ރައީސް މުހައްމަދު މުއިއްޒު ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ އެ ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ހުސްނުއްސުއޫދު އެ ކޯޓުން ބަލަމުންދާ އިންތިހާބާ ބެހޭ މައްސަލައެއްގައި ވަކާލާތު ކުރުމަށް ގާނޫނީ ވަކީލެއްގެ ގޮތުގައި މިއަދު އެ ކޯޓަށް ހާޒިރުވެއްޖެ އެވެ.
ޑިސެމްބަރު 2019، ގައި އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރި ސުއޫދު އެ ކޯޓުގެ ބެންޗުން އިސްތިއުފާ ދެއްވީ މާޗު 4، 2025 ގަ އެވެ. އޭނާ އިސްތިއުފާ ދެއްވީ ސިޔާސީ ޕާޓީތަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައަށް މުއިއްޒު ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބަލަމުން އަންނަނީ ވޭވަށު ކައުންސިލް ގޮނޑިއަކާ ގުޅޭ މައްސަލައެކެވެ. ކައުންސިލް އިންތިހާބުގެ ނަތީޖާ ދާއްކާ ގޮތުން އެ ގޮނޑި ކާމިޔާބު ކުރެއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު އަހުޝަން ނައީމެވެ. އިންތިހާބުގެ ނަތީޖާއާ ގުޅޭ މައްސަލައެއް ހައި ކޯޓަށް ހުށަހެޅީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓު މުހައްމަދު ނަޒީހު އެވެ.
އޭނާ ހުށަހެޅި މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމާއެކު އެ ގޮނޑި ޕީއެންސީއަށް ލިބުނެވެ. އެ މައްސަލައިގައި ސުއޫދު ތަމްސީލުކުރަައްވަނީ ސުޕްރީމް ކޯޓަށް އިސްތިއުނާފު ހުށަހެޅި އަހުޝަން ނައީމެވެ. އެމްޑީޕީގެ ފަރާތުން ވަނީ މައްސަލައަށް ތަދައްހުލުވެފަ އެވެ.
މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްވަލާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އަބްދުالله ހަމީދު އެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދު އާއި ފަނޑިޔާރު މުހައްމަދު ސަލީމް އެވެ. މި ތިން ފަނޑިޔާރުންނަކީ ވެސް މުއިއްޒު އެ ކޯޓަށް އައްޔަނުކުރެއްވި ފަނޑިޔާރުންނެވެ.
ސުއޫދު އިސްތިއުފާ ދެއްވައި، މުއިއްޒަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، ގާނޫނުއަސާސީ އަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުން ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އަށް ގެނައި އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް އެ ކޯޓުން ނިންމުމާއެކު، މަނިކުފާނުގެ ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއާ ހިލާފަށް ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ބާރަށް ނުފޫޒު ފޯރުވައި ސުޕްރީމް ކޯޓަށް ހުށަހެޅިފައި އޮތް މައްސަލަ ބެލުން ހުއްޓުވުމަށް ކަމަށެވެ.
އެ މައްސަލަ ބެލުން ހުއްޓުވުމަށްޓަކައި، ސަރުކާރުން އަޑީގައި އޮވެގެން އުފެއްދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭސީސީން ބަލަމުންދާ ކަމަށް ބުނެ ސުއޫދުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި މަހާޒު އަލީ ޒާހިރު އަދި އަޒްމިރަލްދާ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑުކުރި އެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ އޭސީސީން ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް ބުނެ ޖޭއެސްސީއަށް އެނގުމުންނެވެ. ނަމަވެސް، އެ ތުހުމަތަކީ ކޮބައިކަން ޖޭއެސްސީން ވެސް އަދި އޭސީސީން ވެސް ހާމައެއް ނުކުރެ އެވެ.
ފެބްރުއަރީ 26، 2025 ގައި ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ މަޖިލީހުގެ މެންބަރުން ވަކި ކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރެއް ނެރެދިނުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން ފަށަން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށެވެ.
ސުއޫދު އިސްތިއުފާ ދެއްވިއިރު އަޒްމިރާލްދާ އާއި މަހާޒު ވަކިކުރީ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުންނެވެ. އިސްތިއުފާ ދެއްވިއިރު ސުއޫދަކީ މަތީ ކޯޓު ޖޭއެސްސީގައި ތަމްސީލުކުރަމުންދިޔަ މެންބަރެވެ.
ސުއޫދަކީ ރާއްޖޭގެ ޝަރުއީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ވަކީލެކެވެ. އޭނާ ލިޔުއްވާފައިވާ ފޮތްތަކަކީ ރާއްޖޭގެ ގާނޫނީ އޮނިގަނޑާ ގުޅޭގޮތުން މިހާތަނަށް ނެރެފައިވާ އެންމެ މުހިންމު ފޮތްތަކެވެ. އަދި ޝަރުއީ ދާއިރާގެ މިނިވަންކަމަށް އަބަދުވެސް އޭނާ ވަކާލާތު ކުރައްވަ އެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ސުއޫދު މިއަދު ކޯޓަށް ވަޑައިގަތީ ވަކީލެއްގެ ގޮތުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ