ހަންކެޑެ، ހަލާލް ޓޫރިޒަމަށް ހާއްސަކުރުމަކީ ވަރަށް ގޯސްކޮށް ކުރާ ކަމެއް: ޔާމީން

އައްޑޫ ސިޓީގެ ހަންކެޑެ ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުމަކީ ގޯހެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.ޔާމީން މިގޮތަށް ވާހަކަދެއްކެވީ ރޭ އޮތް ޕީއެންއެފް ޖަލްސާގަ އެވެ.ޔާމީން ވިދާޅުވީ ހަލާލު ޓޫރިޒަމަށް ހުޅުވާލާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ އައްޑޫގެ ހަންކެޑެ އެ ކޮންސެޕްޓުގެ ފަތުރުވެރިކަމަށް ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އެއީ އެތައް އަހަރުތަކެއް ވަންދެން ފަތުރުވެރިކަމުގެ ފައިދާއެއް ނުލިބިއޮތް އައްޑުއަށް އަނެއްކާވެސް ދެވޭ ގެއްލުމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވި އެވެ.ޔާމީން ވިދާޅުވީ "ހަލާލު ޓޫރިޒަމޭ" ކިއުމުން ދޭހަވަނީ މިހާރު އޮތީ "ހަރާމް ޓޫރިޒަމް" ކަމަށް ކަމަށެވެ. ހަރާމް ޓޫރިޒަމަަކަށް މިހާރު އޮތް ޓޫރިޒަމް ވަނީ ދީނުގެ ހަރާމް ހަލާލަށް ބަލާ ނަމަ، އެ ތަންތަނުގައި ބޭނުންކުރާ ރަލާއި އޫރުމަަސް ފަދަ ތަކެތި ކަމަށެވެ.ޔާމީން ވަނީ ހަންކެޑެ އަށް ރާއްޖޭގައި މިހާރުވެސް ހިންގަމުންދާ ޓޫރިޒަމް ގެނައުމަށްފަހު އެހެން ތަނަކަށް ހަލާލް ޓޫރިޒަމް ތައާރަފްކުރަން ގޮވާލާފަ އެވެ. އަދި މިފަދަ ނިންމުމެއް ނިންމިއިރު ސަރުކާރުން އައްޑޫ ރައްޔިތުންނާއި މަޝްވަރާ ވެސް ނުކުރާ ކަމަށާއި މިއީ ކަމުދާ ގޮތެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.ނަމަވެސް ރާއްޖޭގައި މިހާރު އޮތް ޓޫރިޒަމް ސިނާއަތަކީ އިސްލާމްދީނާ ފުށޫއަރާ އެފަދަ ކަންކަމުގައި ދިވެހިން ޝާމިލުނުކޮށް، އެ ކަންކަން ކުރެވޭ ގޮތަށް އޮތް ސިނާއަތެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން ރިސޯޓުތަކުގައި އެ ހިދުމަތްތައް ދިނުމަކުން މައްސަލައެއް ނެތް ކަމަށް އެ މަނިކުފާނު ސިފަކުރެއްވި އެވެ.ހާއްސަ ގޮތެއްގައި ހަލާލު ޓޫރިޒަމަށް ހުޅުވާލާ ތަންތަނުގެ ގޮތުގައި އައްޑޫ ހިމަނާފައި އޮތުމުން، އެކަމާ ޔާމީން ހިތްހަޖެހިވަޑައިނުގަންނަވައި ޔާމީން ރޭ ވާހަކަދެއްކެވި އެވެ. އެ މަނިކުފާނު ވިދާޅުވީ އައްޑުއަށް ހަލާލު ޓޫރިޒަމް ތަރައްގީކުރަން އުޅޭއިރު އެ ތަނުގެ ރައްޔިތުން އެގޮތް ބޭނުންވޭތޯ ނުވަތަ ނުވޭތޯ ބަލަން ސަރުކާރުން އެ ރައްޔިތުންގެ ބަހެއް ހޯދާފައި ވެސް ނުވާ ކަމަށެވެ. "އެހެންވީމާ މިއީ ވަރަށް ގޮސްކޮށް ކުރާ ކަމެއް. މިގޮތަކަށް ޓެސްޓްއައުޓް ކުރާނެ ކަމެއް ނެތް. އައްޑޫ އަތޮޅުގައި ކަމެއް ކުރެވޭތޯ ބަލަންވީ. މިހާރު މިއަންނަނީ ޓޯޓަލީ އަންޓެސްޓެޑް ޕްރޮޑަކްޓެއް. އެއްގޮތަކަށް ވެސް މިޔަކުން ނަތީޖާއެއް ލިބޭނެ އެއްޗެއް ނޫން މިއަންނަނީކީ،" ޔާމީން ވިދާޅުވި އެވެ.ރާއްޖޭގައި ހަލާލް ޓޫރިޒަމް ތައާރަފް ކުރުމަށް މިސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީގެ ހަންކެޑެ، ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައަޅަން ނިންމާ ސަރުކާރުން މިއަދު ވަނީ އެކަން އިއުލާންކޮށްފަ އެވެ. ހަންކެޑެ ތަރައްގީކުރަން 2005 ވަނަ އަހަރުން ފެށިގެން އެކިއެކި ސަރުކާރުތަކުގައި މަސައްކަތްކޮށްފައިވެ އެވެ. އެކަމަކު މިހާތަނަށް އެ މަޝްރޫއު އޮތީ ކުރިއަށް ނުގޮހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ