އުރީދޫ ފަން ރަން ޖޫން 27ގައި އައްޑޫގައި، ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

އުރީދޫ ފަން ރަން ޖޫން 27ގައި އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައި، ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިއެވެ.
އުރީދޫ މޫލީ އެޕް މެދުވެރިކޮށް ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 16 ވާ ބުރާސްފަތި ދުވަހުގެ ރޭ 11:59ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އުރީދޫ ފަން ރަން ބާއްވުމަށް ހަމަޖެހިފައި ވަނީ އައްޑޫ ސިޓީ މަރަދޫގައެވެ.
އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އުރީދޫއިން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި 6500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫއިން ވަނީ 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއްކަން އުރީދޫއިން ފާހަގަކުރެއެވެ.
އުރީދޫއިން ބުނީ އުރީދޫ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. އަދި އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެ ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ