މުޅި މުޖުތަމަޢުގެ ޢާންމު ޞިއްޙަތު ސަލާމަތްކުރުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ކުރިމަތިކުރުވާ ހުރަސްތަކެއްކަމަށް ނުދެކުމަށާއި، އެފަދަ ފިޔަވަޅުތަކަކީ ރައްކާތެރި ކުރިމަގަކަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ދެކުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ވޯލްޑް ނޯ ޓޮބޭކޯ ޑޭގެ މުނާސަބަތުގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ބަލިޖެހުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދިވެހިރާއްޖެއިން އިސްކަންދޭކަން ތަކުރާރުކުރެއްވިއެވެ. އަދި، ދިވެހި ކުޑަކުދިންނާއި ޒުވާނުން ދުންފަތުގެ ވަބާއިން ސަލާމަތްކުރުމުގެ ގޮތުން މިހާރު ތަންފީޒުކުރެވެމުންދާ ދުންފަތުގެ ޖެނެރޭޝަނަލް ބޭން އާއި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.
ދުންފަތާއި ދުންފަތުގެ ބާވަތްތައް ކޮންޓްރޯލްކުރުމުގައި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާއި، އެއްބަސްވުންތަކާއި، ރާއްޖޭގެ ޤައުމީ ޕްލޭންތަކާއެކު، ސަރުކާރުން ވަނީ ހަރުދަނާ ގިނަ ފިޔަވަޅުތަކެއް ކަނޑައަޅާ، ތަންފީޒުކޮށްފައެވެ. އެގޮތުން، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށްވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުންވެސް މިހާރު ވަނީ މަނާވެފައެވެ. މިއީ، ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ކަށަވަރުކުރުމަށް އެޅިގެންދިޔަ ވަރުގަދަ ފިޔަވަޅެކެވެ.
ވޯލްޑް ނޯ ޓޮބޭކޯ ޑޭގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މިވަބާ އިން ސަލާމަތްވުމުގައި ގުޅިގެން މަސައްކަތްކުރުމުގެ އިތުރަށް، ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން، ދުންފަތުގެ ބާވަތްތައް ވިއްކުމަށް ބޭނުންކުރާ އުކުޅުތަކަށް ސަމާލުވެ، އެކަމާއި ދެކޮޅަށް މަސައްކަތްކުުރުމަށް ގޮވާލައްވާފައެވެ. އެގޮތުން، އެފަދަ ފަރާތްތަކުން ދުންފަތާއި ދުންފަތުގެ ބާވަތްތައް މާކެޓްކުރުމުގައި މާކެޓިންގގެ ގިނަ އުކުޅުތަކާއި މަންޒަރުތައް ބޭނުންކުރަމުންދަނީ ޅަ ސިކުނޑިތަކަށް އޭގެ ޙަޤީޤަތް އޮޅި، ނޭނގުމެއްގެ ތެރޭގައި އެއަށް ދެވިހިފާފަދަ ގޮތަށްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
-
ޢާންމު ޞިއްޙަތު ސަލާމާތްކުރަން ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކަކީ ހުރަސްތަކެއްކަމަށް ނުދެކުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ