ޓެގު އަޅުވައި 2 މީހުން ދޫކޮށްލައިފި، އިތުރު 5 މީހުން ދޫކޮށްލުމުގެ މަސައްކަތް ފަށަނީ

ޝަރީޢަތް ނިމެންދެން ބަންދުގައި ނުވަތަ "ވާނުވާ" ބަންދުގެ މައްސަލައަށް ހައްލު ގެންނަން އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމުގެ ތެރެއިން ޓެގް އަޅުވައި ދެ މީހަކު މިހާތަނަށް ދޫކޮށްލާފައިވާ ކަމަށާއި އިތުރު ފަސް މީހުން ދޫކޮށްލުމުގެ މަސައްކަތް މިއަދު ކޯޓުގައި ކުރިއަށްދާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ. ވާނުވާ ބަންދުގައި ތިބޭ މީހުން ޓެގު އަޅުވައި ދޫކުރަން ނިންމާފައިވާކަން ޕީޖީ އޮފީހުން ހާމަކުރީ މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ. އެއަށް ފަހު ޓެގް އެޅުވުމުގެ ކަންކަން ފަށައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރޭ، 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ތިބޭ މީހުން ކުށެއް ސާބިތުނުވަނީސް، އެތައް އަހަރެއް ޖަލުގައި ހޭދަކުރަން ޖެހޭ ހާލަތްތައް ބައެއް ފަހަރު ދިމާވާއިރު، އެ މައްސަލަ ހައްލުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. ޕީޖީ އޮފީހުން މިއަދު ބުނީ "ވާނުވާ" ބަންދުގައި ތިބި މީހުންގެ ތެރެއިން ބަންދަށް ލުއި ދެވިދާނެ މީހުން އެ އޮފީހުން ކަނޑައަޅަމުން ގެންދާ ކަމަށެވެ. އެއީ، މީހުން މޮނިޓާ ކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިއާޔަތްކޮށްފައި ކަމަށް ވެސް ޕީޖީން ބުންޏެވެ. "އެސެސްމަންޓުތައް މި އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެ،" ޕީޖީ އޮފީހުން ބުންޏެވެ. އެގޮތުން، އިއްޔެގެ ނިޔަލަށް ޝަރީއަތް ނިމެންދެން ބަންދުގައި ތިބި ދެ މީހެއްގެ ބަންދަށް، މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއިދީފައިވާނެ ކަމަށް ޕީޖީން ބުންޏެވެ. އިތުރު ފަސް މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު ކޯޓުތަކުގައި ކުރިއަށްދާނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ. މީހެއްގެ ފައިގައި މީގެ ކުރިން ޓެގް އަޅުވާފައި -- ފޮޓޯ/ ފުލުހުން ޕީޖީ އޮފީހުން ބުނީ، ބަންދަށް ލުއިދެވޭނީ ޓެގް އެޅުވުމުން އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް ކަމަށެވެ. އެ ނޫން މީހުންގެ ބަންދަށް އެ ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަށް ހަމަޖެހިފައިނުވާ ކަމަށް ވެސް ބުންޏެވެ. އޭގެ ތެރޭގައި: ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައިގައި ބަންދުކޮށްފައިވާ މީހުން މަރުގެ މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުކޮށްފައިވާ މީހުން ޕީޖީ އޮފީހުން ބުނީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކުރެވިފައިވާއިރު، އެ މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެ ވެސް މިންވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ. އަދި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ދެކޭ ކަމަށް ވެސް ޕީޖީން ބުންޏެވެ. "މި އޮފީހުގެ އަމާޒަކީ، ޝަރީއަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ހައްލެއް ގެނައުން،" ޕީޖީ އޮފީހުން ބުންޏެވެ. އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ލިބުމަށް އެދޭ މީހުންނަށް، ޕީޖީ އޮފީހުގެ "އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ތެރެއިން ބަންދަށް ލުއި ދިނުމަށް އެދޭ ފޯމު" އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި، ބަންދުގައިވާ މީހާގެ ވަކީލު މެދުވެރިކޮށް ލުޔަށް އެދުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. ވާނުވާ ބަންދުގައި އެންމެ ގިނަ ދުވަސް ހޭދަކުރި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު މީހަކު، ބަންދުގައި ހަ އަހަރު ހޭދަކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން މާރިޗް މަހު ނެރުނު އަހަރީ ރިޕޯޓުގައިވެއެވެ. އަށް މީހަކު ފަސް އަހަރު ބަންދުގައި ހޭދަކޮށްފައިވާއިރު، ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 22 މީހަކު ޖަލުތަކުގައި ތިބި ކަމަށް އެ ރިޕޯޓުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ