އެމެރިކާގެ ޓެރިފާ އެކު ލަންކާގެ އިގްތިސާދަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ: އައިއެމްއެފް

ސްރީ ލަންކާގެ އިގްތިސާދީ ދުވެލި ހުރީ ރަނގަޅު މިސްރާބެއްގައި ކަމަށާއި ނަމަވެސް ދުނިޔޭގެ ވިޔަފާރީގެ ސިޔާސަތުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އިއްޔެ ބުނެފި އެވެ.
މީގެ ތިން އަހަރު ކުރިން ޑޮލަރުގެ ދަތިކަމުގެ ސަބަބުން މާލީ ކާރިސާއަކަށް ވެއްޓުނު ލަންކާއަށް މާޗު 2023ގައި ދުނިޔޭގެ ލޯނު ދޭ ބޭންކުން ހަތަރު އަހަރުގެ 2.9 ބިލިއަން ޑޮލަރުގެ ޕްރޮގްރާމެއް ލިބުމާ އެކު އެ ގައުމުން ވަނީ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖަހަން ފަށާފަ އެވެ.
ނަމަވެސް އައިއެމްއެފްގެ ހަތަރު ވަނަ އިންސްޓޯލްމަންޓް، 350 މިލިއަން ޑޮލަރަށް އިއްޔެ ރުހުން ދިނުމަށް ފަހު އެ ތަނުން ބުނީ އެމެރިކާގެ ޓެރިފަށް ގެންނަ ބަދަލުގެ ނޭދެވޭ އަސަރު ލަންކާއަށް ބޮޑަށް ކުރާނެ ކަމަށެވެެ. ލަންކާގެ އެކްސްޕޯޓްގެ ގާތްގަނޑަކަށް 3 ބިލިއަން ޑޮލަރުން %44 ޑިއުޓީ ނެގުމަކީ ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމެއް ކަމަށް އެ ތަނުން ބުންޏެވެ.
އެމެރިކާ އިން ނަގަން އިއުލާން ކުރި %44ގެ ޑިއުޓީ ވަނީ ތިން މަހަށް މަޑުޖައްސާލައިފަ އެވެ. ނަމަވެސް އެ މުއްދަތުގައި ވެސް އެހެން ގައުމުތަކެކޭ އެއްފަދައިން، ލަންކާ އިން އެމެރިކާއަށް އެކްސްޕޯޓް ކުރާ މުދަލުން %10ގެ ޑިއުޓީއެއް ދަނީ ނަގަމުންނެވެ.
"އެ ޝޮކްތައް ދިމާވެއްޖެ ނަމަ، ކަމާ ބެހޭ ފަރާތްތަކުން ފަންޑާ ގުޅިގެން އޭގެ އަސަރުތައް ދެނެގަނެ، ޕްރޮގްރާމްގެ އޮނިގަނޑަށް ފެތޭ ޕޮލިސީތަކަށް އަމަލުކުރަން ޖެހޭނެ،" އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިއެމްއެފްއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ވެރިޔާ އީވާން ޕަޕަޖޯޖިއޯ ވިދާޅުވި އެވެ.
"ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް."
އޭނާ ވިދާޅުވީ އައިއެމްއެފްގެ ބޭރުން ހުރި، ރަސްމީ އަދި ކޮމާޝަލް ކްރެޑިޓަރުންނާ އެކު ލަންކާގެ އެއްބަސްވުންތައް ވަގުތުން ފައިނަލް ކުރުމަކީ ވަރަށް ބޮޑަށް އިސްކަމެއް ދޭން ޖެހޭނެ ކަމެއް ކަމަށެވެ.
ގާތްގަނޑަކަށް 22.5 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި އަލުން މުރާޖައާ ކުރުމަށް ލަންކާއިން މިދިޔަ އަހަރު ވަނީ ބޮޑެތި ލޯނުތައް ދީފައިވާ ފަރާތްތަކާ އެކު އިބްތިދާއީ އެއްބަސްވުމެއް ހަދައިފަ އެވެ. އޭގެ ތެރޭގައި ޗައިނާ އިން ނަގާފައިވާ 4.75 ބިލިއަން ޑޮލަރުގެ ލޯން ވެސް ހިމެނެ އެވެ.
ބާޒާރުގެ ތަކެތީގެ އަގުތައް އެއްހަމައެއްްގައި ހިފެއްޓުމަށް ލަންކާގެ މަރުކަޒީ ބޭންކުން  އަބަދު ވެސް ސަމާލުކަން ދޭންޖެހޭނެ ކަމަށާއި އައިއެމްއެފް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށާއި ކާރިސާއިން އަރައިގަތުމަށް ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ކޮންމެހެން ބޭނުންތެރި ބަޖެޓަކަށް ވާންޖެހޭނެ ކަމަށް ވެސް ޕަޕަޖޯޖިއޯ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
މިދިޔަ އަހަރު %5ގެ ކުރިއެރުމެއް ލިބުމަށް ފަހު މިއަހަރު ލަންކާގެ އިގްތިސާދީ ކުރިއެރުން %3.5ގައި ހިފެހެއްޓޭނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ