ކޯރާޑިއަކުން މީހަކަށް ހަމަލާ ދިނުމަށްފަހު ފިލަން އުޅެނިކޮށް ހައިވޭއިން އަތުލައިގެންފި

ކޯރާޑިއަކުން މީހަކަށް ހަމަލާދިނުމަށްފަހު ފިލަން އުޅެނިކޮށް ހައިވޭއިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ހުޅުމާލެ ބޯގަންވިލާ މަގު، ރެހެންދި ޓަރފް ދަނޑު ހުޅަނގު ފަޅުގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގެ އައި ދެ މީހަކު ހަމަލާދީފައިވާ މައްސަލައެއް ރޭ 11:35 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި މާރާމާރީގައި އެ މީހާއަށް ހަމަލާދީފައިވަނީ ކޯރާޑިއަކުން ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މާރާމާރީ ހިންގިކަމަށް ތުހުމަތު ދެ މީހުން ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހީނާމާގެ، ގދ. ފިޔޯރީ އުމުރުން 25 އަހަރުގެ ރުސްތުމް އިބްރާހިމާއި ސްޓަރ، ބ. ހިތާދޫ އުމުރުން 18 އަހަރުގެ އަބްދުﷲ ޒާހިދުއެވެ.
އެ ދެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގުމަށް ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ ހަތިޔާރއި ވަޅިއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ