އަދީބު، ނާޒިމް ފްރޭމްކޮށްފާނެ: އުމަރު

ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފްރޭމް ކޮށްފާނެ ފަދަ ބޭފުޅެއް ކަމަށް ގަބޫލު ކުރެއްވޭ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލަ އާއި ތިން ވަޒަން ފެނުނު މައްސަލާގައި ނާޒިމް 11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. އަދި އެ މައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި އިއްޔެ ވަނީ ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި، ނާޒިމްގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ، ނާޒިމްގެ ކޮޓަރީގައި ފިސްތޯލަ ބޭއްވީ އާސިފް ނަމަކަށް ކިޔާ ފުލުހެއް ކަމަށާއި އެކަމަށް ހެކިބަސް ދޭނެ ހެކިން އެބަތިބި ކަމަށެވެ.
މިކަމާ ގުޅިގެން "މިހާރު"އާ ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ނާޒިމް ފްރޭމް ކުރުމުގައި، މުޅި ފުލުހުންގެ މުއައްސަސާ ބައިވެރިވެދާނެ ކަމަށް ގަބޫލު ކުރައްވަން ދަތި ކަމަށެވެ. އެކަމަކު ވަކިވަކި ފުލުހުންނަށް ފައިސާ ދީގެން އެކަން ކުރުމުގެ ފުރުސަތު އޮވެދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ރައީސް ޔާމީނާއި ހޯމް މިނިސްޓަރު އުމަރު ނަސީރު ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
"އެއީ ރައީސް ވެސް ވިދާޅުވެފައިތާ އެ އޮތީ، ވަކިވަކި ފުލުހުންނަށް އަދީބު ލާރި ދީގެން ބައެއް ކަންކަން ކުރުވާފައިވާ ކަމަށް. އެކަމަކު މުޅި ފުލުހުންގެ މުއައްސަސާ އަކީ ވަރަށް ޕްރޮފެޝަނަލްކޮށް އޮޕަރޭޓްކުރާ ތަނެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި ޓޫރިޒަމް މިނިސްޓަރުކަމުގައި އަދީބު ހުންނެވި ދުވަސްވަރު، ބައެއް ކުށްތަކުގައި އަދީބު ބައިވެރިވާ ކަމުގެ ރިޕޯޓެއް ފުލުހުންގެ ފަރާތުން ލިބިވަޑައިގަތުމުން، އެކަން ބަލަން އެންގުމާ ގުޅިގެން، ނާޒިމާއި އޭނާ "ހޭއަރުވާލާނެ" ކަމަށް ވިދާޅުވެ، އަދީބު އިންޒާރު ދެއްވި އެވެ. އުމަރު ވިދާޅުވީ އެ އިންޒާރު އަދީބު ދެއްވީ، އޭނާ އާއި ނާޒިމް އަދި އަދީބާ ތިން ބޭފުޅުން ކުރެއްވި ކޮންފަރެންސް ކޯލުގައި ކަމަށެވެ.
ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތަކަށް ފަހު އަދީބު ފުލުހުން ގެންދަނީ.---މިހާރު ފޮޓޯ
"އެހެންވީމާ ކަންތައް ހިންގާފައިވާ ގޮތަށް ބަލާއިރު އަދީބު، ނާޒިމް ފްރޭމް ނުކުރާނެއެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. އެކަމަކު ޝަރީއަތުގެ މަޖިލިހުން އެކަން ނިންމާނީ. ހަގީގަތަކީ އޭރުގެ ސީޕީ ހުސެއިން ވަހީދަކީ އަދީބުގެ ކަނާތާއި ވާތް. އެހެންވީމާ އޭރުގެ ސީޕީ އަށް ނޭނގި މިފަދަ ކަމެއް ހިނގާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އުމަރު ވިދާޅުވި އެވެ.
އުމަރު އެހެން ވިދާޅުވިއިރު ސުޕްރީމް ކޯޓުގައި މިއަދު އޮތް ނާޒިމްގެ އިސްތިއުނާފުގެ ޝަރީއަތުގެ މަޖިލިހުގައި ނާޒިމްގެ ވަކީލު ވަނީ، އަދީބާއި ނާޒިމާއި އުމަރާ އެކު ހެދި ކޮންފަރެންސް ކޯލެއްގައި ނާޒިމަށް އަދީބު އިންޒާރު ދިން ކަން ސާބިތުކުރަން އުމަރު ވެސް ހާޒިރުކޮށްދޭން އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ