މިހާރު ފެންނަމުންދަނީ ބާރަށް ޖަހަން ކުރި މަސައްކަތުން ބޫޓު ނެއްޓިގެން ދިޔަ މަންޒަރެވެ. ކުޅިވަރު ކުޅޭއިރު ބޫޓަށް އަރަނީ ފައިގެ ރައްކައުތެރިކަމަށާއި މީހާ ހެލިފެލިވެ އުޅެން ފަސޭހަ އަކަށެވެ. ބޫޓަށްވެސް ކެތްވާނީ ފަޔަށް ކުޅަދާނަ މިންވަރަށެވެ. ގައުމެއްގެ ހާލަތު ފާލުން ނެއްޓުމުން އެންމެ ބޮޑު ޕްރެޝަރެއް އޮންނާނީ ގައުމު ހިންގަން އެ ވަގުތަކު ތިބި ބައެއްގެ ބޮލުގައެވެ. ބޫޓު ފައިން ނެއްޓޭ ގޮތަށް އެ މީހުންގެ ބޯ ގޮވާ މަންޒަރު ނުފެނިދާނެއެވެ. އެއީ އިހުސާސް ކުރަން ޖެހޭނެ މަންޒަރެކެވެ. އެ ބޮލަށް ވެސް ކުޅަދާނަވާނީ ބޮލަށް ކެތްވާ މިންވަރަށެވެ. ފިކުރަކާއި މުތުލަގަށް ދެކޮޅުވެ، ދެބަސް ވުމަކީ އޮތްކަމެކެވެ. އެކަންވެސް އޮންނަނީ ހުދޫދެއްގެ ތެރޭގައި ކަސްތޮޅު އެޅިފައެވެ.
ރާއްޖޭގައި އޮންނަނީ މައިގަނޑު ދެ ސިޔާސީ ފިކުރެކެވެ. ސަރުކާރު ހިންގަމުން ދަނީ އެ ފިކުރުތެރެއިން ކޮން ފިކުރެއްގައިކަން ސަރުކާރަށްވެސް ނުއެނގި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އެހެނީ ވެރިކަމަށް އަދުގެ ސަރުކާރު ގެންނަން މަސައްކަތް ކުރި ބަޔަކު މަސައްކަތް ކުރީ އޭގެ ކުރިން ވެރިކަން ކުރި ސަރުކާރުގެ ނުރަނގަޅު ސިފަތަކެއް ފެނުމުން ކަމުގައި ބުނވިދާނެއެވެ.
ބަހުސްގެ ބޭނުމަށް އަދުގެ ސަރުކާރަކީ ދެ ފިކުރުގެ ތެރެއިން ހެޔޮ ފިކުރުކަށް ބުނަމާ ތޯއެވެ. ދެބަސްވެ އެއްބަސްވާ ބަޔަކު ތިބުން ބައިކޮށްލަމާތޯއެވެ. ވެރިކަމަށް އަދުގެ ސަރުކާރު އައީ ހުސް ގޮނޑިއެއްގެ އަޖަލުގައި ރައްޔިތުން ޖައްސައިގެންނެވެ. ފޮޓޯ ގަނޑެއް ފަހަތުގައި ކުރަހައިގެންނެވެ. “ނުހައްގުން ޖަލުގައި”، “އަދުލު އިންސާފު މުށު ތެރޭގައި” ގޮވަމުންނެވެ. މިއީ ރުހުނަސް ނުރުހުނަސް، ދެވަސްވެ އެއްބަސް ވިޔަސް ހަގީގަތެވެ.
ބޭރުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބި ކަމުގެ ތުހުމަތާއި، ސިއްރު ކުރެވިފައިވާ އެއްބަސްވުންތަކެއް ހާމަ ނުކުރުމާއި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލި ނުވަތަ ވިއްކާލި ތުހުމަތާއި ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑު ކޮށްލި ކަމުގެ ތުހުމަތާއި ރާއްޖެއިން ލިބޭ އާމްދަނީއިން ރާއްޖެ ކުޑަ ސަރުކާރަކުން ހިންގާނެކަމާއި، އަދުލު އިންސާފު އެންމެންނަށް ހަމަހަމައަށް ލިބޭނެކަމުގެ ކަށަވަރުކަމާއި، ސަރުކާރުން ދައުލަތުގެ މުއައްސަސާތަކަށް އަތްނުބާނާނެ ކަމުގެ ޔަގީން ކަމާއި އެކުގައެވެ. މިއީ ވައުދު ނާމާގެ ކޯރުން ކޯވަރެކެވެ.
ފިކުރުގެ އަޖަލުގައި ޖެހިފައިވާ ބޭފުޅުންނަށް އޮތީ އެންމެ ސުވާލެކެވެ. އޭރުގެ ފިކުރު ހުތުރުވެ ފަކުރީއެވެ. މިއަދުގެ ފިކުރުގައި އެ ފަކުރުވި ސިޔާސަތާއި ހުރީ ކޮން ތަފާތެއް ތޯއެވެ؟ ބޭރުގެ އަސްކަރިއްޔާ ނެތްތޯއެވެ. ސިއްރު އެގްރީމަންޓްތައް ރައްޔިތުންނަށް ފެނުނީ ތޯއެވެ. ރާއްޖޭގެ އިގްތިސާދާއި ދައުލަތުގެ އިސްރާފު ހެޔޮ ވީތޯއެވެ. ރާއްޖޭގެ ސަރަހައްދުގެ ކަނޑު އަނބުރާ ލިބުނީތޯއެވެ. އަދުލު އިންސާފު ސަރުކާރުގެ ނުފޫޒުން މިންޖުވީ ތޯއެވެ. ޖަވާބު ކިޔުންތެރިންނަށް ދޫކޮށްލަމެވެ.
“ހާދަ ހެޔޮ ސަރުކާރެކޭ” ބުނާނެ މީހުން ތިބޭނެއެވެ. ސަރުކާރުގެ މުސާރަވެރިންނާއި އެ މުސާރަވެރިންގެ ގާތް ތިމާގެ މީހުންނެވެ. އެއީ ފިކުރެއް ނޫނެވެ. އެއީ އަމިއްލަ އެދުމެވެ. އަމިއްލަ އެދުމުގެ ޝިކާރައަކަށް ވެފައިވާ މީހަކު ފިޔަވާ ކަންކަން ރަގަޅު ކަމަށް ބުނާ މީހަކާއި ކުރިމަތި ނުވެއެވެ. އަމިއްލަ އެދުމުގެ މީހުންގެ އަދަދަކީ ސަރުކާރު އެންޑޯޒް ކުރާ މިންވަރު ދެނެގަނެވޭނެ މީޒާނެއް ނޫނެވެ. އެއީ ރަނގަޅުވުމުގެ ސިއްކައެއްވެސް ނޫނެވެ. ނަމަވެސް ހައި ހޫނުކަން ފިލުވަން އެހެންގޮތެއް ނެތިފައި ތިބި ބައެއް މީހުން ސަރުކާރުން އެންގުމަކާއި ނުލާވެސް އެއްވުންތަކަށް ހިނގައިދާނެއެވެ. ނަށާ ލަވަވެސް ކިޔާ ހަޅޭއް ފަޅޭ ލަވާ ފާނެއެވެ. އޭގެ ތެރެއިން ގިނައީ ބަނޑަށް އަރާފާނެ ހޫނަކުން ސަލާމަތްވާން އުޅޭ މީހުންނެވެ.
ފިކުރަކީ އެ މީހަކު ގަބޫލުކޮށް ބަލައިގަންނަ ސިޔާސަތެކެވެ. އަދުގެ ސަރުކާރުގެ ފިކުރެއް ނެތެވެ. ސިޔާސަތެއްވެސް ނެތެވެ. އެހެން ވީމާ ސިޔާސަތާއި ފިކުރަކީ ތިމާގެ އިސްކޮޅަށް ވުރެ މަތީ ވާހަކައެކެވެ. ޖާހިލުކަމުގެ ނިޝާނެކެވެ. ފުރައްސާރައެކެވެ. އޮޅުވާލުމެކެވެ. ސަރުކާރުން ލާރި ނުދޭނަމަ ތިޔަ ސިޔާސަތާއި ފިކުރު މިހާރު އޮތީހީ ކަފުންކޮށް ވަޅުލާފައެވެ. “ވެހޭތޯ ފެން ނަގަނީއެވެ”. އިތުރު އެއްވެސް ކަމެއް މިއަދާ ގުޅުވޭނެ ހަމައެއް ނެތެވެ.
ގުޑައިފިއެވެ. ނީސްތައްޓަށް އަރައިފިއެވެ. ގޮތް ހުސްވެ، ހާސްވެ، ކޮސްވެ މުޅަވެއްޖެއެވެ. ފިކުރު ދޫކޮށްލާށެވެ. ކުރީން ކަންވީގޮތްވެސް ދޫކޮށްލާށެވެ. އަދުގެ ހާލަތަށް ތިން ރައީސުންގެ މަޖުމާއިން ނަތީޖާއެއް ލިބޭތޯ ބަލަމާތޯއެވެ. ސަރުކާރުގެ ވެރިޔާ މި ވޭތުވެ ދިޔަ ދެ ތިން އަހަރުގައި ދެއްކި ވާހަކައަކާއި އަމަލާ ދިމާވެއްޖެ ތޯއެވެ. ބާރަށް ނޫނެކޭ ބުނެފިނަމަ މާބާރަށް އެކަމެއް އާނ އަކަށް ވެއެވެ. ދޮގެކޭ ބުނާ ކޮންމެ ކަމެއް ތެދަކަށް ވެއެވެ. އަދި އާނ ބުނެފިނަމަ ދެން އެކަން ހަނދާނުން ފޮހެލަން ތަންމަތި ބަންނަންވީއެވެ. ހަމަގައިމުވެސް ބަހާ އަމަލާ ދިމާނުވުމުގެ މިސާލު ހޯދާނަމަ އެކަން ވަރަށްވެސް ސާފެވެ. އަސަރެއް ނުކުރާނެ ވަރުގެ ކަމެއް ނަމަ ސަރުކާރު އެކުގައި ޑިފެންސަށް ކުޅެން ޖެހޭ ފަދަ ހާލަތެއް ތިން ރައީސުންގެ މޭޒު ދޮށުން ފެނުނީ އެއް ނޫނެއްނުން ތޯއެވެ.
ޖެހިލުންވާނަމަ ވިޔާނުދާ ކަންކަމުން ދުރުހެލިވެލާން މަސައްކަތް މިސްރާބު ކުރާށެވެ. ތިޔަ ޖަހާ ހިސާބު މޮޅު ހިސާބު އިލްމުވެރީންނަށް ވެސް ނޭނގޭނެ މިންވަރަށް ހަރާބު ނުކުރާށެވެ. ހެޔޮ ނުބައި ނިންމާނީ ރައްޔިތުންނެވެ. ސަރުކާރުގެ މުއްފަތުން އުޅޭ އަޅުންނަކަށް ޗޮއިސްއެއް ނޯންނާނެއެވެ. ސަލާމް ޖަހަން މަޖުބޫރުވެފައިވާ މީހުންނަށް ވެސް ބޭނުން ހުރިހާއެއްޗެއް ނުލިބެއެވެ.
3 ރައީސުން އެއްތަން ވެލުމުން މުޅި ސަރުކާރު ޑިފެންސަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ