މީކާއިލްގެ ސުވާލަށް ހަލީލް ޖަވާބު ނުދޭތީ އިހުތިޖާޖު ކުރުމުން މީކާއީލްގެ ނަން އިއްވައި ތަޅުމުން ނެރެފި މީކާއިލްގެ ސުވާލަށް ހަލީލް ޖަވާބު ނުދޭތީ އިހުތިޖާޖު ކުރުމުން މީކާއީލްގެ ނަން އިއްވައި ތަޅުމުން ނެރެފި

ފޮރިން މިނިސްޓަރު އަބްދުالله ހަލީލުއާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ކުރި ސުވާލަށް ޖަވާބު ނުދޭތީ އިހުތިޖާޖު ކުރުމުން މީކާއީލްގެ ނަން އިއްވައި ތަޅުމުން ނެރެފި އެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ހަލީލު ހާޒިރުކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ އާންމު ރައްޔިތަކާ ބައްދަލު ކުރެއްވުމަށްފަހު، ރައީސް ބައްދަލުކުރެއްވީ ސައުދީ ޝާހީ އާއިލާގެ އަމީރަކާ ކަމަށް ރައީސް އޮފީހުން ބުނެފައިވާ މައްސަލައިގަ އެވެ.
އެ މައްސަލައިގައި މީކާއިލް ސުވާލު ކުރީ އެކަމުގައި ސަރުކާރުން އަމަލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ސަރުކާރުން ގަބޫލުކުރޭތޯ އެވެ. ނަމަވެސް، އެ ސުވާލަށް ހަލީލް ސީދާ ޖަވާބު ނުދެއްވަ އެވެ. އޭގެ ބަދަލުގައި ވިދާޅުވީ ފަހަދު އަލް ސައުދަކީ ސައުދީ އަރަބިއާގެ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް ކަމަށެވެ. އޭނާ ރާއްޖެ ވަޑައިގަތީ އަމިއްލަފުޅު ދަތުރުފުޅެއްގައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ވިދާޅުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ގެންދެވީ ސައުދީއާއި ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމުގެ މައްޗަށެވެ. އެގޮތުން، ރައީސް ސައުދީއަށް ދަތުރުކުރެއްވި އަދަދާއި ސައުދީގެ ވަލީއަހުދާ ބައްދަލުކުރެއްވި ވާހަކަ ވެސް ވިދާޅުވި އެވެ.
އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި މީކާއީލް ވަނީ ކުރިން ކުރެވުނު ސުވާލަށް މިނިސްޓަރު ޖަވާބު ނުދެއްވާކަމަށް ވިދާޅުވެ ސުވާލު އަލުން ސާފުކޮށްދެއްވާފަ އެވެ. ސައުދީގައި 'ހިޒް ރޯޔަލް ހައިނަސް' ލަގަބު އަރުވަނީ ރަސްގެފާނުގެ ދަރީންނާއި ދަރީންގެ ދަރީންނަށް ކަމަށްވާއިރު، ފަހަދު އަލް ސައުދަށް ނިސްބަތްކޮށް 'ހިޒް ރޯޔަލް ހައިނަސް' ގެ ލަގަބު ބޭނުންކުރުމަށްފަހު ރައީސް އޮފީހުގެ ވެބްސައިޓުން ފަހުން ހަބަރުތައް ފުލެހިކަން ވެސް މީކާއީލް ފާހަގަކުރެއްވި އެވެ. އޭގެ ފަހުން ސުވާލުކުރެއްވީ ސަރުކާރުން އެކަމުގައި އަމަލުކޮށްފައި އޮތީ ރަނގަޅަށްކަމަށް ގަބޫލުކުރައްވަންތޯ އެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ކުރިން ވެސް އެ ސުވާލަށް ޖަވާބު އެރުވިއްޖެ ކަމަށެވެ. ދެން ވިދާޅުވީ ރާއްޖެއަށް އަންނަ އިންވެސްޓަރުންނާމެދު ޝައްކު އުފެދޭ ގޮތަށް އިދިކޮޅުން ވާހަކަ ދައްކާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު އެހެން ވިދާޅުވުމުން ނިޒާމީ ނުކުތާއެއް ނަންގަވައި ފުރުސަތު ހޯއްދެވުމަށްފަހު، އެ ސުވާލަށް މިނިސްޓަރު ޖަވާބު ނުދެއްވާކަން އަނެއްކާވެސް ފާހަގަކުރެއްވުމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ ހަލީލް ޖަވާބު ދެއްވި ކަމަށް ރިޔާސަތުން ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް މީކާއީލްގެ ސުވާލަށް ހަލީލުގެ ވާހަކަފުޅުގައި ޖަވާބު ދެއްވާފައެއް ނުވެ އެވެ.
ސުވާލަށް ޖަވާބު ނުދެއްވަނީ ޖަވާބު ދެއްވައިފިކަމަށް ރިޔާސަތުން ކަނޑައެޅުއްވުމުން މީކާއީލް ގެންދެވީ އެކަމުގައި އިހުތިޖާޖުކުރައްވައި ރިޔާސަތާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އެކަން ހުއްޓާލުމަށް ރިޔާސަތުން އެންގުމުން ވެސް ހުއްޓާނުލައި އިހުތިޖާޖު ކުރައްވަމުން ގެންދެވީތީ މީކާއީލްގެ ނަން އިއްވައި މަޖިލީހުގެ ޖަލްސާއިން ނެރެލީ އެވެ. އޭނާ ތަޅުމުން ނެރުނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ