އެފްޑީސީން ކުލީގެ އެއްބަސްވުންތަކެއް ހަދާތީ ގެދޮރުވެރިޔާ ފްލެޓުތަކަށް ރަށްވެހިންގެ ރެޖިސްޓްރީއެއް ނުހެއްދޭ އެފްޑީސީން ކުލީގެ އެއްބަސްވުންތަކެއް ހަދާތީ ގެދޮރުވެރިޔާ ފްލެޓުތަކަށް ރަށްވެހިންގެ ރެޖިސްޓްރީއެއް ނުހެއްދޭ

މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރި ގެދޮރުވެރިޔާ ފްލެޓުތައް ލިބުނު މީހުންނާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކުލީގެ އެއްބަސްވުންތަކެއް ހަދަމުން ދާތީ އެ ތަންތަނަށް ރަށްވެހިންގެ ރެޖިސްޓްރީ ނުހެއްދޭ މައްސަލަ ބޮޑުވެއްޖެ އެވެ.
ގެދޮރުވެރިޔާ ފްލެޓެއް ލިބުނު މީހަކު، އޭނާއަށް ލިބޭ ފްލެޓަށް ރަށްވެހިންގެ ރެޖިސްޓްރީއެއް ހައްދައިދިނުމަށް އެދި މާލެ ސިޓީ ކައުންސިލަށް ހުށަހެޅުމުން، އެ ކައުންސިލުން އޭނާއަށް ދިން ޖަވާބުގައި ބުނެފައި ވަނީ އެ މީހާ އާއި އެފްޑީސީއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ކުލީގެ އެއްބަސްވުމަކަށް ވާތީ އެ ތަނަށް ރަށްވެހިންގެ ރެޖިސްޓްރީ ހައްދައި ނުދެވޭނެ ކަމަށެވެ.
"ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެޕާޓުމެންޓުގެ ވެރިފަރާތުގެ ނަމުގައި ހަދައިދޭންޖެހޭ ރަށްވެހީންގެ ރެޖިސްޓްރީ އެޕާޓުމެންޓު ކުއްޔަށް ހިފާ ފަރާތަށް ހަދައިދެވެން ނެތް ވާހަކަ ދެންނެވީމެވެ." މާލެ ސިޓީ ކައުންސިލުން ދީފައިވާ ޖަވާބުގައި ބުނެފައިވެ އެވެ.
އެ ކައުންސިލުން ބުނެފައި ވަނީ ރަށްވެހިންގެ ރެޖިސްޓްރީ ހެދުމުގައި މިހައިތަނަށް އަމަލު ކުރާ އުސޫލަކީ ގަނެވިއްކުމުގެ އެއްބަސްވުމުގެ ދަށުން ހަދާ އެގްރީމެންޓުގެ ކޮޕީއާއެކު ރަށްވެހިންގެ ރެޖިސްޓްރީ ހެދުމަށް އެދި ގަންނަ ފަރާތުން މާލެ ސިޓީ ކައުންސިލަށް ހުށަހެޅުމުން އެ ތަނެއް ގަންނަ މީހެއްގެ ނަމުގައި ރަށްވެހިންގެ ރެޖިސްޓްރީ ހަދައިދިނުން ކަމަށެވެ.
ނަމަވެސް ގެދޮރުވެރިޔާ ފްލެޓުތައް ލިބުނު މީހުންނާއެކު އެފްޑީސީން ހަދާފައިވާ އެއްބަސްވުމުގައި "ޔުނިޓު ކުއްޔަށް ދިނުމާއި މިލްކު ކުރުން" ޖަހާފައި އޮތް ނަމަވެސް މުޅި އެއްބަސްވުމަށް ބެލުމުން އެއީ ކުއްޔަށް ހިފާ ފަރާތާއި ކުއްޔަށް ދޭ ފަރާތާއި ދެމެދު ހަދާފައިވާ ކުލީގެ އެއްބަސްވުމެއްކަން އެނގޭ ކަމަށް މާލެ ސިޓީ ކައުންސިލުގެ ޖަވާބުގައި ބުންޏެވެ.
އެ މައްސަލަ ފެންމަތިވުމުން، ގާނޫނީ ވަކީލު އަދި ކުރީގެ މަޖިލިސް މެންބަރު، އަލީ ހުސެއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުލީގެ އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ތަނަކަށް، އެތަން ކުއްޔަށް ހިފި މީހާގެ ނަމުގައި ރަށްވެހިންގެ ރެޖިސްޓްރީއެއް ހަދައިދިނުމަކީ ގާނޫނީ ގޮތުން ވަރަށް ބޮޑެތި މައްސަލަތަކެއް ނުކުންނާނެ ކަމެއް ކަމަށެވެ.
"ކުރިން އޮތް ގޮތަށް ގަނެވިއްކުމުގެ އެއްބަސްވުމެއް ހަދައިގެން ނޫނީ މިކަން ހައްލެއް ނުވާނެ،" އަލީ ހުސެއިން ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންނަށް އެ ތަންތަން ސަރުކާރުން ހަވާލު ކުރަނީ 25 އަހަރުދުވަސް ވަންދެން އެފްޑީސީއަށް ކުލި ދެއްކުމުން މިލްކުވާ ގޮތަށެވެ. އެގޮތަށް އަމަލު ކުރަނީ ފްލެޓު ލިބޭ މީހުންނާ މެދު ފިޔަވަޅު އަޅަން ފަސޭހައަކަށް ކަމަށް ހައުސިން މިނިސްޓަރު، އަބްދުالله މުއްތަލިބު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.
"25 އަހަރުގެ މުއްދަތަށް ކަނޑައެޅިފައި އޮތް ކުއްޔެއް ދެއްކީމަ ދެން އެ ފަރާތްތަކަށް ދެން އެތަން ރަޖިސްޓްރީކޮށްދޭ ގޮތަށް. ހަގީގަތުގައި ކުއްޔަށް ދޭ ތަނެއްގެ ގޮތުގައި އޮތީމަ އެމީހުންނާ ދޭތެރޭ ފިޔަވަޅު އަޅަން ފަސޭހަވެގެންދާނެ،" ޖޫން 18، ގައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މުއްތަލިބު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ފްލެޓުތައް ލިބުނު މީހުންނާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެފްޑީސީން މިހާރު ގެންދަނީ ކުރަމުންނެވެ. ނަމަވެސް އެއްވެސް ފްލެޓެއްގެ ތަޅުދަނޑި އަދި ފްލެޓު ލިބުނު މީހުންނާ ހަވާލެއް ނުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ