެއް ކަމަކަށް ބަރޯސާވެފައިވާ އިގުތިސާދެއްގެ ބަދަލުގައި ވިލުންވެރި، ސިންދަފާތު ކުރެވިފައިވާ އަދި ބައިނަލްއަގުވާމީ މައިދާނުގައި ވާދަވެރި އިގުތިސާދަކަށް ދިވެހި އިގުތިސާދު ބަދަލުކުރެވޭނެކަން ވަހީދު ފާހަގަކުރެއްވިއެވެ. ޒަމާނީ ރެގިއުލޭޓަރީ އޮނިގަނޑުގެ އެހީގައި ރާއްޖޭގައި ބައިނަލްއަގުވާމީ މާލީ މަރުކަޒެއް އުފެއްދުން ހިމެނޭ ގޮތަށް، ރާއްޖޭގެ މާލީ ދާއިރާ އަލުން ބައްޓަން ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށްވެސް ޑރ. ވަހީދުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ދެމެހެއްޓެނިވި އާބަން ސެންޓަރުތައް ތަރައްގީކޮށް، އެކްސްޕޯޓް ސިނާޢަތަށް ޚާއްޞަކޮށްގެން މަސްވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް އަދުގެ ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުތައް ޑރ. ވަހީދު ފާހަގަކުރެއްވިއެވެ. މި އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގުތިސާދީ ކުރިއެރުން ފަސް އިންސައްތައިގައި ހުންނާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން އަންދާޒާ ކޮށްފައިވާކަން ފާހަގަކުރައްވަމުން، ޑރ. ވަހީދު ވަނީ، ދިވެހިރާއްޖޭގެ އިގުތިސާދު އޮތީ ވަރުގަދަކޮށް ކަމުގެ ޔަގީންކަން ވުނޭރުންނަށް ދެއްވާފައެވެ. ދިގު މުއްދަތުގެ ހަމަޖެހުން ކަށަވަރުކޮށްދީ، އިތުބާރާއި ހާމަކަން ބޮޑު ގޮތެއްގައި ކަނޑައެޅިފައިވާ، އިންވެސްޓްމަންޓާ ރައްޓެހި މާހައުލެއް ބިނާކުރުމަށް މާލީ އިސްލާހުތައް ރާއްޖެއަށް ތައާރަފުކުރަމުންދާކަން ވަހީދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން، އަމާޒަކީ އިސްތިގުލާލު ރައްކާތެރިކޮށް، ކަރާމާތް ހިފެހެއްޓުމާއި، އަންނަން އޮތް ޖީލުތައް ބާރުވެރިކުރުވާނެ އިގުތިސާދެއް ބިނާކުރުން ކަމުގައިވެސް ޑރ. ވަހީދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ އޭޝިއާ ބައްރުގައި އެންމެ ހުޅުވާލެވިފައިވާ، އެންމެ ވާދަވެރި އިންވެސްޓްމަންޓް މާކެޓްތަކުގެ ތެރޭގައި ހިމެނޭ މާކެޓަކަށް ވުމާއެކު، ދިވެހިރާއްޖެއަކީ އިސްތިރާޖީ ގޮތުން ލިބިފައި އޮތް ފުރުސަތެއް ކަމުގައި ދުށުމަށްވެސް ފޯރަމްގެ ބައިވެރިންނަށް، ވަހީދު ގޮވާލެއްވިއެވެ. މި ސަރުކާރުން އަންނަނީ އެކި ދާއިރާތަކުން ބޭރުން އިންވެސްޓްމެންޓް ހޯދުމަށް މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އިންވެސްޓް މޯލްޑިވްސް ފޯރަމްތައް ޗައިނާ، އިންޑިއާ އަދި ދުބާއީގައި ބާއްވައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ