ހުޅުމާލޭގައި ހިންގާ 50 މެގަވޮޓުގެ އިންޖީނުގެ މުހިންމު މަސައްކަތެއް ކުރަން ޖެހޭތީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން މާދަމާގެ އެކި ގަޑިތަކުގައި ކަރަންޓުގެ ހިދުމަތް ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، މެދުކެނޑުމެއް ނެތި އެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖާ މަސައްކަތެއް ކުރުމަށް މާދަމާ ހެނދުނު 6-10 އަށް އެ އިންޖީނުގެ ނިއްވާލަން ނިންމާފައިވާ ކަމަށެވެ.
މި މަސައްކަތް ކުރިއަށްދާ ވަގުތު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން، ކޮންމެ ސަރަހައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެ ކަމަށް ވަނީ ބުނެފައެވެ. މިގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަހައްދުތައް ދުރާލާ އަންގަމުންދާނެ ކަމަށް ވަނީ ބުނެފައެވެ.
އެކަމަކު، ސްޓެލްކޯ އިން ބުނީ، ކަރަންޓު ކަނޑާލާ ހާލަތުގައި ވެސް ހޮސްޕިޓަލްތަކާއި އަދި އެހެނިހެން މުހިންމު ހިދުމަތްތައް ދޭ މުއައްސަސާތައް ނުވަތަ ”ކްރިޓިކަލް އިންފްރާސްޓްރަކްޗާ“ އަށް އޭގެ އަސަރެއް ނުކުރާނެ ކަމަށެވެ. ސްޓެލްކޯ އިން ބުނިގޮތުގައި މިރޭ އެސްއެމްއެެސްތައް ފޮނުވަމުން ދާނެ އެވެ.
ކުންފުނީގެ އަމާޒަކީ މި މަސައްކަތް ތާވަލު ކުރެވިފައިވާ ގަޑީގެ ކުރިން ނިންމައި، ވީ އެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ހިދުމަތް ގެނައުން ކަމަށް ވަނީ ބުނެފައެވެ. މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝާއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށް ވަނީ ބުނެފައެވެ.
އިންޖީނުގެ މަސައްކަތެއް ކުރާތީ މާދަމާ މުޅި މާލެ ސަރަހައްދުގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ