އަލީ ފަޒަލްގެ ވަރުގަދަ އެކްޝަން ތުރިލާއެއް އެމެޒޯން ޕްރައިމްއަށް
އެމެޒޯން ޕްރައިމް ވީޑިއޯއިން ގެނެސްދިން ކާމިޔާބު އެކްޝަން ތުރިލާ ސީރީސް "މިރުޒާޕޫރް"ގެ އެކްޓަރު އަލީ ފަޒަލްގެ އިތުރު ތުރިލާ ސިލްސިލާއެއް އެ ޕްލެޓްފޯމްއިން ގެނެސްދޭން ނިންމިކަން އިއުލާނުކޮށްފިއެވެ. އަލީ ފަޒަލް، ސޮނާލީ ބެންޑްރޭ އަދި އާމިރު ބަޝީރު މުހިންމު ރޯލުތަކުން ފެންނާނޭ މި ވެބް ސީރީސްގެ ނަމަކީ "ރާކް"އެވެ. މުޅީން އާ އިންވެސްޓިގޭޓް ތުރިލާއެއް ކަމަށްވާ މި ވެބް ސީރީސް އެމެޒޯން ޕްރައިމްގައި ސްޓްރީމްކުރަން ފަށާނީ ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. މި ވެބް ސީރީސްގެ ފުރަތަމަ ޕޯސްޓަރު އިންސްޓަގްރާމްގައި ހިއްސާކުރަމުން އެމެޒޯން ޕްރައިމްއިން ބުނެފައި ވަނީ، މިއީ ވަޅުލެވިފައިވާ އެތަކެއް ހާދިސާތަކެއްގެ ހަގީގަތް އާއްމުކޮށް ހާމަކޮށްދޭނެ ސީރީޒްއެއް ކަމަށެވެ. މި ވެބް ސީރީޒްގެ ވާހަކަ ބިނާވެފައި ވަނީ ގެއްލިގެން ހޯދާ ފުރާވަރު ދެ ކުދިންގެ މައްސަލައެއް ތަހުގީގުކުރާ އޮފިސަރެއްގެ މައްޗަށެވެ. މި ކުދިން ގެއްލުމުގެ ސަބަބުން އެ އާއިލާއަށް ބޮޑު ސިހުމެއް ލިބި، މުޅި ސިޓީއަށް ނުތަނަވަސްކަމެއް ފެތުރެއެވެ. މައްސަލައިގެ ފުންމިނަށް އޮފިސަރު ދާއިރު، އޭނާއަށް ކުރިމަތިލާން ޖެހެނީ އަނިޔާވެރިކަމާއި އިންސާނިއްޔަތުކަމެއް ނެތް ކަންތައްތަކަކާއެވެ. އަލީ ފަޒަލް "ރާކް" ވެބް ސީރީޒްގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް ޕްރޮސިޓް ރޯއި ޑައިރެކްޓްކޮށް އެގްޒެކެޓިވް ޕްރޮޑިއުސްކޮށްފައިވާ މި ސިލްސިލާ އަކީ އަނޫޝާ ނަންދަކުމާރު އަދި ސަންދީޕް ސާކެތު އުފައްދައި، ލިޔެ، އަދި ކޯ-ޑައިރެކްޓްކޮށްފައިވާ ވެބް ސީރީޒްއެކެވެ. ޕްރޮސިޓް ރޯއި އަކީ "ފިލޯރީ"، "ދިއްލީ-6" އަދި "ޖާނޭ ތޫ... ޔާ ޖާނޭ ނާ" ފަދަ މަޝްހޫރު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ފަންނާނެކެވެ. އަލީ ފަޒަލްގެ ކުރިއަށް ހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު، އެކްޓަރު ދެން އެންމެ އަވަހަށް ފެންނާނީ "މިރުޒާޕޫރު: ދަ ފިލްމު"އިންނެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ މި އަހަރުގެ ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ