އޭސީސީން އެފްއައިޔޫގެ އާ ވެރިޔާއާ ބައްދަލުކޮށްފި

މަރުކަޒީ ބޭންކު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ވެރިޔަކަށް އަލަށް އައްޔަންކުރި އިސްމާއިލް ސާޖިދާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިއަދު ބައްދަލުކޮށްފި އެވެ.
ވީ ކިހިނެއް؟ - ސާޖިދު އެފްއައިޔޫގެ ވެރިޔަކަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަޝްރަފް އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރުމަށް ފަހު އެވެ.
ތަފްސީލް - އެފްއައިޔޫގެ ވެރިޔާއާ އެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އޭސީސީން ސޯޝަލް މީޑިއާގައި ބުނީ އެ ބައްދަލުވުމަކީ ތައާރަފުވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
ދެ މުއައްސަސާއާ ގުޅުންހުރި މައްސަލަތަކުގައި އެކުގައި ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށް އޭސީސީން ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމެއް - އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސްގެ ވެރިޔާ ބަދަލުކުރިއިރު، އެ ޔުނިޓުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ހިއްސާވެވަޑައިގަންނަވާ ކުންފުނިތަކަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް މިދިޔަ ދެ އަހަރުގެ ތެރޭގައި ހިންގާފައިވާ ބައެއް މުއާމަލާތްތަކާ ގުޅޭ ގޮތުން ތައްޔާރުކުރި ކަމަށް ބުނާ ރިޕޯޓެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެ މައްސަލަ މިދިޔަ އަހަރުން ފެށިގެން ބަލަމުން އަންނަ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.
ފުލުހުން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ