މާލެ ސަރަަހައްދުން ކަރަންޓު ދިޔަ މައްސަލާގައި ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

މާލެ އާއި ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކަރަންޓުގެ ހިދުމަތް ކެނޑުނު މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މުޅި މާލެ ސަރަހައްދުން އެއްފަހަރާ ކަރަންޓު ކެނޑުނީ އިއްޔެ މެންދުުރު 12:40 ހާއިރު އެވެ. މާލެ އަދި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު އަލުން ދެވުނީ ހަ ގަޑިއިރަށް ވުރެ ގިނައިރުވި ފަހުންނެވެ.
ސްޓެލްކޯއިން ބުނެފައިވާ ގޮތުގައި، އެގޮތަށް ދިމާވީ ހުޅުމާލެ އަދި މާލެއަށް ކަރަންޓު ދޭން ސިނަމާލެ ބްރިޖުން އަޅާފައިވާ އިންޓަކަނެކްޝަން ކެނޑިގެންނެވެ.
މުޅި މާލެ ސަރަަހައްދުން އެއްކޮށް ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ދަތިވެ، ވިޔަފާރިތައް ހުއްޓުމަކަށް އައިސް އަދި ހޮސްޕިޓަލްތަކުގެ ހިންގުން ހުއްޓޭ ހިސާބަށް ދިއުމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް، ކުއްލި މައްސަލަ ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު އެވެ.
ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލީ 43 މެމްބަރުންގެ ވޯޓުންނެވެ. އެ މައްސަލަ ބަލައިގަނެ ބަހުސްކުރަން ފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވި އެވެ.
ތަފްސީލް - މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑިގެން ދިއުމަކީ މީގެ ކުރިން ދުވަހަކު ވެސް ހިނގައިފައި ނުވާ ކަމެއް ކަމަށް ކުއްލި މައްސަލާގައިވެ އެވެ. މާލެ އަދި ހުޅުމާލެ ފަދަ ބޮޑު އަބާދީއެއް ދިރިއުޅެމުންދާ ތަންތަނުގައި މިފަދަ ކަންކަން ހިނގުމަކީ ގިނަ އަދަދެއްގެ ރައްޔިތުންގެ އާއްމު ދިރުއުޅުމަށް ނުހަނު ބޮޑަށް ދަތިވެ، އަދި އެކަމުގެ ސަބަބުން އެހެނިހެން އެތަކެއް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ވެސް އެ މައްސަލާގައިވެ އެވެ.
ކުއްލި މައްސަލައިގައި ބުނީ:
ވިޔަފާރިތައް ކުއްލިއަކަށް ހުއްޓުމަކަށް އައުމަކީ އެ ތަންތަނުގެ ހިދުމަތް ރައްޔިތުންނަށް ލިބުމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް ވެފައި، އެ ވިޔަފާރިތަކަށް މާލީގޮތުން ނުހަނު ބޮޑެތި ގެއްލުން ލިބޭނެ ކަމެއް
ކަރަންޓު ނެތުމުގެ ސަބަބުން ހޮސްޕިޓަލްތަކުގެ ހިންގުން ހުއްޓޭ ހިސާބަށް ގޮސްފައިވުމަކީ އެ ތަންތަނުން ފަރުވާ ހޯދާ މީހުންނާއި އެ ތަންތަނުގައި އެޑްމިޓްކޮށްފައިވާ މީހުންގެ ހާލަތު ނުރައްކާތެރި ހިސާބަކަށް ގޮސްދާނެ ކަމެއް
ހޮސްޕިޓަލްތަކުން ކުއްލިއަކަށް ކަރަންޓު ދިއުމަކީ، އެ ތަންތަނުގައި ބޭނުންކުރަމުންދާ އަގު ބޮޑެތި މެޑިކަލް ސާމާނުތަކަށް ގެއްލުން ލިބި، އިއާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ވެދާނެ ކަމެއް 
ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ ދިރާގުން ހިދުމަތް ދިނުމަށް ބޭނުންކުރާ ސެލް ސައިޓްތައް، އެ ހާދިސާއާ ގުޅިގެން ބެކަޕް ބެޓެރީގެ އެހީގައި ހިންގަން ފަށަންޖެހޭފަދަ ހާލަތަކަށް ދިއުމަކީ ނުރައްކާތެރި ކަމެއް ކަމަށް
ވީއައިއޭން ކަރަންޓު ކެނޑިގެން ދިއުން ތަކުރާރުވާ ނަމަ އެކަމުގެ ސީދާ ގެއްލުން ފަތުރުވެރިކަމުގެ ސިނާއަތައް ކުރާނެ ކަމަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ