އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ގައުމީ އަންހެން ޓީމުގެ ސާފަރުން ރެޕޯ ބުރަށް އޭޝިއަން ސާފިން ޗެމްޕިއަންޝިޕް: ގައުމީ އަންހެން ޓީމުގެ ސާފަރުން ރެޕޯ ބުރަށް

އިންޑިއާގެ ޓަމިލްނާޑޫގައި މިހާރު ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕް 2025 ގައި ވާދަކުރާ ރާއްޖޭގެ އަންހެން ސާފިން ޓީމުގެ އެތުލީޓުން ރެޕޯ ބުރަށް ދަތުރުކޮށްފި އެވެ.
މިއަދު މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ ބުރުގެ ހީޓުތައް ކުރިއަށްދިޔައިރު، ރާއްޖޭގެ ރާހިލް ނަސީމް (އާޔާ) ވާދަކޮށްފައިވަނީ ދެ ވަނަ ހީޓުގަ އެވެ.
އިންޑޮނޭޝިއާގެ ދިއާ ނަތާސަޔާގެ އިތުރުން ދެން މި ހީޓުގައި ވާދަކުރީ މިޔަންމާގެ ތައު ތައު ސޮއެ އެވެ. މި ހީޓުގެ އެއް ވަނަ ހޯދީ އިންޑޮނޭޝިއާގެ ދިއާ އެވެ. އޭނާ ހީޓު ކާމިޔާބުކުރީ 9.13ގެ ސްކޯއަކުންނެވެ. ދިއާ އެންމެ މަތިން ސްކޯކުރި ދެ ރާޅުން ވަނީ 4.50 އަދި 4.63 ސްކޯކޮށްފަ އެވެ.
މި ހީޓުގެ ދެވަނަ ހޯދީ އާޔާ އެވެ. އޭނާ އަށް ސްކޯކުރެވުނީ 1.30 އެވެ. އާޔާގެ ދެ ރާޅުން އޭނާ ވަނީ 0.50 އަދި 0.80 ސްކޯކޮށްފަ އެވެ.
ރާއްޖޭގެ ރިޝްތާ ވާދަކުރީ ހީޓު ނުވަ އެއްގަ އެވެ. އޭނާއާ އެކު މި ހީޓުގައި ވާދަކުރީ އިންޑޮނޭޝިއާގެ ޓައިނާ އޭންޖަލް އެވެ. މި ހީޓުގެ އެއް ވަނަ ޓައިނާ ހޯދީ 12.16 ސްކޯ ކޮށްގެންނެވެ. ދެ ވަނަ އަށްދިޔަ ރިޝްތާ އަށް ލިބުނީ 1.47ގެ ސްކޯ އެކެވެ. ރިޝްތާގެ އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 0.50 އަދި 0.97 ސްކޯކޮށްފަ އެވެ.
ރާއްޖޭގެ ޝާޒިޔާ ސައިދޫ ވާދަކުރީ ހީޓު 10 ގަ އެވެ. މި ހީޓުގައި، ދެން ވާދަކުރީ އިންޑޮނޭޝިއާގެ ކައިލާނީ ޖޯންސަން، އުޒްބެކިސްތާންގެ މާޔާ ކާލް އެވެ.
މި ހީޓުގެ އެއް ވަނަ އަށް ދިޔައީ 13.67 ސްކޯކޮށްގެން ކައިލާނީ އެވެ. ދެ ވަނަ އަށް ދިޔަ މާޔާ އަށް 6.74 ގެ ސްކޯއެއް ވަނީ ލިބިފަ އެވެ. ޝާޒިޔާ އަށް ލިބުނީ 2.46 އެވެ. ޝާޒިޔާ އެންމެ މަތިން ސްކޯކުރި ދެ ރާޅުން އޭނާ ވަނީ 1.43 އަދި 1.03 ސްކޯކޮށްފަ އެވެ.
ރާއްޖޭގެ އަންހެން ޓީމުގެ އެތުލީޓުން ރެޕޯ ހީޓަށް ގޮސްފައިވާއިރު، ރާއްޖޭގެ ފިރިހެން ރާޅާ އެޅުންތެރިންގެ ތެރެއިން، ހޫދު އަހުމަދު (ހޫބްސް) އާއި އިސްމައިލް ރަޝީދު (ސްމައިލީ) ފިރިހެން ޑިވިޝަނުގެ ރެޕޯ ހީޓުގައި ވާދަކުރާނެ އެވެ. އަދި ރާއްޖޭގެ ސާފިން ޓީމުގެ ކެޕްޓަން އަހުމަދު އާގިލް (އައްމަޑޭ) ވަނީ ފުރަތަމަ ބުރުގެ ހީޓުން އެއްވަނަ ހޯދާ ސީދާ ތިންވަނަ ބުރަށް ދަތުރުކޮށްފަ އެވެ.
މި ފަހަރުގެ މުބާރާތުގައި، ވާދަކުރާ ގައުމީ ސީނިއާ ފިރިހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ ކެޕްޓަން އައްމަޑޭ، ސްމައިލީ އަދި ހޫދު އެވެ.
ޖޫނިއާ ޓީމުގައި ހިމެނެނީ ޔޫސުފް ކަޔާން ހަމްދާން ޒަކީ، ޔަސީން އަހުމަދު ނާޝިދު، ކަޔާން އަބްދުالله އަރީފް އެވެ.
މީގެ އިތުރުން މި ފަހަރުގެ މުބާރާތުގައި އަންހެން ސާފިން ޓީމުންވެސް ބައިވެރިވާނެ އެވެ. އަންހެން ޓީމުގައި ހިމެނޭ އެތުލީޓުންނަކީ މަރިޔަމް ރާހިލް ނަސީމް (އާޔާ), ރިޝްތާ ޝުޖާއު އަދި ޝާޒިޔާ ސައީދު (ޝާޒު) އެވެ.
މިދިޔަ ދެ އަހަރު ރާއްޖޭގައި ކުރިއަށްދިޔަ، މި މުބާރާތުގައި ރާއްޖޭގެ ސާފަރުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން، އިބޫ ވަނީ މި މުބާރާތުގެ ލޯ މެޑަލް ހޯދައިފަ އެވެ. އަދި ޓީމް އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ވަނީ ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ