ބޭނުން ނުކޮށް، މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުންނަ އުޅަނދުތައް އަނެއްކާވެސް ނަގަނީ
ބޭނުން ނުކޮށް، ދިގު މުއްދަތަކަށް މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުންނަ ވެހިކަލްތައް އަނެއްކާވެސް ފުލުހުން ނަގަން ފަށައިފިއެވެ. މީގެކުރިން ވެސް މާލެ ސަރަހައްދުގެ މަގުތަކުގައި ދިގު މުއްދަތަކަށް ބޭނުންނުކޮށް ހުންނަ ވެހިކަލްތައް ނަގައި، ޓޯކުރެއެވެ. މިއަދު ފުލުހުން ބުނީ، އާންމުންނަށް ދަތިވާހެން ދިގު މުއްދަތަކަށް ބޭނުމެއް ނުކޮށް މާލޭގެ މަގުތަކުގައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިއީ، މާލޭގެ މަގުތަކަކީ އެންމެންނަށް ރައްކާތެރި، ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އާންމުކުރި ފޮޓޯތަކުން، މާލޭގެ އެކި ސަރަހައްދުތަކުން ސައިކަލާއި ޕިކަޕު ފަދަ އުޅަނދުތައް ނަގާ މަންޒަރު ފެނެއެވެ. https://x.com/PoliceMv/status/1956580626980806787 މި މަސައްކަތް ފުލުހުން ކުރަމުން އަންނަނީ، މާލޭ ސިޓީ ކައުންސިލާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއާ ގުޅިގެންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި، ފުލުހުން ވަނީ މާލޭގެ މަގުތަކުގައި ބޭނުންނުކޮށް ބަހައްޓާފައި ހުރި 400އަށްވުރެ ގިނަ ވެހިކަލްތައް ނަގާފައެވެ. https://sun.mv/202767 އޭގެފަހުން، ހުޅުމާލޭގޭ މަގުތަކުން ވެސް ބާ އުޅަނދުތައް ފުލުހުން ވަނީ ނަގާފައެވެ. ވެރިރަށް މާލޭގެ މަގުތަކުގެ 65 ޕަސެންޓު އަބަދު ވެސް ހިފައިފައި އޮންނަނީ ޕާކުކޮށްފައި އޮންނަ އުޅަނދުތަކުން ކަމަށާއި، މިކަމުގެ ސަބަބުން މަގުމަތީގެ އެކްސިޑެންޓުތައް އިންތިހާއަށް އިތުރުވަމުންދާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ