ރޯދަ މަހުން ފެށިގެން ހުއްޓައިލަނީ
މީހަކަށް ކުރެވޭ ނުބައި ޢަމަލުތައް ހުއްޓައިލުމަށް ވަކި ވަގުތެއް އަންނަންދެން މަޑު ކުރާކަށް ނުޖެހެއެވެ. ފާފައެއް ކުރެވޭ ނަމަ ލަސް ނުކޮށް އަވަހަށް އެ ކަމަކާ ދުރުހެލި ވާން ޖެހޭނެއެވެ. ތައުބާވެ ﷲ ގެ ރުއްސެވުމާއި ފުއްސެވުން ލިބި ގަތުމަށް އަވަސްވެ ގަންނާން ޖެހޭނެއެވެ. ފާފަވެރި ޢަމަލުތަކާ ދުރުހެލިވުމަށް އިސްލާމްދީނުގައި އިރުޝާދު ދެއްވާފައި ވަނީ މިފަދައިންނެވެ (އާލުޢިމްރާނު: 133، މުސްލިމް: 118). ކަން މިހެން އޮތް ނަމަވެސް ބައެއް ފާފަތައް ކުރުމަށް މީހާ ދެވި ހިފާފައި ވާ މިންވަރު ބޮޑު ކަމުން، އެ ފަދަ ކަންކަން ވަގުތުން ނުވަތަ އަވަހަށް ހުއްޓައި ލުމަށް ދަތި ވާ ގޮތް ދިމާ ވެދާނެއެވެ. އަހުރެމެންގެ މި ދިވެހި އިސްލާމީ މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުންގެ މެދުގައި ވެސް ވަރަށް ބޮޑަށް އާއްމުވެ މޫ ލާފައިވާ ހަރާން ކަންތައްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ޣީބަ ބުނުމާއި ދެބައޮޑުވުމާއި އަދި ދޮގު ހެދުން ހިމެނެއެވެ. ޣީބަ އަކީ މީހެއްގެ ކިބައިގައި ހުރި ގޯސް ކަމެއްގެ ވާހަކަ އޭނާ ނެތް ތަނުގައި ދެއްކުމެވެ (އަލްޖުރްޖާނީ، 2009). މީހެއްގެ ކިބައިގައި ހުރި ގޯސް ސިފައެއްގެ ވާހަކަ ދެއްކުމަކީ ޣީބަ ކަމަށާއި އަދި އޭނާގެ ކިބައިގައި ނެތް ކަމެއްގެ ވާހަކަ ދެއްކުން އެއީ އޭނާ އާ ބެހޭ ގޮތުން ދޮގު ހެދުން ކަމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ (މުސްލިމު، 2589). ޣީބަ ބުނުމަށް ނެތިމޮށުމޭ ވެސް ކިޔައެވެ. ޤުރުއާނާއި ސުންނަތުން އެނގޭ ގޮތުގައި ޣީބަ ބުނުމަކީ ހަރާން ކަމެކެވެ (އަލްޙުޖުރާތު، 12، އަލްހުމަޒަ، 1، އަލްޤަލަމް، 11، ތިރުމިޛީ، 2502). ﷲ ވަޙީ ކުރައްވާފައި ވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި އެއް ބަޔަކު އަނެއް ބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންގެ ތެރެއިން އެކަކު ވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބި ކުރާނެ ހެއްޔެވެ؟ ތިޔަބައިމީހުން އެ ކަމަކަށް ނުރުހޭނެއެވެ" (އަލްޙުޖުރާތު، 12). ޣީބަ ބުނުމާ އެއްގޮތަށް ކުރާ އަނެއް ފާފަ އަކީ ދެބަ އޮޑުވުމެވެ. މިއަށް އަރަބި ބަހުގައި ކިޔަނީ އައްނަމީމާ (النَّمِيْمَة) އެވެ. ދެބައޮޑުވުމަކީ ފަސާދަ އުފެއްދުމަށް ޓަކައި، އޭނާ އެކަމަށް ނުރުހޭ ހާލު މީހެއްގެ ވާހަކަ އެހެން މީހަކަށް ފޯރުކޮށް ދިނުމެވެ. އެއީ އޭނާ އަށް އެނގިގެން ނުވަތަ ނޭނގި ކަމުގައި ވިޔަސް މެއެވެ. އެހެން ކަމުން، މި ޒަމާނުގައި ޓީވީ އާއި ރޭޑިއޯ އަދި މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށް މީހުންގެ ނެތި ނުބައި ކިޔުން ބޮޑަށް ގުޅެނީ ދެބައޮޑުވުމާއެވެ. ސަބަބަކީ މި ވަސީލަތްތައް ބޭނުން ކޮށްގެން މީހުންގެ ނެތި ނުބައި ކިޔާ އިރު، އެ ވާހަކަތައް ރައްދު ވާ ފަރާތަށް އެ ކަން އެނގުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޣީބަ ބުނުމުގެ ފާފައެކޭ އެއް ގޮތަށް، ނެތިމޮށުން ވެސް ވަނީ ހަރާން ކުރައްވާފައެވެ (އަލްޤަލަމް، 11-12، އަލްހުމަޒަ، 1، ބުޚާރީ، 218). ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި އެވެ. "ދެބައޮޑުވާ މީހާ ސުވަރުގެއަކަށް ނުވަންނާނެއެވެ" (މުސްލިމު، 105). ދޮގު ހެދުމަކީ ހަގީގަތާ ޚިލާފު ވާހަކަ ދެއްކުމެވެ. ދޮގު ހަދަން ކިތަންމެ ފަސޭހަ ވިޔަސް އަދި އެ އާދަ މީސްތަކުންގެ ތެރޭގައި ކިތަންމެ ބޮޑަށް އާއްމު ވެފައި ވިޔަސް އެއީ ނުބައިކަން ބޮޑު ވެގެންވާ ފާފައެއް ކަން ޤުރުއާނާއި ސުންނަތުން އެނގެއެވެ (ޣާފިރު، 18، އާލުޢިމްރާނު، 61، ބުޚާރީ، 6094) ﷲ ވަޙީ ކުރައްވާފައި ވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ދޮގު ހަދާކަން ކަށަވަރީ، الله ގެ އާޔަތް ތަކަށް އީމާން ނުވާ މީހުންނެވެ. އަދި އެއުރެންނީ ހަމަ ދޮގު ވެރީންނެވެ" (އައްނަޙުލު، 105). "އަދި އެއުރެން ދޮގު ހަދައި އުޅުނު ކަމުގެ ސަބަބުން، އެއުރެންނަށް ވޭންދެނިވި ޢަޛާބު ހުއްޓެވެ" (އަލްބަޤަރާ، 10). ވާޖިބު ވެގެން ވަނީ ލަސް ނުކޮށް ފާފަ ކުރުން ހުއްޓައިލައި ތައުބާ ވުމެވެ. ނަމަވެސް އިސްވެ ބަޔާން ކުރި ފަދައިން، ވަކި ކަހަލަ ފާފަ ތަކަކަށް އަރައި ގަތުމަށް މީސްތަކުން އާދަ ވެފައިވާ މިންވަރު ބޮޑު ކަމުން، އެ ކަންކަން ވަގުތުން ހުއްޓައި ލުމަށް އުނދަގޫ ވާ ފަހަރު އަތުވެދާނެ އެވެ. އެހެން ކަމުން، މިހާރުން ފެށިގެން އެ ފަދަ ފާފަތަކާ މެދު ވިސްނައި އެ ކަންކަން ކުރުން މަދުކޮށް، ރަމަޟާން މަސް އަންނަން ވާ އިރަށް، އެ ފާފަތައް މުޅީން ހުއްޓައި ލުމަށް އަޒުމު ކަނޑަ އަޅަމާ ހިނގާށެވެ. ފާފަ ތަކާ ދުރަށް ގޮސް އިސްލާހު ވުމަށް ޓަކައި ލިބޭނެ އެންމެ ރަނގަޅު ފުރުސަތަކީ ރަމަޟާން މަހެވެ. މި މައްސަރުގައި ހެޔޮ ކަމުގެ ފުރުސަތު ތައް ފަހިވެ ނުބައި ކަމުގެ މަގުތައް ހަނި ވުމުގެ ނަތީޖާ އެއްގެ ގޮތުން، ޝައިތާނާގެ ބާރު ކެނޑި ނިކަމެތިވެ އޭނާގެ އުނދަގުލުން މުއުމިނު ތަކުން މިންޖު ވެއެވެ. އަދި އެ ހާލަތުގައި ޝައިތާނާ ވަނީ ކަސްތަޅު އެޅުވި ބަންދު ކުރެވިފައި ވާ އެއްޗެއް ފަދައިންނެވެ. ވުމާއެކު، ހެޔޮ ޢަމަލުތައް ގިނަ ކޮށް، ފާފަ ތަކަށް ތައުބާ ވެ އެ ގޮތުގައި ދެމި ހުރުމަށް އަޒުމު ކަނޑަ އެޅުމަށް ޓަކައި މިއަށް ވުރެ ވަކީން ރަނގަޅު ފުރުސަތެއް ނުލިބި ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ