"ހަބޭސް"ގެ ފަންނާނަކު އޮޅުވާލައިގެން ޑޮލަރު ހޯދާ ކަމުގެ ތުހުމަތުގައި ގްރޫޕުން ވަކިކޮށްފި

އޮޅުވާލައިގެން ޑޮލަރު ހޯދާ ކަމުގެ ތުހުމަތުގައި، މަޝްހޫރު ބޮޑުބެރު ގްރޫޕު "ހަބޭސް"ގެ ފަންނާނަކު އެ ގްރޫޕުން ވަކިކޮށްފި އެވެ.
ހަބޭސްގެ އަޔާޒް މުހައްމަދު އެ ގްރޫޕުން ވަކިކުރިކަން ހާމަކޮށް މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ގްރޫޕުން މިފަދަ ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުވަތަ އަމަލުތަކެއް ހިންގުމަށް އެއްވެސް އިރެއްގައި އެއްވެސް ބަޔަކަށް ހިތްވަރު ނުދޭނެ ކަމަށެވެ.
މި ކަހަލަ އަމަލުތަކަކީ އެކަންކަމުގެ ބާވަތުން އެ ގްރޫޕުގެ ނަން ވެސް ކިލަނބުވެދާނެ ކަމަކަށް ވާތީ، ސޯޝަލް މީޑިއާގައި އެ ވާހަކަތައް ފެތުރެން ފެށުމާ އެކު، އަޔާޒްއާ ވާހަކަދައްކައި، އެ ގްރޫޕުގެ ކޯޑް އޮފް ކޮންޑަކްޓުގައިވާ ގޮތުގެ މަތިން އޭނާއަށް ނަސޭހަތްދީ އިތުރު ފުރުސަތެއް ދިން ކަމަށް އެ ބަޔާނުގައި ބުންޏެވެ. 
އޭގެ ފަހުން ވެސް އެކަން ތަކުރާރުކޮށްފައި ވާތީ، ހަބޭސްގެ ހުރިހާ ހަރަކާތަކުން އޭނާ އެކަހެރިކޮށްފައިވާ ކަމަށް އެ ބޭންޑުން ބުންޏެވެ. 
ހަބޭސް އިން ބުނީ އެކަން ހިނގާފައިވާ ގޮތް އިދާރީ ގޮތުން ބެލިއިރު، އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާކަން ކަށަވަރުވުމާ އެކު، ޖިނާއީ އަދުލުގެ ނިޒާމުގެ ދަށުން އަޔާޒްގެ މި މައްސަލައަށް ޝަރީއަތުން ގޮތެއް ކަނޑައަޅަން ދެން، މިއަދުން ފެށިގެން އޭނާއަކީ އެ ގްރޫޕުގެ މެމްބަރެއް ނޫން ކަމަށް މެނޭޖުމަންޓުގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
މީގެ 14 އަހަރު ކުރިން 2011 ވަނަ އަހަރު އުފެދުނު ހަބޭސް ބޮޑުބެރު ގްރޫޕަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ބޮޑުބެރު ގްރޫޕެވެ. އަދި ޒަމާނީ ބޮޑުބެރުގައި އެންމެ ހިނގާ އެއް ނަމެކެވެ.
ރާއްޖޭން ބޭރުގައި ވެސް ވަރަށް ގިނައިން ރާއްޖެ ތަމްސީލުކޮށްފައިވާ އެ ގްރޫޕުން 2013 ވަނަ އަހަރު ވަނީ އަމިއްލަ ރެކޯޑިން ސްޓޫޑިއޯއެއް ވެސް ހަދައިފަ އެވެ. 
ރާއްޖޭގެ ފުރަތަމަ ބޮޑުބެރު އަލްބަމް "ޖިންނި"އަކީ ވެސް އެ ގްރޫޕުގެ އުފެއްދުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ