ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން 2026 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލުމަށް އެދޭ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
2026 ޖޫން 6 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި، ރަޖިސްޓަރީ ބަދަލުކުރުމުގެ ފުރުޞަތު މިއަދު ހެނދުނު 10:00 އިން ފެށިގެން، 2026 މޭ 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 1:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދެއްވާގޮތުގައި، މި މުއްދަތުގައި ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތައް އެކަންޏެވެ. އަދި މިދެންނެވި އިންތިޚާބުގައި މާލެ، ހުޅުމާލެ ނުވަތަ ވިލިމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތައް މި ބައި-އިލެކްޝަންގައި ރަޖިސްޓަރީވެފައި އޮންނާނީ މާލެއަށެވެ.
ނަމަވެސް، ރިސޯޓު، ޖަލު ނުވަތަ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން، މި އިންތިޚާބުގެ ރަޖިސްޓަރީގައި މިހާރު ހިމެނިފައިވަނީ އެމީހެއްގެ ދާއިމީ އެޑްރެހުގައެވެ. އެހެންކަމުން އެ ފަރާތްތަކުން އެހެން ތަނެއްގައި ވޯޓުލާން ބޭނުންނަމަ އަލުން ރީ-ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.
ރީ-ރަޖިސްޓަރީވުމުގެ ކަންކަން ކުރިއަށްދާނީ އޮންލައިންކޮށް، ކޮމިޝަނުގެ ’ރީ-ރަޖިސްޓްރޭޝަން ޕޯޓަލް‘ (form.elections.gov.mv) ނުވަތަ ’މައި ޕޯޓަލް‘ (my.elections.gov.mv) މެދުވެރިކޮށެވެ. ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު، އައިޑީ ކާޑުގެ ކޮޕީއާއި ފޮޓޯ ހުށަހަޅަންޖެހޭނެއެވެ. އެހެންނަމަވެސް ’މައި ޕޯޓަލް‘ މެދުވެރިކޮށް ވެރިފައިޑް އީފާސް (eFaas) އެކައުންޓަކުން ހުށަހަޅާ ފަރާތްތަކުން ކާޑުގެ ކޮޕީ ނުވަތަ ފޮޓޯ ހުށަހަޅާކަށް ނުޖެހޭނެއެވެ.
ވޯޓުލުމަށް މިހާރު ރަޖިސްޓަރީވެފައިވާ ތަން ބެލުމަށް VR (Space) ID-Number ޖެހުމަށްފަހު 1414 އަށް އެސް.އެމް.އެސް ކުރުމުން ނުވަތަ ކޮމިޝަނުގެ ވެބްސައިޓް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ކޮމިޝަނުގެ ހޮޓްލައިން 1414 އަށް ގުޅުއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރައްވައެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން އޮންނާނީ 2026 ޖޫން 6 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 4:00 އަށެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ