ދިވެހިރާއްޖޭގެ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދިމާވާ ކޮންމެ ކަމެއްގެ އަސަރު ސީދާގޮތުން ގައުމަށް ކުރާ ކަމަށް ކުރީގެ އެންވަރަމެންޓް މިނިސްޓަރު، އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝައުނާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް މުއައްސަސާއެއްގެ ގޮތުގައި ހިންގާން ޖެހޭ ކަމަށެވެ. އެކަން ކުރުމަށްޓަކައި ވަކި މީހެއްގެ ވަށާ އެނބުރޭ ސިޔާސަތު ދޫކޮށް އުސޫލުތަކަކާއި ހަމަތަކެއްގެ މަތީން މާޓީ ހިންގާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ޕާޓީއަށްވާ ހުރިހާ ކަމެއް މި ރާއްޖެއަށް ވާތަން އަޅުގަނޑުމެންނަށް އެބަ ފެނޭ، މި ޕާޓީ ރޫޅުނީމާ ދިވެހި ދައުލަތް ރޫޅޭތަން އަޅުގަނޑުމެންނަށް އެބަ ފެނޭ، މި ޕާޓީ ރޫޅުނީމާ ދިވެހި ސަރުކާރު ރޫޅޭތަން އަޅުގަނޑުމެންނަށް އެބަ ފެނޭ، އަޅުގަނޑުމެންގެ ދިރިއުޅުން ރޫޅޭތަން އަޅުގަނޑުމެންނަށް އެބަ ފެނޭ" ޝައުނާ ވިދާޅުވި އެވެ.
އެމްޑީޕީ ނޫން ބަޔަކު ވެރިކަމާ ހަވާލުވީމާ ދިވެހިރާއްޖެއަށް ވާގޮތް އިހުސާސް ކުރެވޭ ކަމަށް ޝައުނާ ވިދާޅުވި އެވެ. އޭގެ މިސާލު ދައްކަވަމުން އޭނާ ވިދާޅުވީ މިހާރު މި ހިނގާ މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނުއަސާސީ ކުދިކުދިކޮށް އަސާސީ ހައްގުތައް ހަނިކޮށްފި ކަމަށެވެ.
"މީޑިއާގެ މިނިވަންކަން ނަގާލައިފި، ނޫސްވެރިން އެ ދަނީ ޖަލަށްލަމުން، ސިޔާސީ ކުށްވެރިން މި އަންނަނީ އިތުރުވަމުން، ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެއްޖެ ދިރިއުޅެން ހަގީގަތުގައި ވެސް ދަތިވެއްޖެ. ގޭހެއް ނެތް، ބޭހެއް ނެތް، ޑޮލަރެއް ވެސް އަޅުގަނޑުމެންނަކަށް ނުފެނޭ، ރާއްޖޭގެ ރަށްރަށުގައި ތަރައްގީ ހުއްޓިއްޖެ،" ޝައުނާ ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެ ކަންކަމާ ދެކޮޅަށް މުޒާހަރާކޮށް އަޑު އުފުލަންޖެހޭ ކަމަށެވެ. އަދި، އެ ކަންކަމާ ދެކޮޅަށް ވަކާލާތުކޮށް ލިޔާން ވެސް ޖެހޭ ކަމަށެވެ.
ނަމަވެސް، އެ ކަންކަން ކުރަންޖެހެނީ އެމްޑީޕީގެ އެތެރޭގެ ހިންގުން ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ކުރަމުން ކަމަށް ޝައުނާ ވިދާޅުވި އެވެ. މި ފާއިތުވީ 20 އަހަރުދުވަހުގެ ތެރޭގައި އެކަން އެ މަގުން އެންމެ ފުރިހަމައަށް ކުރެވިފައި ނެތްކަން އެއީ ގަބޫލުުކުރަންޖެހޭ ހަގީގަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދިވެހި ގައުމު މިއަދު މި އޮތް ހާލަތަށް ވެއްޓުނީ އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ގެއްލިގެން ދިޔުމުން ކަމަށް ޝައުނާ ވިދާޅުވި އެވެ. އެކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި މުއައްސަސާއެއްގެ ގޮތުގައި އެމްޑީޕީ ހިންގަންޖެހޭ ކަމަށާއި އެމްޑީޕީއަކީ ވަކި މީހެއްގެ ޕާޓީއެއް ނޫން ކަމަށް ޝައުނާ ވިދާޅުވި އެވެ.
"މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޕާޓީއެއް ނޫނޭ، މިއީ ރައީސް ނަޝީދުގެ ޕާޓީއެއް ވެސް ނޫނޭ، މިއީ ތިބޭފުޅުންގެ ޕާޓީއެކޭ އަޅުގަނޑުމެންގެ ޕާޓީއެކޭ، އަޅުގަނޑުމެންނޭ މި ޕާޓީ ވަރުގަދަ ކުރާނީ، އަޅުގަނޑުމެންގެ ޕާޓީ ވަރުގަދަ ވީމާ ގައުމަށް ހަމަޖެހުން އަންނާނީ،" ޝައުނާ ވިދާޅުވި އެވެ.
އެމްޑީޕީއަށް ދިމާވާ ކޮންމެ ކަމެއް ގައުމަށް ދިމާވޭ، އެމްޑީޕީ ރޫޅުނީމާ ދައުލަތް ރޫޅޭތަން އެބަ ފެނޭ: ޝައުނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ