ގެރިގޮރު ލޯގަނޑަށް ބަނޑުވަތައް މުއިއްޒު ވައްޓާލިލެއް ކިހާމޮޅު!

އުފެދުނު ޒަހަމެއްގެ ދިލަ ކެނޑުނުކަމަށް ދެއްކިޔަސް އެއީ ނުވާކަމަކަށް ނުވާނެއެވެ. ލީރެނދުތަކާއި އެޅުނުކޫރުން އުފުލިވޭނުގެ ހަނދާނެއް ނުނެތޭނެއެވެ. ހެދި ގޯހަކުން ލިބުނު ގެއްލުން ނުލިބޭކަމަކަށްވެސް ނުވާނެއެވެ. 
އަތެއް ފަޔެއް ނުފޯރިޔަސް އެޅުވިހާ ދޮގުތުހުމަތާއި އިލްޒާމުތައް ހަނދާން ނައްތާލާ އެދުމެއްނެތި ވެދުމެއް ކުރާނެކަމަށް ހީވަނީހެއްޔެވެ. ހައްގަކާނުލާ ކުރިހާ ބަދުނާމާއި އެޅުވިހާ ދޮގު ތުހުމަތުގެ ބަދަލު ހިފާނީ އެކި މީހުން އެކިގޮތަށެވެ. ކަރަށް މަޅި މަހާލަން ފަސޭހަވާނީ އިހުނަށް ވުރެވެސް ކައިރިއަށް ޖެހިލައިގެންނެވެ.  
ރާގު ރާގަށް ކޮންމެ ވާހަކައެއް މުއިއްޒު ދެއްކިޔަސް މުއިއްޒުގެ ސޯޓް މޯދީ ބާލުވާލައިފިއެވެ. އިންޑިއާއަށް ނިސްބަތްކޮށް މުއިއްޒު ދެއްކިހާ ދޮގުވާހަކަތަކާއި ކުރި ތުހުމަތުތައް މުއިއްޒުގެ އަނގަޔަށް ނިކަން ރަނގަޅަށް މޯދީ އެވައްދާލީއެވެ. 
މުއިއްޒު ވެރިކަމަށް އައުމުގެ ކުރިންނާއި ފަހުންވެސް އިންޑިއާ އާއި ދެކޮޅަށް ދެއްކި ކޮންމެ ވާހަކައެއް ކުރިން އޮތްވަރަށް ވުރެބޮޑަށް ރާއްޖޭގައި އަށަގަންނަވައިފިއެވެ. އިންޑިއާ އާއި ދެކޮޅަށް ޗުއްޕުވެސް ނުބުނެވޭ ވަރަށް މޯދީ އެވަނީ ހަފަރާތުން މުއިއްޒު ބަދެލާފައެވެ. 
އިންޑިއާގެ އަސްކަރީ ހެލްކޮޕްޓަރާއި ޑޯނިއާ ރާއްޖޭގައި އެ ދުއްވަނީ މުއިއްޒު ލައްވާ އެއްބަސްއައުކުރުވައިގެން އިންޑިއާ މީހުންނެވެ. އެ އުޅަނދުތައް ބޭނުންކޮށްގެން ކުރިން ކުރި ޖާސޫސެއް މިހާރުވެސް ކުރެވޭނެއެވެ. ކުރިންވެސް ހަރަކާތްތެރިވީ ގޮތަށް ހަނިމާދުއާއި ކައްދުއާއި ގަމުގައި އެމީހުން އެދަނީ ބަރާބަރަށް ހަރަކާތްތެރިވަމުންނެވެ. 
ކުރިން ނަގާފައިހުރި ލޯނުތަކުގެ ދަށުލާ ލުއިތަކާއެކު މުއްދަތު ދަންމާ މުއިއްޒު އެވަނީ ދަތީލާފައެވެ. އިތުރު ބިޔަ ލޯނުތަކާއި އެކި ނަންނަމުގައި ފައިސާއާއި މުދަލާއި ހިދުމަތުގެ މަޅީގައި މުއިއްޒު އެހުރީ ހިރިނުލެވޭ ވަރުކޮށްލާފައެވެ. 
އިންގޮނޑިން ތެދުވުން ކިއްކުރަން ހެއްޔެވެ. މުއިއްޒު ސާޖިދާއާއި ހަތަރުކަޅި ހަމަކޮށްލެވޭނީވެސް މޯދީ ކުރެން އަހާފައެވެ. ޑިޕްލޮމަސީއޭ ޒަމާންވީ ގުޅުމުގެ ނަމުގައި ގެރިގޮރު ލޯގަނޑަށް ބަނޑުވަތަށް ވައްޓާލިލެއް ކިހާ ރީތި ހެއްޔެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ