ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރަން ވެރިކަންކުރާ ޕީއެންސީގެ މަޖިލިސް މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، ދައުލަތުގެ ބާރުތައް ރައީސް މުހައްމަދު މުއިއްޒުގެ އަތްޕުޅަށް އެއްކުރަން ކަމަށް އިދިކޮޅު އެމްޑީޕީން ރޭ ބުނެފި އެވެ.
ވީކިހިނެއް؟ - ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަން ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. ސައްތާރުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގެ ތަޅުމުގައި އިއްވި އެވެ.
ތަފްސީލް - އެމްޑީޕީން ރޭ ނެރުނު ނޫސްބަޔާނުގައި ސިފަކޮށްފައިވަނީ އެއީ ސީދާ ރައީސް މުއިއްޒުގެ އަމަލުތަކެއްގެ ގޮތުގަ އެވެ. އެމްޑީޕީން އެ ގޮތަށް ދެކެނީ ބިލު ހުށަހެޅި ވަގުތާއި ހާލަތަށް ބަލައިފަ އެވެ. އެ ގޮތުން:
ބިލު ހުށަހެޅީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލުކުރަން އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއް ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށް
ބިލު ހުށަހެޅުމުގެ ކުރިއަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައީސްގެ ފަރާތްޕުޅުން އިންނަވާ މެންބަރު ބަދަލުކުރެއްވި
ކުރިން ރައީސްގެ ފަރާތްޕުޅުން އިންނެވީ ވަކީލު މުހައްމަދު ސަމީރު؛ ޕީޖީ އޮފީހުގެ ތަޖުރިބާ ވެސް ހުންނެވި ސަމީރު ވަކިކޮށް ދެން އައްޔަންކުރި ޔަމްޒީދު މުހައްމަދަކީ ގާނޫނީ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތް ބޭފުޅެއް
އެމްޑީޕީން ބުނީ ފަނޑިޔާރުންގެ ކަންކަން ބަލަން އޮންނަ ޖޭއެސްސީގެ މެންބަރެއްގެ ޒިންމާ އަދާކުރުމުގެ ފެންވަރު ހުންނާނެ ކަމާ މެދު ސުވާލު އުފެދޭ ބޭފުޅަކު އެ މަގާމަށް މި ދަނޑިވަޅުގައި އައްޔަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ހަމަ މި ދަނޑިވަޅުގައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރަން މަސައްކަތްކުރުމަކީ، ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ބާރުތައް ވަކިވެފައިވާ ނިޒާމު ނައްތާލުމަށް ކުރެވޭ މަސައްކަތެއް ކަމަށް ބުންޏެވެ.
"ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ބާރުތައް ވަކިކޮށްފައިވާ ނިޒާމު ނައްތާލުމަށް ރައީސް މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތްތައް އެމްޑީޕީން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ފާހަގަކޮށްލެވޭ - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިވާނެ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހެޅިއިރު، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ އެ ކޯޓުގައި ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރަނީ ބާރުތައް އެއްކުރަން: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ