އަދަދުގެ ނޫސްވެރިން ޖަލަށްލައި، ޖިނާއީ ދައުވާކުރާ މައްސަލަ އދ. އަށް ހުށަހަޅައިފި

އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން އާއީ ލީވާން އަލީ ނާސިރު ޖަލަށް ލައި، މި ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ޖިނާއީ ދައުވާތަކެއް އުފުލާފައިވާ މައްސަލަ އދ. ގެ ކަމާ ބެހޭ އިދާރާތަކަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ހުށަހަޅައިފި އެވެ.
އެމްޖޭއޭއިން ވަނީ އދ. ގެ ސްޕެޝަލް ޕްރޮސީޖާސްގެ ހަތަރު މެންޑޭޓަކަށް މި މައްސަލަ ހުށަހަޅާފަ އެވެ. އެއީ އދ. ގެ ވާކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާބެހޭ ސްޕެޝަލް ރެޕަޓުއާ އާއި ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ ސްޕެޝަލް ރެޕަޓުއާ އާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާ ބެހޭ ރެޕަޓުއާގެ އިތުރުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމާއި ޖަމާއަތް ހެދުމުގެ މިނިވަންކަމާ ބެހޭ ސްޕެޝަލް ރެޕަޓުއާއަށެވެ.
މިކަމާ ގުޅިގެން އެ އިދާރާއިން ނެރުނު ބަޔާނެއްގައި މައްސަލަ ހުށަހެޅި ސަބަބުތަކުގެ ތެރޭގައި މުޅި މުޖުތަމައުއަށް ރައްދުވާ ގޮތަށް ނެރެފައިވާ އަނގަބަންދުކުރުމުގެ އަމުރު (ގެގް އޯޑާ) ބަޔާންކޮށްފައިވެ އެވެ. ޝަހުޒާން އާއި ލީވާން ޖަލުގައި ބަންދުކުރަން ކޯޓުން ހުކުމްކުރީ ކޯޓުގެ މި އަމުރާ ހިލާފުވީ ކަމަށް ނިންމާފަ އެވެ. ކޯޓުން މި ހުކުމް ކުރީ ވަކީލަކު އައްޔަނުކުރަން ދެ ގަޑިއިރު ދިނުމަށް ފަހު، ވަކީލަކު ނުލިބުމުން ކޯޓުން އެ ފުރުސަތު ވެސް ނުދީ އެވެ.
އެމްޖޭއޭއިން ވަނީ، ސަރުކާރާއި ރައީސް މުހައްމަދު މުއިއްޒުއަށް ފާޑުކިޔާ ކުރަމުންދާ ރިޕޯޓިންތަކާ ގުޅިގެން އަދަދު ނޫހާއި ނޫސްވެރިންނާ ދެކޮޅަށް ބަދަލު ހިފުމުގެ ސަރުކާރުން ކަންކަން ކުރަމުން އަންނަ ކަމަށް  ބުނެފަ އެވެ. 
އެމްޖޭއޭއިން ހުށަހެޅި މައްސަލައިގައި ތުހުމަތުކުރި ކަންކަން
އަނގަބަންދުކުރުމުގެ އަމުރާ ހިލާފުވީ މައްސަލައިގައި ޖަލުގައި ބަންދުކުރި ދެ ނޫސްވެރިންގެ މައްސަލަ އެމްޖޭއޭގެ ހުށަހެޅުމުގައި ފާހަގަކޮށްފައި ވަނީ އާބިޓްރަރީ ޑިޓެންޝަން (ގާނޫނާ ހިލާފަށް ހައްޔަރުކޮށް ބަންދުކުރުން) ގެ މައްސަލައެއްގެ ގޮތުގަ އެވެ.
އެމްޖޭއޭގެ ހުށަހެޅުމުގައި ވަނީ އެ ޖަމިއްޔާއިން ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އަވަސް ފިޔަވަޅުތަކެއް އަޅައިދޭން އެދިފަ އެވެ. އޭގެ އިތުރުން ހައްޔަރުކޮށްފައިވާ ނޫސްވެރިންނާއި މި ނޫހުގެ ތަކެތި ދޫކޮށްލާށާއި، މި ނޫހުގެ އިސްވެރިންގެ މައްޗަށް ކުރާ ދައުވާތައް އަނބުރާ ގެންދާށާއި، ނޫސްވެރިންނަށް އިންސާފުވެރި ޝަރީއަތެއް ކަށަވަރުކޮށްދިނުމުގެ އިތުރުން އަނގަބަންދުކުރުމުގެ އަމުރު އުވާލަން ނުވަތަ މުރާޖައާކޮށް އަމުރުގެ ދާއިރާ ހަނިކުރަން ސަރުކާރަށް ގޮވާލަން ވެސް ނޫސްވެރިންގެ ޖަމިއްޔާއިން އެދުނެވެ.
އދ. އަށް މައްސަލަ ހުށަހެޅުމުގެ ކުރިން އެމްޖޭއޭއިން ވަނީ މި ނޫހުން ނެރުނު "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ