ކާޖަލް އަގްރަވާލް އާއިލާއާއެކު ރާއްޖޭގައި

ފިލްމު "ސިންގްހަމް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ސައުތު ސިނަމާގެ ބަތަލާ ކާޖަލް އަގަރްވާލް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ. މި އަހަރުގެ ޖޫން މަހު އުފަންދުވަސް ފާހަގަކުރުމަށް ވެސް ރާއްޖެ ޒިޔާރަތްކޮށްފައިވާ ބަތަލާ މި ފަހަރު ރާއްޖެއަށް ކުރި ދަތުރަކީ ފިރިމީހާ ގޯތަމް ކިޗްލޫގެ އުފަންދުވަސް ރާއްޖޭގައި ފާހަގަ ކުރުމަށްޓަކައި ކުރި ދަތުރެކެވެ. ކާޖޮލް ވަނީ ފިރިމީހާ ގޯތަމް އަދި ތިން އަހަރުގެ ދަރިފުޅު ނީލްއާ އެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ބަތަލާގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. ރާއްޖޭގެ ފަސް ތަރީގެ ރިސޯޓު ދުސިޓްޑީ2 ފޭދޫ މޯލްޑިވްސްގައި ނަގާފައިވާ ފޮޓޯއެއް މީގެ ދެ ދުވަސްކުރިން ސޯޝަލް މީޑިއާގައި ހިއްސާކުރުމަށްފަހު ބަތަލާ ރާއްޖެ ސިފަކޮށްފައި ވަނީ ދުނިޔެމަތީގެ ސުވަރުގެ ގޮތުގައެވެ. އެހެންކަމުން ކާޖަލް އާއިލާއާ އެކު ރާއްޖެ އައިސްފައިވާ ކަމަށް ބެލެވެނީ މީގެ ދެ ދުވަސްކުރިންނެވެ. ކާޖަލް ރާްޖޭގެ ރިސޯޓު ދުސިޓްޑީ2 ފޭދޫ މޯލްޑިވްސްގައި ނަގާފައިވާ ފޮޓޯއެއް--ފޮޓޯ/އިންސްޓަގްރާމް މީގެކުރިން ރާއްޖެއަށް އެކި ފަހަރުމަތިން ޒިޔާރަތްކޮށްފައިވާ ބަތަލާ މި އަހަރުގެ ޖޫން މަހު ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކޮށްފައި ވަނީ ދ. އަތޮޅުގައި އޮންނަ ބަގްލިއޮނީ ރިސޯޓުގައެވެ. އެ ދަތުރުގައި ކާޖަލްއާ އެކު ބަތަލާގެ އަންހެން ކޮއްކޮ ނިޝާ އަގަރްވާލް ވެސް ވަނީ ބައިވެރިވެފައެވެ. ކާޖަލް ވަނީ 2020 ވަނަ އަހަރު ކައިވެންޏަށްފަހު ހަނީމޫން ދަތުރެއްގައި ވެސް ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއިން ކޮންމެ ދަތުރެއް ނިންމާލަމުން ވެސް ބަތަލާ ވަނީ ރާއްޖޭގެ ގުދުރުތީ ރީތި ކަމާއި ހިތްގައިމުކަމަށް ތައުރީފުކޮށް އަނެއްކާވެސް އެނބުރި ރާއްޖެ އަންނާނެ ކަމަށް ބުނެފައެވެ. މިހާތަނަށް ވަރަށް މަދު ބޮލީވުޑް ފިލްމުތަކުން ފެނިފައިވާ ކާޖަލް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ، މި އަހަރުގެ މާޗް މަހު ރިލީޒްކުރި ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު"ގެ ރޯލަކުންނެވެ. ކާޖަލްގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކަކީ ގިނައިން ސައުތު ސިނަމާގެ ފިލްމުތަކަށްވާއިރު ބަތަލާ އެންމެ އަވަހަށް ފެންނާނެ ބޮލީވުޑް ފިލްމަކީ "ދަ އިންޑިއަން ސްޓޯރީ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ