ލަންޑަން (ޖުލައި 14) - ސްވިޑަންގެ ފޯވާޑް ވިކްޓޯ ޔޯކެރޭޝްގެ ސޮއި ހޯދަން އާސެނަލުން ސްޕޯޓިން ލިޒްބަން އާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އިނގިރޭސި ނޫސް، ދަ އެތުލެޓިކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔޯކެރޭޝް، 27، ގަތުމަށް އެއްބަސްވެފައިވަނީ ޖުމްލަ 86 މިލިއަން ޑޮލަރަށެވެ. އޭގެތެރޭގައި ހިމެނެނީ 75 މިލިއަން ޑޮލަރުގެ ޔަގީން ފީ އަކާއި 11 މިލިއަން ޑޮލަރުގެ ބޯނަސް ތަކެވެ.
މި އެއްބަސްވުން ފައިނަލްކޮށް، މި ހަފުތާގެ ތެރޭގައި އާސެނަލް އިން ޔޯކެރޭޝްގެ ސޮއި ހޯދިކަން ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ވެސް އެތުލެޓިކުން ބުނެފައިވެ އެވެ. މިދިޔަ ސީޒަނުގައި 52 މެޗުގައި 54 ގޯލު ޖެހި، ޔޯކެރޭޝް އާސެނަލް އާއި ގުޅެނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ސްޕޯޓިންގެ ރައީސް ފްރެޑެރީކޯ ވަރަންޑާސް، މީގެ ކުރިން، ވިދާޅުވީ، ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ފީ ކަމަށްވާ 100 މިލިއަން ޑޮލަރު ދިނުމުން ނޫނީ އޭނާ ނުވިއްކާނެ ކަމަށެވެ. އަދި، 70 މިލިއަން ޑޮލަރުގެ ޕެކޭއްޖެއްގެ ތެެރެއިން، ޔޯކެރޭޝް ގަތުމުގެ ފުރުސަތު ބައެއް ކްލަބްތަކަށް އޮންނަ ކަމަށް މީޑިއާގައި ދެެކެވޭ ވާހަކަ ވަރަންޑާސް އޭރު ދޮގުކުރެއްވި އެވެ.
ރިޕޯޓުތައް ބުނާގޮތުން، އަގު ކުޑަކޮށް ސްޕޯޓިން އިން ގޮތް ދޫކުރީ އެޖެންޓު ފީ ދެއްކުމުގައި ލުއިތަކެއް ލިބުމާ ގުޅިގެންނެވެ. އަދި، ޔޯކެރޭޝް، އެ ކްލަބްގެ ޕްރީ-ސީޒަން ޕްރެކްޓިހަށް ހާޒިރުނުވުން ވެސް ވެގެންދިޔައީ މި ޑީލު ނިންމުމަށް ސްޕޯޓިން އަށް އިތުރަށް ޕްރެޝަރު ކުރިމަތިވި ކަމެކެވެ.
ޔޯކެރޭޝް އަކީ، މީގެ ކުރިން، އިނގިރޭސި ކްލަބް، ބްރައިޓަންގެ ކޮންޓްރެކްޓްގައި ހުރެ ކަވެންޓްރީ އާއި ސްވަންސީ ސިޓީ އަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. މީގެ ދެ އަހަރު ކުރިން، ސްޕޯޓިން އިން ޔޯކެރޭޝް ގަތީ 25 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ.
ޕްރިމިއާ ލީގުގައި ތަފާތު ދެއްކި، ވަރުގަދަ ފޯވާޑުން ކަމަށްވާ ހެރީ ކޭން އާއި އާލިން ބްރައުޓް ހާލަންޑާ އެއް ލެވަލެއްގައި މި ވަގުތު އޭނާ ހުރި ކަމަށް ޔޯކެރޭޝް ވަނީ ބުނެފަ އެވެ.
އާސެނަލްގެ އިތުރުން ޔޯކޮރޭޝް ގަތުމަށް އެންމެ ބޮޑަށް މަސައްކަތްކުރީ މެނެޗެސްޓާ ޔުނައިޓެޑުންނެވެ. އެ ޑީލަށް އެންމެ ބޮޑަށް ހުރަސް އެޅުނީ އަންނަ ސީޒަނުގެ ޗެމްޕިއަން ލީގަށް ކޮލިފައި ނުވުމެވެ. އާސެނަލްގެ ކުޅުންތެރިއެއްގެ ގޮތުގައި ޔޯކޮރޭޝް ލީގުގައި ފުރަތަމަ ކުޅޭނީ ވެސް ޔުނައިޓެޑާ ދެކޮޅަށެވެ.
ޔޯކޮރޭޝްގެ އިތުރުން އާސެނަލް އިން މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ތިން ކުޅުންތެރިޔަކު ވަނީ ގަނެފަ އެވެ. އެއީ އިނގިރޭސި ފޯވާޑް، ނޯނީ މަޑުއޭކޭ، ޑެންމާކްގެ މިޑްފީލްޑަރު، ކްރިސްޓިއަން ނޯގާޑް، ސްޕެއިން ގައުމީ ޓީމުގެ މިޑްފީލްޑަރު، މާޓިން ޒުބިމެންޑީ އެވެ.
އާސެނަލުން 86 މިލިއަން ޑޮލަރަށް ޔޯކެރޭޝް ގަތުމަށް އެއްބަސްވެއްޖެ އާސެނަލުން 86 މިލިއަން ޑޮލަރަށް ޔޯކެރޭޝް ގަތުމަށް އެއްބަސްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ