ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާ އާއި ތަކެތި ހޯދައި ދެ ކުއްޖަކު ހައްޔަރުކޮށްފި

ހއ. ފިއްލަދޫ ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާއާއި ތަކެތި ހޯދައި ވައްކަން ކުރިކަމުގެ ތުހުމަތުގައި ދެ ކުއްޖަކު ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، 17 އަހަރުގެ ދެ ކުއްޖެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ދެ ކުދިން ހައްޔަރުކޮށްފައިވަނީ، ފިއްލަދޫ ފިހާރައެއް ފަޅާލައި އެ ފިހާރައިން 2400 ރުފިޔާއަށްވުރެ، ގިނަ ފައިސާ އާއި ސިނގިރޭޓްތަކެއް ވަގަށް ނަގާފައިވާ ކަމަށްބުނެ، ފުލުހުންނަށް ހުށައެޅި މައްސަލައަކާއި ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މި މަހުގެ ހަތްވަނަ ދުވަހުއެވެ.
ވަގަށް ނަގާފައިވާ ފައިސާއާއި ތަކެތި ހޯދާފައިވަނީ ފިއްލަދޫ ވަލުތެރޭގައި ފޮރުވާފައިވަނިކޮށް ކަމަށް ފުލުހުން ހާމަކުރެއެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ދެ ކުދިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންވަނީ ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ