ނުރައްކާތެރި އެތައް ހާދިސާއެއްގައި ފީނި، ގެއްލިގެން ދިޔައީ އެންމެ މޮޅު އެއް ޑައިވަރު

ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ފުރާނަ އަތްމައްޗަށް ލައިގެން، ކަނޑުގެ އެތައް މީޓަރެއް އަޑިއަށް ދިޔަ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީއަކީ އެ ފަދަ ދެވަނައެއް ނެތް ޑައިވަރެކެވެ.
އެކަމަކު އެ ހާދިސާގައި އޭނާގެ ހާލު ދެރަވެ މިއަދު ވަނީ ނިޔާވެފަ އެވެ. އެއާއެކު މުޅި ސޯޝަލް މީޑިއާ ފުރާލީ، 44 އަހަރުގެ އެ ޑައިވަރުގެ ހިތްވަރުގެ ވާހަކައިންނެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި މަހުދީއަކީ އެ ދާއިރާއިން ރާއްޖޭގައި އެންމެ ބޮޑަށް ތަމްރީނު ލިބިފައިވާ، އެންމެ މޮޅު އެއް ޑައިވަރެވެ. އެގޮތުން މިވީ ދުވަސްތަކުގައި އެތައް ހާސް ފަހަރަކު ފީނާފައިވާއިރު، ނުރައްކާތެރި އަދި އުނދަގޫ ހާލަތެއްގައި އެ މަސައްކަތްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މަހުދީ ވަނީ އޮޕަރޭޝަނެއްގައި 70 މީޓަރު ފުނަށް ވެސް ފީނާފަ އެވެ.
ވ. އަލިމަތާ ކައިރިން، އިޓަލީގެ ފަސް ޑައިވަރުން ފީނާފައިވަނީ، ރާއްޖޭގެ ގަވައިދުގައި އޮންނަ ފުންމިނަށް ވުރެ މާފުނަށް، 60 މީޓަރު އަޑީގައި އޮންނަ ކޭވް އަކަށެވެ. ގަވައިދުގައި އޮންނަ ގޮތުން، އެންމެ ފުނަށް ފީނޭނީ 30 މީޓަރަށެވެ.
ޑައިވަރުން ހޯދުމުގެ މި ނުރައްކާތެރި އޮޕަރޭޝަނުގައި އެންމެ އިސްކޮށް ހުރި އެކަކީ ވެސް މަހުދީ އެވެ.
އިހުސާން ވިދާޅުވި ގޮތުގައި އޭނާއާއެކު ސިފައިންގެ ޓްރެއިނިން ފުރިހަމަ ކުރި، މަހުދީއަކީ އޭނާ ދެނެވަޑައިގެންނެވި އެންމެ މޮޅު ގާބިލް އެއް ސިފައިން މީހާ އެވެ.
"މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޑައިވަރުން ކުރިމަތިލަނީ ގިނަ ބަޔަކަށް ދުވަހަކުވެސް ތަސައްވަރު ނުކުރެވޭނެ ފަދަ ނުރައްކާތަކާ އެވެ. އެ މީހުންގެ އަސްލު މަސައްކަތް ފެށެނީ، ހާލަތްތައް ގޯސްވެ، ނުރައްކާ އެންމެ ބޮޑުވާ ހިނދު އެވެ." އިހުސާން ވިދާޅުވި އެވެ.
"އެމީހުންނަކީ އެހެން މީހުން ސަލާމަތްކޮށް ރައްކާތެރިކުރުމަށްޓަކައި، އެއްވެސް ފަސްޖެހުމެއް ނެތި ގައުމީ ވާޖިބު އިސްކޮށް، އަމިއްލަ ފުރާނަ އަތްމައްޗަށްލައިގެން މަސައްކަތްކުރާ ބައެކެވެ."
މަހުދީގެ ހިތްވަރު އޭނާ ދަންނަ ގިނަ ބަޔަކު ފާހަގަ ކުރި އެވެ. އެންމެން ވެސް ބުނަމުން ދިޔައީ އެއީ މީހުންނާ ގުޅޭ، އެކުވެރި އަދި އަބަދުވެސް އެހީތެރިވުމަށް ތައްޔާރަށް ހުންނަ މީހެއް ކަމަށެވެ.
"ދުއާއަކީ އޭނާއަށް ޝަހީދެއްގެ ދަރަޖަ ދެއްވުން،" މަހުދީގެ ހިތްވަރު ފާހަގަކޮށް، ސޯޝަލް މީޑިއާގައި ކުރި ޕޯސެްޓެއްގައި މީހަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ