ރަޝްމިކާގެ މި އަހަރުގެ އުފަންދުވަސް ވެސް ފާހަގަކުރީ ވިޖޭއާ އެކު
ސައުތު ސިނަމާގެ އެންމެ މަގުބޫލު ދެ ލޯބިވެރިން ކަމަށް މީޑިއާތަކުން ސިފަކޮށްފައިވާ ރަޝްމިކާ މަންދަންނާ އާއި ވިޖޭ ދެވެރަކޮންދާ އެކީގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި މަހުގެ ފަސް ވަނަ ދުވަހު 29 އަހަރު ފުރުނު ބަތަލާ އަންނަނީ އެކްޓަރު ވިޖޭ ދެވެރަކޮންދާއާ އެކު އޮމާންގައި ޗުއްޓީ ހޭދަކުރަމުންނެވެ. ރަޝްމިކާ އޮމާންގައި ޗުއްޓީ ހޭދަކުރަމުން އަންނަކަން ބަތަލާގެ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާއިރު ރަޝްމިކާއާއި ވިޖޭ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯތަކުން ދެ ތަރިން ތިބީ އެއްތަނެއްގައިކަން ދޭހަވެއެވެ. ވިޖޭ އާއި ރަޝްމިކާ އެކީގައި ކުޅުނު ފިލްމު "ކޮމްރާޑް"ގެ މަންޒަރެއް--ފޮޓޯ/މިޑްޑޭ ރަޝްމިކާ އާއި ވިޖޭ ވަނީ 2022 ވަނަ އަހަރު ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ވެސް ޒިޔާރަތްކޮށްފައެވެ. ރާއްޖޭގައި ހޭދަކުރި ދުވަސްތަކުގެ ފޮޓޯތައް ވެސް ދެ ތަރިން ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައި ވަނީ ވަކިންނެވެ. ދެ ތަރިންގެ ލޯބީގެ ގުޅުމާ ގުޅޭގޮތުން މީޑިއާއިން ސުވާލުކުރިޔަސް މިހާތަނަށް އެކަމަށް އެއްބަސްވެފައެއް ނުވެއެވެ. ރަޝްމިކާ އާއި ވިޖޭގެ ލޯބީގެ ގުޅުމުގެ ވާހަކަދެކެވެން ފަށާފައި ވަނީ 2018 ވަނަ އަހަރު ދެ ތަރިން އެކީގައި ކުޅުނު ސައުތު ފިލްމު "ގީތާ ގޯވިންދަމް"އަށް ފަހުއެވެ. ވިޖޭ އާއި ރަޝްމިކާ އެކީގައި އެންމެފަހުން ފެނިފައި ވަނީ 2020ވަނަ އަހަރު ރިލީޒްކުރި ކަންނާޑާ ފިލްމަކުންނެވެ. ބޮލީވުޑަށް ތަޢާރަފްވެފައިވާ ސައުތު ބަތަލާ ރަޝްމިކާގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު"އެވެ. ރަޝްމިކާއެކޭ އެއްގޮތަށް ވިޖޭ ދެވެރަކޮންދާ ވެސް ވަނީ ބޮލީވުޑަށް ތައާރަފްވެފައެވެ. ވިޖޭ ބޮލީވުޑަށް ތައާރަފްވެފައި ވަނީ ދަރުމާއިން އުފެއްދި "ލައިގާ"އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ