އާ ހެއްކެއް ނާޒިމް ދައްކައިފިނަމަ މައްސަލަ ތަހުގީގުކުރާނަން: އުމަރު

ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް އާ ހެއްކެއް ދެއްކިއްޖެނަމަ އެކަން ސުޕްރީމް ކޯޓުގެ އިރުޝާދުގެ ދަށުން ތަހުގީގުކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓަރު މިއަދު އަވަސްއަށް ވިދާޅުވީ، ތަހުގީގަށް އެނގިފައިނުވާ ހެއްކެއް ދައްކައިފިނަމަ ސުޕްރީމް ކޯޓުގެ އިރުޝާދުގެ ދަށުން އެ ކަމެއް އަލުން ތަހުގީގުކުރައްވާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީމ ނާޒިމްގެ މައްސަލާގައި ބަދުނާމް ސަރުކާރު ބޮލުގައި އެޅިފައި އޮތުމަކީ ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ސުޕްރީމް ކޯޓުގެ އިރުޝާދުގެ ދަށުން ތަހުގީގުކުރައްވާނެ ކަމަށެވެ.
ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ނާޒިމްގެ ވަކީލް ހުސްނުއް ސުއޫދު ވިދާޅުވެފައިވަނީ، ނާޒިމްގެ ގެއިން ފެނުނު ފިސްތޯލް އެގެއަށް ވެއްދީ ކާކުކަން ނާޒިމަށް ސާބިތުކޮށްދެވިފައިނުވާތީ އޭގެ ޒިންމާ ނަގަން ޖެހޭނީ ނާޒިމް ކަމަށް ދަށު ކޯޓުން ނިންމާފައިވާ ކަމަށެވެ. ސުއޫދު ވިދާޅުވީ، އެ ފިސްތޯލް ވެއްދި މީހާ ހޯދިފައިވާ ކަމަށެވެ. ނަމަވެސް ނާޒިމްގެ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި މީހެއްގެ ނަމެއް ސުއޫދު ވިދާޅެއް ނުވެއެވެ. ސުއޫދު ވިދާޅުވީ ނާޒިމްގެ އެޕާޓްމަންޓަށް ހަތިޔާރު ވެއްދި މީހެއްގެ މައުލޫމާތު ލިބިވަޑައިގަތީ މިވަގުތު ގޭބަންދުގައި ހުންނެވި ނާޒިމަށް ކަމަށާއި ގާނޫނީ ޓީމަށް ނާޒިމު އެމައުލޫމާތު ހިއްސާކުރައްވާފައިވާ ކަމަށެެވެ.
ސުއޫދު ވިދާޅުވީ، އެ މީހާއާ ބެހޭ މައުލޫމާތު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ހެއްކެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހާޒިރުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އެމީހާއަކީ ދަށު ކޯޓަށް ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ މީހެއް ނޫނެވެ. އާންމު އުސޫލުގެ ދަށުން ދަށު ކޯޓަށް ހުށަނާޅާ ހެއްކެއް ސުޕްރީމް ކޯޓަށް ހުށައެއް ނޭޅެ އެވެ. ނަމަވެސް ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމާއި ރިޔާސީ އިންތިހާބުގެ މައްސަލާގައި ސުޕްރީމް ކޯޓަށް ހެކި ހުށަހަޅައިގެން ޝަރީއަތް ކުރިއަށް ގެންގޮސްފައިވެ އެވެ.
ސުއޫދު ވިދާޅުވީ، އެމީހައަކީ ތަހުގީގަށް އެތަން ބަލައި ފާސްކުރަން ވަތް މީހެއް ކަމަށެވެ. އެ ކުޑަ ދަބަސް އެމީހާގެ އަތުގައި އެރޭ އޮތްކަމުގެ ހެކި ލިބިފައިވާ ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ