ވިޖޭގެ ދަރިފުޅު ޖޭސަން ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު ޖުލައި މަހު

އިންޑިއާގެ ތަމަޅަނާޑޫގެ މިހާރުގެ ޗީފް މިނިސްޓަރު އަދި ކުރީގެ ފިލްމީ ތަރި ތަލަޕަތީ ވިޖޭގެ ދަރިފުޅު ޖޭސަން ސަންޖޭގެ އަލަތު ޑައިރެކްޝަން "ސިގްމާ" މި އަހަރުގެ ޖުލައި މަހު ރިލީޒްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ވިޖޭގެ ދަރިފުޅު ޖޭސަން ސަންޖޭ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހު ކަމަށް ވެސް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ލައިކާ ޕްރޮޑަކްޝަނުން އުފައްދާ މި ފިލްމުގެ މައިގަނޑު ރޯލުން ފެންނާނީ ސަންދީޕް ކިޝަންއެވެ. ފިލްމުގެ ޕޯސްޓަރެއް ހިއްސާކުރަމުން އެ ޕްރޮޑަކްޝަން ހައުސްއިން ބުނެފައި ވަނީ، މިއީ ވަރަށް ނުރައްކާތެރި ވައްކަމުގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށާއި، ޖުލައި 31ގައި މި ފޯރިގަދަ ފިލްމު ސިނަމާތަކަށް އަންނާނެ ކަމަށެވެ. ސަންޖޭ އަމިއްލައަށް ސްކްރީންޕްލޭވެސް ލިޔެފައިވާ މި ފިލްމުގައި ސައުތު ސިނަމާގެ ތަރިން ކަމަށްވާ ސަންދީޕް ކިޝަންގެ އިތުރުން ފާރިއާ، ޔޯގް ޖަޕީ އަދި ރޮކްސްޓާ ރަމަނީ އައްމަލް ފަދަ ތަރިން ހިމެނެއެވެ. ވިޖޭ އަންހެނުން ސަންގީތާ އަދި ދެ ކުދިންނާ އެކު--ފޮޓޯ/އެންޑީޓީވީ މި ފިލްމުގެ ކުރު ޓީޒާއެއް މިދިޔަ ޑިސެމްބަރު މަހު ދައްކާލާފައިވާއިރު ވަރަށް ވަރުގަދަ އެކްޝަން މަންޒަރުތަކެއް ޓީޒާއިން ވަނީ ދައްކާލާފައެވެ. އިންޑިއާގެ މީޑިއާތަކުން ބުނާގޮތުން، ޖޭސަން ވަނީ އޭނާގެ ބައްޕަ ވިޖޭ އާއި މަންމަ ސަންގީތާގެ ވަރިވުމުގެ މައްސަލަ ކޯޓުގައި ކުރިއަށްދާތީ، ސޯޝަލް މީޑިއާގައި ބައްޕަ ފޮލޯކުރުން ހުއްޓާލާފައެވެ. މައިންބަފައިންގެ ވަރީގެ މައްސަލައިގައި ޖޭސަން ހުރީ އޭނާގެ މަންމައާ އެކުގައިކަން އެންގުމުގެ ގޮތުން އަމިއްލަ ނަމުގެ ކުރިއަށް އިންނަ "ވީ" އަކުރު ވެސް ޖޭސަން ވަނީ އުނިކޮށްފައެވެ. މީގެ އިތުރުން، މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހު ޗެންނާއީގައި ބޭއްވުނު ޖޭސަންގެ ބައްޕަގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ވެސް ޖޭސަންގެ އިތުރުން އޭނާގެ އަންހެން ކޮއްކޮ ވެސް ބައިވެރިވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ