ނަބިއްޔާ ކުޑަކުއްޖަކަށް ދެއްވި ނަސޭހަތްޕުޅު
މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެއީ އިންސާނުންގެ ތަރުބިޔަތަށް، ހުރިހާ ފިލާވަޅެއް ދެއްވި އެންމެ ފުރިހަމަ ނަމޫނާއެވެ. ރަނގަޅު ކަންކަމަށް ތަރުޙީބު ދެއްވެވިއެވެ. ގޯސް ކަމެއް ފެނިވަޑައިގެންފިނަމަ ޙިކްމަތްތެރިކަމާ އެކު އެ ކަމެއް ހުއްޓުވުމަށް ނަސޭހަތް ދެއްވަތެވެ. ކުޑަކުދިންނަށް އޯގާތެރިކަމާ އެކު ބަސްފުޅު ޙަދީޘްކުރައްވައި އުޅުއްވަތެވެ. އެފަދައިން އެއް ދުވަހެއްގައި ޢުމަރު ބުނު އަބީ ސަލަމާއަށް ދެއްވި މުޙިއްމު ނަސޭހަތެއް ޒިކުރު ކޮށްލާނަމެވެ. އިތުރު މާތް ނަބިއްޔާ މުޙައްމަދު صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އުންމު ސަލަމާއާ ކާވެނި ބައްލަވައިގެންއިރު، އެކަމަނާގެ ތުއްޕުޅު ބޭފުޅަކު ހުންނެވިއެވެ. ޢުމަރު ބުނު އަބީ ސަލަމާއެވެ. އެހެންކަމުން އެބޭފުޅާ ވެގެން ދިޔައީ ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ ދޮންދަރިފުޅަކަށެވެ. އެއް ދުވަހެއްގައި އެ ދެމައިކަނބަލުންނާ އެކު ފަރީއްކުޅުއްވަން އިންނެވިއިރު ތުއްޕުޅު ޢުމަރު ބުނު އަބީ ސަލަމާގެ ކިބައިން ކަމެއް ފެނިވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް ކުރެއްވޭ ކަމަކީ ސުފުރާމަތީ ކާނާއަޅާފައި ހުރި ތަށީގެ އެތަންމިތަނަށް އަތްޕުޅު ގެންދެވުމެވެ. އެ ތަށީގެ ކައިރިން އެއްޗެއް ނަންގަވައިފާނެއެވެ. އިރުކޮޅަކުން ދުރުގައި އޮތް އެއްޗެއް ވެސް ނަންގަވައިފާނެއެވެ. މި މަންޒަރު ފެނިވަޑައިގެން ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެ ކުއްޖާފުޅުގެ އަތްޕުޅުގައި އޯގާތެރިކަމާ އެކު ހިތްޕަވައި ލޯތްބާ އެކު ޙަދީޘްކުރެއްވިއެވެ. «يا غُلَامُ، سَمِّ اللَّهَ، وكُلْ بِيَمِينِكَ، وكُلْ ممَّا يَلِيكَ»(البخاري) "އޭ ކުއްޖާފުޅާއެވެ. سمِّ الله ކިޔައިގެން ކާންފަށާށެވެ!، އަދި ކޮއެފުޅުގެ ކަނާއަތުން ކާށެވެ!، އަދި (ތަށީގެ) ކޮއެފުޅާ ކައިރިފަރާތުން ކާށެވެ!" މި ބާބުގައި ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވާ ޙަދީޘްފުޅެއްގައި ވެއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަންޏާ ﷲގެ އިސްމުފުޅުން ފަށާށެވެ. (އެބަހީ ބިސްމި ﷲ ކިޔައިގެން ކާންފަށާށެވެ.) ކެއުމުގެ ކުރީގައި ﷲގެ އިސްމުފުޅު ކިއުމަށް ހަނދާން ނެތިއްޖެއްޔާ (އެބަހީ ކާން ފަށާ ފަހުން ހަނދާން ވެއްޖެއްޔާ) "بِسْمِ اللهِ أوَّلَهُ وَآخِرَهُ" މިފަދައިން ކިޔާށެވެ." މިއީ ކެއުމުގެ ޢަދަބުތައް ކިޔައިދެއްވި އަގުހުރި ނަސޭހަތްތަކެކެވެ. ބިސްމިކިޔުމާއި ސުފުރާމަތީގެ ޢަދަބު ހެޔޮ ގޮތުގައި ބައްޓަންކުރުމަކީ މުސްލިމުންގެތެރޭ އަލުން އާކޮށް ދިރުވަންޖެހިފައި ހުރި ކަންކަމެވެ. ބިސްމި ކިޔައިގެން ކާންފެށުމަކީ ކެއުމުގައި ބަރަކާތް ލައްވާނޭ ކަމެކެވެ. ބިސްމި ނުކިޔާ ކާ ނަމަ، އެ ކެއުމުން ބަރަކާތް ކެނޑޭނެ ކަމާއި، އޭނާގެ ކެއުމުގައި ޝައިޠާނުން ބައިވެރިވާނޭ ކަން ވެސް ޞައްޙަ ޙަދީޘްތަކުން އެނގެން އެބަހުއްޓެވެ. ކެއުމުގެ މަޖިލިސްތަކުގައި ބައިވެރިވެ އުޅޭ މީހުންގެ އަސަރު އިންސާނުންނަށް ކުރާކަމީ ދެބަސް ނުވެވޭނޭ ޙާޤީޤަތެކެވެ. އެކުގައި ކާންތިބޭ ވަގުތު ދައްކާ ވާހަކަތަކާއި ބަދަލުކުރާ މަޢުލޫމާތަކީ އަނެކެންގެ ޙަޔާތަށް އޭގެން އަސަރު ކުރުވާ ކަންތަކެވެ. ވީމާ އަޅުގަނޑުމެން ކައިބޮއި އުޅެންވާނީ ހެޔޮލަފާ ރަނގަޅު މީހުންނާ އެކުއެވެ. ކެއުމުގެ އަދަބު ތަކަށް މުސްލިމުން ފަރުވާތެރިވާން ވާނެއެވެ. މިއަދުގެ ހަލަބޮލި ޙަޔާތުގައި ޢާއިލާ އެއްކޮށް ބައްދަލުވާ މަދު ފަހަރު ފަހަރަކީ އެއް ސުފުރާމަތިން ކެއުމުގެ ވަގުތެވެ. ދަރިންގެ ކިބައިން ކެއުމުގެ ރީތި ޢަދަބު ނުފެންނަންޏާ އެ ކަމާ އެންމެ ކަންބޮޑުވާނެ ބަޔަކީ މައިން ބަފައިންނެވެ. ކޮންމެ މަންމަ އަކާއި ބައްޕައެއް ވެސް އެދޭނީ އޭނާގެ ދަރިފުޅަކީ ރިވެތި ޢަދަބުތަކުން ޒީނަތްތެރިވެފައިވާ ކުއްޖަކު ކަމުގައި ވުމަށެވެ. ރީތި އަދަބުތަކަށް ކުއްޖާ ހާނުވައި ރިވެތި އަޚުލާޤެއް ކުއްޖާގައި އަށަގެންނެވުމަށް، ކެތްތެރިކަމާ އެކު، ތަކުރާރުކޮށް ނަސޭހަތް ދިނުން މުހިންމެވެ. ދެވޭ ނަސޭހަތާއި އެއްގޮތަށް ނަމޫނާ ދެއްކުމަކީ ތަރުބިޔަތުގެ ދުވެއްޔަށް ލިބޭ އިތުރު ހަލުއި ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ