އޭޝިއާ މީޑިއާ ސަމިޓަށް އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ރައީސް ރާއްޖެއަށް

އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ރައީސް ސުދްރުއެޓައި ލަރޓްކަސެމް ރާއްޖެވަޑައިގެންފިއެވެ. އޭއައިބީޑީއާ ގުޅިގެން މިއަހަރުގެ ސަމިޓް ދިވެހިރާއްޖޭގައި އިންތިޒާމް ކުރަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިންނެވެ.
މިއަހަރުގެ ސަމިޓުގައި ބައިވެރިވާ ޤައުމުތަކުގެ މަންދޫބުން މިހާރު ރާއްޖެ އަންނަން ފަށާފައިވާއިރު، މި ސަމިޓުގައި ސަރަޙައްދީ ޤައުމުތަކުގެ 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ރައީސް އަދި ތައިލެންޑް ސަރުކާރުގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓް، ޕީއާރުޑީގެ ޑިރެކްޓަރ ޖެނެރަލް ސުދްރުއެޓައި ލަރޓްކަސެމް ރާއްޖެވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބާއި، އޭއައިބީޑީގެ ސީއީއޯއެވެ.
އޭއައިބީޑީގެ ޖެނެރަލް ކޮންފަރެންސްގެ ރައީސްގެ އިތުރުން މިފަހަރުގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކާ "ދަ ބޭ އޮފް ބޭންގާލް އިނިޝިއޭޓިވް ފޯރ މަލްޓި-ސެކްޓޯރަލް ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯރޕަރޭޝަން"، ބިމްސްޓެކްގެ ސެކްރެޓަރީ ޖެނެރަލް އިންދްރާ މަނީ ޕާންޑޭވެސް މިއަދު ވަނީ ރާއްޖެވަޑައިގެންފައެވެ.
އޭޝިއާ މީޑިއާ ސަމިޓްގެ މިއަހަރުގެ ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 11 އިން 14 ވިލާ ނޯޓިކާ ރިސޯޓުގައެވެ. މިއަހަރުގެ ސަމިޓުގެ ޝިއާރަކީ "މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް"އެވެ.
އޭޝިއާ ޕެސިފިކް ޤައުމުތަކުގެ ބްރޯޑްކާސްޓްކުރުމާއި ބްރޯޑްކާސްޓްކުރުމުގެ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެންމެ އިސް ފެންވަރުގައި ހަރަކާތްތެރިވެވަޑައިގަންނަވާ 200 އަށްވުރެ ގިނަ މަންދޫބުން މި ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނެއެވެ.
މިއަހަރުގެ ސަމިޓުގެ ޕްރީ ސަމިޓް ވޯކްޝޮޕްތައް މިހާރު ވަނީ ފަށާފައެވެ. މި ވޯކްޝޮޕްތައް ކުރިއަށްދަނީ މެންހެންޓަން ބިޒްނަސް ހޮޓެލް، ހުޅުލޭ އައިލެންޑް ހޮޓެލް އަދި ވިލާ ނޯޓިކާގައެވެ.
ޕްރީ ސަމިޓްގެ 5 ވޯކްޝޮޕެއް ކުރިއަށްގެންދާއިރު، މިބައްދަލުވުންތަކުގެ މައުޟޫޢުތަކުގެ ތެރޭގައި ސްޓޯރީ ޓެލިންގއާއި ނިއުސް ޕްރޮޑަކްޝަންގައި އޭއައި ޓޫލްތައް ބޭނުންކުރުން ހިމެނެއެވެ. އަދި ކުރިއަރައި ބަދަލުވަމުން އަންނަ އޭއައިގެ ޓެކްނޮލޮޖީގެ މުހިންމުކަމާއި، އޭއައިއަށް ބަރޯސާވަމުން އަންނަ މިޒަމާނުގައި ޑިޖިޓަލް މީޑިއާގެ އިތުބާރު ހިފަހައްޓާނެ ގޮތާއި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި މީޑިއާގެ ދައުރު ހިމެނެއެވެ.
އޭޝިއާ މީޑީއާ ސަމިޓް ރަސްމީކޮށް ފަށާނީ މިމަހުގެ 12ވަނަ ދުވަހުއެވެ. މި ސަމިޓްގެ ޕްލިނަރީ ސެޝަންތައް މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، ސަމިޓް ނިންމާލާނީ، މިމަހުގެ 14ވަނަ ދުވަހު ކުޑަގިރީގައި ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތުންނެވެ.
މި ސަމިޓަކީ، އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމުތަކުގެ ބްރޯޑްކާސްޓިންގއާ ގުޅޭ އިސް މަސްއޫލްވެރިން އެއްމޭޒަކަށް ވަޑައިގެން، ސަރަޙައްދުގައި އަދި ވަކިވަކި ޤައުމުތަކުގައި ޒިންމާދާރު އަދި ޖީލުތަކަށް މަންފާހުރި ބްރޯޑްކާސްޓިންގ ޚިދުމަތެއް ދިނުމާގުޅޭގޮތުން މަޝްވަރާކުރެވި، ކުރިއެރުމުގެ އައު އަމާޒުތައް ކަނޑައެޅުމާއި ދާއިރާއިން ދޭދޭ ޤައުމުތަކުގެ މެދުގައި ގުޅުން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ބައްދަލުވުމެކެވެ. މިއީ އޭޝިއާ ޤައުމުތަކުގެ ބްރޯޑްކާސްޓަރުންގެ މެދުގައި ސަރަޙައްދީ ފެންވަރުގައި ބާއްވާ އެންމެ ބޮޑު އެއް ބައްދަލުވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ