ތިމާ ޙާޞިލްކުރަން ބޭނުންވާ ހުރިހާ ކަމެއް ތިމާ އެދޭގޮތަށް ޙާޞިލުވާންޖެހޭނެ ކަމަށް ވިސްނާ މީހަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ! އަބަދުވެސް ހުންނަން ޖެހޭނީ ކަންބޮޑުވެފަ!: ދުނިއާ ޝުޢައިބް

ބައެއް މީހުންނަށް ކުރިމަތިވާ ކަންކަމާއި ގުޅިގެން ކަންބޮޑުވެގެން އުޅެންޖެހެނީ ކަންކަމާއިމެދު ވިސްނޭ ގޮތުންނެވެ. ކޮންމެވެސް ވަރެއްގެ ފުދުންތެރިކަން ހުރި ނަމަވެސް އެންމެ ދަތި ޙާލުގައި އުޅޭ މީހުންނަށްވުރެ ބޮޑަށް ކަންކަމަށް ކަންބޮޑުވެގެން އުޅެވޭ ސަބަބަކީ އެއީއެވެ. ވީމާ މިއީ ތަންކޮޅެއް ބޮޑަށް ވިސްނާލަން ޖެހިފައިވާ ކަމެއްކަން ފާހަގަކުރަމެވެ.   
ގިނަ ބައަކަށް ހިތާމައާ ހިތްދަތިކަން ލިބި ބޮޑު މާޔޫސްކަމެއްގެ ތެރޭގައި އުޅެންޖެހިފައިވަނީ ދުނިޔެއިން އެއްވެސް މީހަކަށް ޙާޞިލްނުކުރެވޭނެ ކަންތައްތަކަކަށް އެދެވޭތީއެވެ. މިޘާލަކަށް ބުނާނަމަ އެދޭ ހުރިހާ ކަންކަން ތިމާ އެދޭ ގޮތަށް ޙާޞިލްވާންޖެހޭނެ ކަމަށް ޤަބޫލުކުރެވޭތީއެވެ.  
އަހަރެމެން އެއްވެސް މީހަކަށް އެކަމެއް ނުވާނެއެވެ. އެކަން ޙާޞިލެއް ނުވާނެއެވެ. އެދޭ ހުރިހާ ކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. އެދޭ ގޮތަށްވެސް ޙާޞިލެއް ނުކުރެވޭނެއެވެ. އެހެނީ ދުނިޔެއަކީ އިމްތިޙާނެކެވެ. ދުނިޔޭގައި ހޭދަކުރަންޖެހޭ ކޮންމެ ދުވަހަކީވެސް އިމްތިޙާނުގެ ދުވަހެކެވެ. ކުރިމަތިލާންޖެހޭ ކޮންމެ ކަމަކީވެސް އިމްތިޙާނެކެވެ.  
އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ. އެގޮތް ބަދަލުކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ތިމާ ރުހުނަސް ނުރުހުނަސް ކަންކަން ހިނގަމުންދާނީ ﷲ ތަޢާލާ އިރާދަކުރައްވަވާ ގޮތަކަށެވެ. އެކަމަސް ނުރުހޭ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ ހިތާމަތަކާއި ހިތްދަތިކަމުގައެވެ. އުފަލުގައި ހުރެވޭނެ ހަމައެކަނި ގޮތަކީ އިރާދަކުރައްވަވާ ގޮތަކީ އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުކުރުމެވެ.  
އަހަރެމެން ބޮޑަށް ބޭނުންވާނެ ކަންކަމުން ދަތިތައް ކުރިމަތިކުރައްވަވައި އިމްތިޙާން ކުރައްވަވާނެ ކަމަށް ޤުރްއާނުގައި އެބައޮތެވެ. އެއާއި ވިއްދައިގެން އުފާވެރިކަމުގެ ޚަބަރުވެސް ވަނީ ދެއްވަވައިފައެވެ. ނަމަވެސް އެއީ ކެތްތެރިންނަށެވެ. ވީމާ އަހަރެމެން ބޭނުންވާ ގޮތަސް ކަމެއް މެދުވެރިވާއިރަށް ހިތްދަތިވެގެން އުޅުމެއް ނެތެވެ. ކެތްތެރިވެލަންވީއެވެ. އެއިރުން އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
 
- ދުންޔާ ޝުޢައިބްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ