ރިޔާސީ ދައުރު ނިމެން ގާތްވެފައި ވަނިކޮށް އައު ޕްރޮޖެކްޓުތައް ނުފެށޭ ގޮތަށް ހަދަން ޖެހޭ: ފަލާހު

ރިޔާސީ ދައުރު ނިމެން ގާތްވެފައި ވަނިކޮށް ސަރުކާރުތަކުން ބޮޑެތި ޕްރޮޖެކްޓުތައް އިއުލާނުކޮށް ހިންގުން ހުއްޓުވުމަށް ގާނޫނީ ނިޒާމަށް ބަދަލު ގެނައުން ވެސް މުހިންމުކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރ އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. އަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބު ބާއްވާއިރު، ސަރުކާރުން އިސްލާހުތަކެއް ހުށަހަޅާފައި ވަނީ ކައުންސިލްތަކުގެ މާލީ ހަރަދުތަކާއި ގުޅުވަ އެވެ. އޭގެ ތެރޭގައި ކައުންސިލްގެ ދައުރު ނިމެން އަހަރަކަށް ވުރެ ކުރު މުއްދަތެއް އޮއްވައި ބައެއް މަސައްކަތްތައް ހުއްދަ ނެތި ކުރިޔަށް ނުގެންދެވޭ ގޮތަށް ބަދަލު ގެނައުން ހިމެނެ އެވެ.
މިއީ ކައުންސިލްތަކުގެ ބާރު ކަނޑުވާލުންކަމަށް އިދިކޮޅުން ސިފަ ކުރި ނަމަވެސް، ފަލާހު ވިދާޅުވީ ދައުރު ނިމުމާއި ގާތްވުމާއި ކައުންސިލްތަކުން އޮފީހަށް އިތުރު މުވައްޒަފުން ނަގައި މާލީ އެކި ހަރަދުތައްކޮށް ތަރައްގީގެ ޕްލޭންތަކުގައި ކަނޑައަޅާފައިނުވާ އާ ތަރައްގީގެ މަޝްރޫއުތައް ފަށާކަމަށެވެ. އަދި އެއީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ފަލާހު ވިދާޅުވި އެވެ. ފަލާހު ވިދާޅުވި ގޮތުގައި ކައުންސިލްތަކޭ އެއްގޮތަށް، ރިޔާސީ ދައުރުގައި ވެސް ދައުރު ނިމެން ގާތްވުމުން ވޯޓުގެ ބޭނުމުގައި ކުރާ މަސައްކަތް ހުއްޓުވޭނެ މަގެއް ގާނޫނުގެ ތެރެއިން ގެންނަން ޖެހޭ ކަމަށެވެ.
ފަލާހު ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމާއި އެކު އެމްޑީޕީ އަބަދުވެސް ބަހުސް ކުރަނީ ސިޔާސީ ވިސްނުން އިސްކޮށް ތިބެ ކަމަށެވެ. އެ އިސްލާހެއްގެ ސަބަބުން ރައްޔިތުންނަށް ކުރާނެ ފައިދާތަކަކީ ކޮބައިކަމާއި، މިއީ ކިހާ ބޭނުންތެރި މަސައްކަތެއްތޯ ބަލައި ދިރާސާކޮށް ނުލާކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލްތަކުގެ ދައުރުގައި، ފަސް އަހަރު އޮންނަ އިރު އެންމެ ފަހު އަހަރުގައި ބޮޑެތި ނިންމުންތައް ނިންމައި ތަންފީޒު ކުރުމަށް މަސައްކަތް ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އަދި ރަށުގެ ތަރައްގީއާއި ގުޅުން ހުރި މަސައްކަތްތަކަށް އެކަށީގެންވާ ވަގުތު އެ ކައުންސިލަކަށް ލިބިގެންދާކަމަށް ފަލާހު ވިދާޅުވި އެވެ.
އަޅުގަނޑުމެން ހަގީގަތުގައި ކައުންސިލް އިންތިހާބުތައް، ކައުންސިލް ނޫނަސް.. ވެރިކަމުގެ ނިޒާމަށް ވެސް ގެންނަން ޖެހޭ ބަދަލެއް އަޅުގަނޑަށް ފާހަގަވޭ.. މިސާލަކަށް މިދިޔަ ރިޔާސީ އިންތިހާބު.. މިސާލަކަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހުރިއްޔާކަމުގައި ހުންނަވާނީ އެއް ބޭފުޅެއް ނޫން.. މުޅި އުމުރު ދުވަހަކު.. ރާއްޖެއަށް ހާއްސަ ގޮތެއްގައި، މި ސިޔާސީ މަސްރަހު މިދިޔައީ ފަސް އަހަރުން، ފަސް އަހަރުން ވެރިކަންތައް ބަދަލުވަމުން.. ހާއްސަކޮށް ފާހަގަކޮށްލެވުނު 2018 އިން 2023 ގެ ނިޔަލަށް އެމްޑީޕީގެ ވެރިކަމުގައި ރިޔާސީ އިންތިހާބާއި ދިމާކޮށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ބައެއް ފިޔަވަޅުތައް
ފަލާހު ވިދާޅުވީ ރިޔާސީ އިންތިހާބާއި ދިމާކޮށް ވޯޓު ހޯދުމުގެ ބޭނުމުގައި ދައުލަތަށް 11 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭ މިންވަރަށް ބިންތައް ދޫކޮށްފައިވާކަމަށެވެ. އަދި ކައުންސިލްތަކާއި ގުޅުވައި ސަރުކާރުގެ ފަރާތުން މިހާރު އިސްލާހު ހުށަހަޅާފައި ވަނީ ވެސް އެ ސަބަބާއި ހުރެކަން ފާހަގަކޮށް ވިދާޅުވީ، ރިޔާސީ ދައުރު ހަމަވާން ގާތްވެފައި ވަނިކޮށް ވެސް އެފަދަ މަސައްކަތްތައް ކުރުން ހުއްޓުވަން ޖެހޭކަމަށެވެ.
ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައި ފަލާހު ވިދާޅުވީ އެތައް ކައުންސިލެއް އޮތް އިރު ރަނގަޅަށް މަސައްކަތް ކުރާ އިދާރާތައް ވެސް އެބައޮތް ކަމަށެވެ. އަދި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެންނަ އެއްވެސް އިސްލާހެއްގެ ބޭނުމަކީ ވަކި ބަޔަކު ބަނދެވިފައި ތިބޭ ގޮތަށް ބަދަލު ކުރުމެއް ނޫންކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ގާނޫނުތަކަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާ އެއްވެސް ބިލެއްގެ ބޭނުމަކީ، ކުރިޔަށް އޮތް އިންތިހާބާއި ގުޅޭ މަސައްކަތެއް ކުރުން ނޫންކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ