ރޮބީނިއޯގެ ދަރިފުޅުގެ މޫނުމަތީގައި ނޭމާ ޖެހި މައްސަލައިގައި މައާފަށް އެދިއްޖެ

ސަންޓޯސްގެ ފަރިތަކުރުންތަކެއްގެ ތެރޭގައި އެ ޓީމަށް ކުޅޭ ޒުވާން ކުޅުންތެރިޔާ ރޮބީނިއޯ ޖޫނިއާގެ މޫނުމަތީގައި ޖެހި މައްސަލައިގައި ބްރެޒިލްގެ ތަރި ނޭމާ، ޕަބްލިކްގައި މައާފަށް އެދިއްޖެ އެވެ.
މި ހާދިސާ ހިނގާފައިވަނީ ސަންޓޯސްގެ ސީޓީ ރެއި ޕެލޭ ކޮމްޕްލެކްސްގައި މިދިޔަ އާދީއްތަ ދުވަހު އޮތް ފަރިތަކުރުންތަކުގަ އެވެ.
ރޮބީނއޯއަކީ ސަންޓޯސްގެ ކުރީގެ ކުޅުންތެރިޔާ އަދި އެ ޓީމުގެ ލެޖެންޑް ރޮބީނިއޯގެ ދަރިފުޅެވެ. 
ބްރެޒިލްގެ މީޑިއާތަކުން ބުނާގޮތުގައި، ރޮބީނިއޯ ޖޫނިއާ އާއި ނޭމާއާ ދެމެދުގައި މައްސަލަ ޖެހުނީ ފަރިތަކުރުންތަކުގެ ތެރޭގައި 18 އަހަރުގެ ރޮބީނިއޯ ޖޫނިއާ، ނޭމާ ކައިރިން ނައްޓާލާފައި ދިއުމުން އެކަމާ ނޭމާ ހިތްހަމަނުޖެހިގެންނެވެ. މި ހާދިސާއާ ގުޅިގެން ސަންޓޯސް ކްލަބުން ވަނީ ތަހުގީގެއް ވެސް ފަށާފަ އެވެ.
ޕަރަގުއޭގެ ރެކޮލެޓާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޭމާ ބުނީ އޭނާއަށް ހެދުނީ ގޯހެއް ކަމަށެވެ. މިހާރު ރޮބީނިއޯ ޖޫނިއާގެ އާއިލާގެ ކިބައިން ވެސް މައާފަށް އެދިފައިވާނެ ކަމަށް ވެސް ނާމޭ ބުންޏެވެވެ.
"މީޑިއާގެ ކުރިމަތީގައި މައާފަށް އެދެން ބޭނުންނަމަ މިއޮތީ އެކަން ކޮށްފައި. އަހަރެން މިހާރު ވާނީ އޭނާގެ ކިބައިންނާއި އާއިލާގެ ކިބައިން ވެސް މައާފަށް އެދިފައި. އަހަރެންނަށް އިން ފަހަނައަޅައި ދެވުނީ،" ނޭމާ ބުންޏެވެ.
ރޮބީނިއޯ ޖޫނިއާ ބުނީ ނޭމާ އޭނާގެ މޫނުމަތީގައި ޖެހުމުން ވަރަށް ދެރަވި ކަމަށާއި، ސަބަބަކީ ނޭމާއަކީ ކުޑައިރުއްސުރެ އޭނާގެ އައިޑަލްއަށް ވާތީ ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުވެފައިވާ ކަމަށް އޭނާ ކަށަވަރުކޮށްދިނެވެ.
"ހުރިހާ ކަމެއް މިހާރު ވަނީ ހައްލުވެފައި. އަހަރެން މިކަމާ ބެހޭގޮތުން މައިންބަފައިންނާ ވާހަކަދެއްކިން، އަދި އޭނާގެ މައާފު ގަބޫލުކޮށްފިން،" ރޮބީނިއޯ ޖޫނިއާ ބުންޏެވެ.
އަންގާރަ ދުވަހު ކުޅުނު މެޗުގައި ނޭމާ ލަނޑު ޖެހުމަށްފަހު ވަނީ ރޮބީނިއޯ ޖޫނިއާ ގައިގައި ބައްދާލައި، ދެމެދުގައި އޮތް ނުތަނަވަސްކަން ފިލައިގޮސްފައިވާކަން ދައްކާލާފަ އެވެ. ނޭމާ ބުނީ ރޮބީނިއޯ ޖޫނިއާއަކީ އޭނާ ވަރަށް ލޯބިވާ، އަމިއްލަ ކޮއްކޮއެއް ފަދަ ކުއްޖެއް ކަމަށެވެ.
ރޮބީނިއޯ ޖޫނިއާގެ ބައްޕަ، އުމުރުން 42 އަހަރުގެ ރޮބީނިއޯ މިހާރު ދަނީ ބްރެޒިލްގައި 9 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ 2017 ވަނަ އަހަރު އިޓަލީގައި ހިނގި ރޭޕްގެ މައްސަލައެއްގައި އޭނާގެ މައްޗަށް ކުށް ސާބިތުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ