ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މައުސޫމް އިސްތިއުފާ ދެއްވައިފި

ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް މަގާމުން ވަކި ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ މައްސަލަ ދިރާސާކޮށް ނިމުމަށް ފަހު، އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި އެޖެންޑާކޮށްފައި ވަނިކޮށް ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. 
ޖުޑިޝަރީ ކޮމެޓީން މެޖިސްޓްރޭޓް މައުސޫމްއާއި ގުޅޭ ގޮތުން ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ކުރިން މަޖިލީޙުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މައުސޫމް ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދަން ނިންމާފައިވަނިކޮށް އޭނާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ޖުޑިޝަލް ސާވިސް ކޮމިޝަނުން މަޖިލީހަށް ހޯމަ ދުވަހު އަންގާފައިވާ ކަމަށެވެ. އެހެން ކަމުން ރައީސް ނަޝީދު ނިންމެވީ މައުސޫމް ވަކިކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށެވެ. 
ޖޭއެސްސީން މައުސޫމް މެޖިސްޓްރޭޓުކަމުން ވަކިކޮށްދޭން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދިޔަ މައްސަލަތަކުގެ ތެރެއިން، ހދ. ހިރިމަރަދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޟިއްޔާއެއް ނިންމުމުގައި މައުސޫމް ރިޝްވަތު ނަގާފައިވާ ކަމާއި، ރިޝްވަތުގެ އެހެން މުއާމަލާތްތައް ވެސް ކޮށްފައިވާކަން އެ ކޮމިޝަންގެ ތަހުގީގަށް ސާބިތުވާތީއެވެ. މީގެއިތުރުން މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، މައުސޫމްގެ ބޭންކު އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒު ގޮތުގައި ހޯދާފައިވާ ފައިސާކަން ސާބިތުވާ ކަމަށާއި އަދި ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މެދު އެތައް އަމަލުތަކެއް ހިންގާފައިވާ ކަމާއި، މައުސޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަން ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ.
ޖޭއެސްސީން ފޮނުވި މައްސަލަ ދިރާސާކޮށް ނިންމާ، ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ ކޮމިޝަނުން މައްސަލަ ބަލާފައިވަނީ ގާނޫނު އަސާސީއާ ގާނޫނުތަކާއި މިފަދަ މައްސަލަތައް ބެލުމުގައި އޮންނަ އިޖުރާއަތްތަކާ އެއް ގޮތަށް ކަމަށެވެ.
މައުސޫމަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބޭ ފައިސާގެ އިތުރަށް، އޭނާގެ ބޭންކު އެކައުންޓަށް ވަދެފައިވާ ގިނަ އަދަދެއްގެ ފައިސާއަކީ ނާޖާއިޒު ގޮތުގައި ހޯދާފައިވާކަން ފައިސާކަން ސާބިތުވާ ކަމަށާއި އަދި ވަޒީފާގެ މާހައުލާ އެކަށީގެން ނުވާ ގޮތަށް އަމަލުކޮށް އެކަށީގެން ނުވާ ބަހުރުވައިން މުވައްޒަފަކާ މެދު އަމަލުކޮށްފައިވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އަދި މައުސޫމްގެ ފަރާތުން އެ މުވައްޒަފަށް ކުރިމަތިވި ބައެއް ކަންކަމަކީ ޖިންސީ ފުރައްސާރައިގެ ސިފަ އެކުލެވިގެންވާ އަމަލުތަކެއްކަމަށް ވެސް މައްސަލައިގައިވެއެވެ. އަދި އެ ނޫންވެސް އެކި މައްސަލަތަކެއް މައުސޫމާއި ގުޅޭގޮތުން ހުށަހެޅުނުކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ