މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސްގެ މުއްސަނދިކަމުގެ ބޮޑު ބައެއް ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އެފްރިކާގެ ސިއްހީ އަދި ތައުލީމީ ކަންކަން ކުރިއެރުވުމަށް ހަރަދު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ބިލް ގޭޓްސް، 69، އިއްޔެ ވިދާޅުވީ "ސިއްހަތާއި ތައުލީމުގެ ޒަރިއްޔާއިން އިންސާނުންގެ ގާބިލުކަން ހުޅުވާލައި އެފްރިކާގެ ކޮންމެ ގައުމެއްގެ ތަނަވަސްކަމާ ދިމާލަށް ދާން ޖެހޭ" ކަމަށެވެ.
އިތިއޯޕިއާގެ ވެރިރަށް އަޑިސް އަބާބާގައި ވާހަކަދައްކަވަމުން ބިލް ގޭޓްސް އެފްރިކާގެ ޒުވާން އިނޮވޭޓަރުންނަށް ހިތްވަރު ދެއްވައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީކޮށް، މުޅި ބައްރުގައި ސިއްހީ ހިދުމަތް ކުރިއެރުވޭނެ ގޮތްތަކާ މެދު ވިސްނަން ހިތްވަރު ދެއްވައިފަ އެވެ.
ގޭޓްސް މިދިޔަ މަހު ވަނީ 2045 ވަނަ އަހަރުގެ ނިޔަލަށް އޭނާގެ ބޮޑު މުއްސަނދިކަމުގެ %99 ހަދިޔާ ކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ. އެ ހިސާބުން އޭނާގެ ފައުންޑޭޝަންގެ މަސައްކަތްތައް ހުއްޓާލުމަށް އަމާޒު ވަނީ ހިފައިފަ އެވެ. އެހާތަނަށް 200 ބިލިއަން ޑޮލަރު ހަދިޔާ ކުރެވޭނެ ކަމަށް ބެލެވެ އެވެ.
"އަޅުގަނޑު ދާދި ފަހުން ނިންމައިފިން ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އަޅުގަނޑުގެ މުއްސަނދިކަން ހަދިޔާކުރަން. އެ ފައިސާގެ ބޮޑު ބައެއް ބޭނުންކުރާނީ އެފްރިކާގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ތިޔަ ބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް،" އެފްރިކަން ޔޫނިއަން (އޭޔޫ)ގެ މައި އޮފީހުގައި ދެއްވި ތަގުރީރުގައި އޭނާ ވިދާޅުވި އެވެ.
މޮޒަމްބިކްގެ ކުރީގެ ފަސްޓް ލޭޑީ ގްރައާ މެޗެލް ވަނީ ގޭޓްސްގެ އިއުލާނަށް މަރުހަބާ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ބަރޯސާވެގެން މިތިބީ، އަޅުގަނޑުމެންނާ އެކީ މި ބަދަލުގެ މަގަށް ކުރިއަށް ދިއުމަށް، ގޭޓްސްގެ ސާބިތު އަޒުމަށް،" އޭނާ ވިދާޅުވި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 'އެމެރިކާ ފުރަތަމަ' ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން އެޗްއައިވީ/އެއިޑްސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތްތައް ހިމެނޭ އެފްރިކާއަށް އެމެރިކާ ސަރުކާރުން ދެމުން އައި އެހީތައް ވަނީ މަދުކޮށްފަ އެވެ. އެއާ އެކު، އެ ސަރަހައްދުގެ ސިއްހީ މުސްތަގުބަލާ މެދު ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.
ގޭޓްސް ވިދާޅުވީ އެފްރިކާގައި ޒަމާނުއްސުރެ ހަރަކާތްތެރިވަމުން އަންނަ އޭނާގެ ފައުންޑޭޝަނުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ ޕްރައިމަރީ ހެލްތުކެއާ އިތުރުކުރުމަށް ކަމަށެވެ.
ބިލް ގޭޓްސްގެ މުއްސަނދިކަމުގެ ބޮޑު ބައި އެފްރިކާއަށް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ