ހަތް ގަޑިއިރަށްވުރެ މަދުން ނިދުމުން ހަށިގަނޑަށް ވަނީ ކިހިނެއް؟
ނިދުމަކީ ހަމައެކަނި އަރާމުކޮށްލުމަށް ކުރާ ކަމެއް ނޫނެވެ. އެއީ އިންސާނާގެ ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. މަދުން ނިދުމަކީ ވަގުތުން ފުރާނައަށް ނުރައްކާވާ ކަމަކަށް ނުވި ނަމަވެސް، ކޮންމެ ރެއަކު ހަތް ގަޑިއިރަށް ވުރެ މަދުން ނިދުމަކީ އަޅުގަނޑުމެން ހީވެސް ނުކުރާ ފަދަ ގޮތްގޮތަށް ސިއްހަތަށް ނުރައްކާވާނެ ކަމެކެވެ. ޒަމާނީ ދިރިއުޅުމުގައި މީހުން އެންމެ ފުރަތަމަ ގުރުބާންކުރާ އެކައްޗަކީ ނިންޖެވެ. ރޭގަނޑު މާލަސްވަންދެން ފޯނާއި ކޮމްޕިއުޓަރުގެ ސްކްރީންތަކަށް ބެލުމާއި، ވަޒީފާގެ ބުރަކަމާއި، ދަތުރުފަތުރުގެ ދަތިތަކުގެ ސަބަބުން މަދުން ނިދުމަކީ މިހާރު އާންމު ކަމަކަށް ވެއްޖެއެވެ. މަދުން ނިދުމަކީ ހަށިގަނޑުގެ ގުނަވަންތައް ހަމައަކަށް އެޅި، ހޯމޯންތައް ހަމަހަމަކުރުމާއި، ހަނދާންތައް ވަރުގަދަކުރުމުގެ އިތުރުން ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އޮތް ހުރަހެކެވެ. އެކަށީގެންވާ އަރާމު ނުލިބޭނަމަ މި މަސައްކަތްތައް ހަށިގަނޑުގައި ފުރިހަމައެއް ނުވެއެވެ. ހަފްތާ ބަންދުގައި ނިދި ހަމަކުރުމުގެ ވިސްނުން ގެންގުޅުމަކީ، ދިގު މުއްދަތުގައި ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް އޮތް ހައްލެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވޭ--ފޮޓޯ/ސައިންސްނިއުސްއެކްޕްލޯސް އިންޑިއާގެ ޕޫނޭގެ ގުންޖަން އައި.ވީ.އެފްގެ ސްލީޕް ހެލްތު ކޮންސަލްޓަންޓް، ޑރ. މީނާކްޝީ ކުލްކަރްނީ ވިދާޅުވާ ގޮތުގައި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ބޮޑެތި މީހުން މަދުވެގެން ހަތް ގަޑިއިރު ނިދަން ޖެހެއެވެ. "ދާއިމީކޮށް ނިދި މަދުވުމުގެ ސަބަބުން ސްޓްރެސް ހޯމޯންތަކަށް ބަދަލު އައިސް، ލޭގެ ޕްރެޝަރު މަތިވެ، ހަށިގަނޑުގެ ހަކުރު ދައުރުވާ މިންވަރަށް ބަދަލު އާދޭ. މީގެ ސަބަބުން ހަކުރު ބައްޔާއި، ހިތުގެ ބަލިތަކާއި، ފަލަވުމާއި، ނަފްސާނީ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވޭ" ޑރ. މީނާކްޝީ ވިދާޅުވެފައިވެއެވެ. ޑރ. މީނާކްޝީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ގިނަ މީހުންނަށް ހީވަނީ ހަފްތާ ބަންދުގައި ގިނައިރު ނިދުމުން ނިދި ހަމަކުރެވޭނެ ކަމަށެވެ. ނަމަވެސް މިއީ ދިގު މުއްދަތުގައި ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށް އޮތް ހައްލެއް ނޫނެވެ. ނިދި މަދުވުމުގެ ސަބަބުން ދިމާވާ ބައެއް މައްސަލަތައް: 1. އަބަދު ވަރުބަލިވުމާއި ދުވާލު ނިދި އައުން: ހޭލާ ހުންނަ ވަގުތު މާބޮޑަށް ވަރުބަލިވެ، ނިދި އަންނަ ނަމަ އެއީ ނިދި ހަމަނުވާކަމުގެ ހެއްކެކެވެ. މީގެ ސަބަބުން ދުވަހުގެ މަސައްކަތްތަކަށް ހުރަސް އެޅި، އުފެއްދުންތެރިކަން ދަށްވެއެވެ. 2. ހަނދާން ބަލިވުމާއި ސަމާލުކަން ކުޑަވުން: ސިކުނޑީގެ ދުޅަހެޔޮކަމަށާއި ހަނދާންތައް ރައްކާކުރުމަށް ނިދި ވަރަށް މުހިންމެވެ. ނިދި މަދުވުމުން ކަންކަމަށް ސަމާލުކަން ދިނުމަށް އުނދަގޫވެ، ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވެއެވެ. މީގެ އިތުރުން، ދުއްވާއިރު ނުވަތަ މަސައްކަތް ކުރާއިރު ކަންކަމަށް އިޖާބަދޭ ދުވެލި މަޑުވެ، ނުރައްކާތެރި ހާދިސާތައް ހިނގުމަށް މެދުވެރިވެއެވެ. ސިއްހަތަށްޓަކައި ނިންމޭނެ އެންމެ ރަނގަޅު އެއް ނިންމުމަކީ އަރާމު ނިދި ހޯދުން ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އީޓްދިސް 3. މޫޑު ބަދަލުވުމާއި އަވަހަށް ރުޅިއައުން: ނިދި ހަމަނުވުމުން ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަށް އުނދަގޫވެއެވެ. މީގެ ސަބަބުން މާބޮޑަށް ކަންބޮޑުވުމާއި، ރުޅިގަދަވުމާއި، ދެރަވުން ފަދަ ކަންކަން މެދުވެރިވެއެވެ. 4. ބަލިތަކަށް ހުށަހެޅުން (ދިފާއީ ނިޒާމު ބަލިކަށިވުން): ހަތް ގަޑިއިރަށް ވުރެ މަދުން ނިދާ މީހުންނަށް އަވަސް އަވަހަށް އަރިދަފުސް ރޯގާ ފަދަ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ ނިދި މަދުވުމުން ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ ސެލްތައް އުފެއްދުމަށް ހަށިގަނޑަށް ހުރަސް އެޅޭތީއެވެ. 5. ބަރުދަން އިތުރުވުމާއި ކާހިތްވުން: ނިދި މަދުވުމުން ބަނޑުހައިވުން ކޮންޓްރޯލްކުރާ ހޯމޯންތަކަށް ބަދަލު އާދެއެވެ. މީގެ ސަބަބުން ފޮނި އެއްޗިއްސާއި ކެލޮރީ ގިނަ ކާނާއަށް އޮންނަ ޝައުގުވެރިކަން އިތުރުވެ، ބަރުދަން އިތުރުވުމަށް މަގުފަހިވެއެވެ. 6. ބޮލުގައި ރިއްސުމާއި ހަށިގަނޑުގައި ރިއްސުން: ނިދި މަދުވުމުން ހަށިގަނޑުގެ ދުޅަހެޔޮކަން ގެއްލި، ބޮލުގެ ރިއްސުމާއި މައިގްރޭން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. އަދި ތަދު އިހުސާސްވާ މިންވަރު ވެސް މަތިވެއެވެ. 7. ލޭގެ ޕްރެޝަރު މަތިވުން: ނިދުމަކީ ލޭގެ ޕްރެޝަރާއި ހިތުގެ ވިންދު ހަމަޖެއްސުމަށް ލިބޭ ފުރުސަތެކެވެ. ގަވާއިދުން ނިދި މަދުވާނަމަ، ލޭގެ ޕްރެޝަރު މަތިވެ ހިތުގެ ބަލިތަކަށް ހުށަހެޅެއެވެ. 8. ހިތްވަރު ދެރަވުމާއި މަސައްކަތުގެ ފެންވަރު ދަށްވުން: ނިދި މަދުވުމުގެ ސަބަބުން ކަންކަމުގައި ގޮތް ނިންމުމުގެ ގާބިލުކަމާއި، އައު އީޖާދީ ޚިޔާލުތައް ނެރުމަށް އުނދަގޫވެއެވެ. ކުރިން ފަސޭހައިން ކުރެވޭ ކަންކަންވެސް އުނދަގޫ ކަންކަމަށް ވެގެންދެއެވެ. މިހާރުން މިހާރަށް ސަމާލުވާންވީ ކީއްވެ؟ ސިއްހަތަށްޓަކައި ނިންމޭނެ އެންމެ ރަނގަޅު އެއް ނިންމުމަކީ އަރާމު ނިދި ހޯދުމެވެ. ގަވާއިދުން ނިދާ ވަގުތުތަކެއް ކަނޑައަޅައި، ނިދުމުގެ ކުރިން ފޯނާއި ސްކްރީންތަކާ ދުރުވެ، ހަމަހިމޭން މާހައުލެއްގައި ނިދުމަށް އާދަކުރާށެވެ. މިއަދު އަޅުގަނޑުމެން ހޯދާ ރަނގަޅު ނިދި، މުސްތަގުބަލުގައި އަޅުގަނޑުމެންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރިކޮށްދޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ