މިހާރު ދިރި މިހުންނަނީ ދަރިފުޅަށްޓަކައި: ގެއްލުނު ޕްރޮފެސަރުގެ ފިރިމީހާ

ކާލޯ ސޮމަކަލް ބުނިގޮތުގައި އޭނާގެ އަނބިމީހާ، މޮނިކާ މޮންޓެފަލްކޯންއަކީ އިންތިހާއަށް ކަންކަމުގައި ފަރުވާތެރި މީހެކެވެ. ކަމެއްގައި އެންމެ މިނިޓެއް ލަސްވިޔަސް ހިތްހަމަނުޖެހޭނެ އެވެ. ކޮންމެ ކަމެއް ވެސް، އޭގެ ވަގުތުގައި އެންމެ ފުރިހަމައަށް ކުރަން ޖެހޭނެ އެވެ. އެހެންވެ، ރާއްޖެއަށް ދަތުރުކޮށް، ވާވު އަތޮޅުގެ އަޑި ބަލާލުމަށް ކުރި ޑައިވްގައި އަނބިމީހާ ގެއްލުން އަދިވެސް އޭނާއަކަށް ގަބޫލެއް ނުކުރެވެ އެވެ.
"އަހަރެންގެ އަންހެނުން ފަސްހާސް ފަހަރު ޑައިވްކޮށްފައިވޭ. ރާއްޖެއަށް ދަތުރުކުރާތާ 20 އަހަރުވެއްޖެ،" އިޓަލީގެ ބައެއް ނޫސްތަކާ ވާހަކަ ދައްކަމުން ސޮމަކަލް ބުންޏެވެ.
"އަހަރެންގެ އަންހެނުންނަކީ އެކަމުގެ މާހިރެއް. އުނދަގޫ ހާލަތެއް ދިމާވިޔަސް ކަންތައް ކުރަންވީ ގޮތް އޭނާއަށް އެނގޭނެ."
ސޮމަކަލް ބުނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ނޭނގޭ ކަމަށާއި އެކަމަކު އެކުގައި ފީނި ފަސް މީހުން މަރުވުމަކީ ވަރަށް އާދަޔާހިލާފުކަމެއް ކަމަށެވެ.
ދިވެހި ސިފައިން މިހާތަނަށް ދިން މައުލޫމާތުތަކަށް ބަލާއިރު އެ ޑައިވަރުން ފީނާފައިވަނީ، 60 ފޫޓު އަޑީގައި އޮންނަ ހޮހޮޅައެއް ނުވަތަ ކޭވަކަށެވެ. އެކަން އެނގުނީ، އެތަނުން ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނުމުންނެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ.
ގެއްލުނު މީހުންގެ ތެރޭގައި ހިމެނޭ މޮންޓެފަލްކޯންއަކީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެކެވެ. އޭނާއަކީ ކަނޑުގެ ދިރުންތަކާ ގުޅޭގޮތުން އެކި މަޝްރޫއުތަކުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. ދެން ނުފެންނަ މީހުންގެ ތެރޭގައި، އެ ދެމަފިރިންގެ 20 އަހަރުގެ އަންހެން ދަރިފުޅު ހިމެނެ އެވެ.
ސޮމަކަލް ބުނިގޮތުގައި މިހާރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާގެ ހަޔާތުން ތިން މީހުން ވަކިވެއްޖެ އެވެ. އެންމެ ފުރަތަމަ ކޮއްކޮ އެވެ. ދެން އަނބިމީހާ އާއި އަންހެންދަރިފުޅެވެ. މިހާރު އޭނާ ދިރިހުރީ ފިރިހެން ދަރިފުޅަށްޓަކައި ކަމަށް ބުންޏެވެ.
"އަހަރެން ވަރަށް އެބަ ހިތްވަރުކުރަން. އެކަމަކު ދަރިފުޅު މިކަމާ ކުރިމަތިލަނީ ކިހިނެއްކަމެއް ނޭނގެ،" ސޮމަކަލް ބުންޏެވެ.
އޭނާ ބުނީ އެކެއްގެ ހަށިގަނޑު ފެނުނަސް، އެއީ އޭނާގެ އަނބިމީހާ ނޫންކަން ވަނީ ޔަގީންކޮށްދީފަ އެވެ.
އަންހެން ދަރިފުޅު ޖިއޯޖިއާއާ ގުޅޭގޮތުން ވެސް އޭނާގެ ބައްޕަ ވާހަކަ ދެއްކި އެވެ.
ސޮމަކަލް ބުނިގޮތުގައި ބަޔޯމެޑިކަލް އިންޖިނިއަރިންގް އިން ތިން އަހަރުގެ ޑިގްރީ ނިންމައި، ޖިއޯޖިއާ ދަސްވެނިވާން އޮތީ އެއް މަސް ފަހުންނެވެ. އަދި މި ދުވަސްތަކުގައި ފިރިހެން ދަރިފުޅު ތައްޔާރުވަމުން ދިޔައީ، ދަސްވެނިވުމުގެ އުފަލުގައި ދައްތައަށް ސަޕްރައިޒް ޕާޓީއަށް ދިނުމަށް ކަމަށް ބުންޏެވެ.
ސޮމަކަލް ބުނީ ހިތާމަވެރި ހަބަރާއެކު އެމްބަސީން އޭނާއަށް އިއްޔެ ގުޅުމުން، ފައިންވަރުދޫވި ކަމަށެވެ. އެކަމަކު ހަމަ އެވަގުތު އެ ހަބަރު، ފިރިހެން ދަރިފުޅަށާއި އަންހެން ދަރިފުޅުގެ ލޯބިވެރިޔާ އަދި ހަމަ އެ ސަރަހައްދުގައި ދިރިއުޅޭ އަންހެނުންގެ މައިންބަފައިންނަށް ފޯރުކޮށްދިން ކަމަށް ބުންޏެވެ.
ޑައިވަރުންގެ ތެރޭގައި ހިމެނޭ ޒުވާން ފިރިހެންމީހާ، ޖިއަންލޫކާ ބެނެޑެޓީއަކީ ވެސް ޑައިވްކުރުމުގައި ފަރުވާތެރި މީހެއް ކަމަށް ސޮމަކަލް ބުންޏެވެ. ޓޭންކުތަކާއި މޫސުމީ ހާލަތްތަކަށް ވެސް ބަލާނެ ކަމަށާއި އެހެންވެ، ގޯހުން ދިޔައީ ކޮންކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
"މޮނިކާ ޑައިވް ކުރާއިރު އާއްމުކޮށް ގޯޕްރޯއެއް ގެންގުޅޭނެ. އެ ފެނިއްޖެ ނަމަ ފަހަރެއްގައި ވީގޮތް ދެނެގަނެވިދާނެ،" ސޮމަކަލް ބުންޏެވެ.
"އުއްމީދުކުރަނީ އެންމެންގެ ހަށިގަނޑުތައް ވެސް ފެންނާނެ ކަމަށް."
މަރުވި ހަތަރު ޓޫރިސްޓުންނާއި އެ މީހުންގެ އިންސްޓްރަކްޓަރު 60 މީޓަރަށް ފީނިއިރު، ރާއްޖޭގައި އާންމުކޮށް ޑައިވްކުރަން ހުއްދަ އޮންނަނީ 30 މީޓަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ