ރޮނާލްޑޯ ހަ ވަނަ ފަހަރަށް ފީފާ ވޯލްޑް ކަޕަށް

ލިޒްބަން، ޕޯޗުގަލް (މެއި 19) - ޕޯޗުގަލްގެ ކެޕްޓަންކަން ކުރަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަަނައިގެން، މި ފަހަރު އެ ގައުމުން ފީފާ ވޯލްޑް ކަޕްގައި ކުޅޭ ސްކޮޑު އިއުލާނުކުރިއިރު، މިއީ އޭނާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕްގައި ކުޅޭ ހަ ވަނަ ފަަހަރެވެ. 
އުމުރުން 41 އަހަރުގެ ރޮނާލްޑޯ އަކީ ތަފާތު ހަ ވޯލްޑް ކަޕެއްގައި ކުޅޭނެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އެކަމަކު، އާޖެންޓީނާ އިން ވޯލްޑް ކަޕް ސްކޮޑު އިއުލާނުކުރާއިރު، އެ ޓީމުގެ ތަރި، ލިއޮނަލް މެސީ ހިމެނޭނެ ކަމަށް ބެލެވޭއިރު، މި ފަހަރު އެމެރިކާ އާއި މެކްސިކޯ އަދި ކެނަޑާގަައި ކުޅޭ ވޯލްޑް ކަޕް ވެގެންދާނީ މެސީގެ ވެސް ހަ ވަނަ މުބާރާތަށެވެ. ރޮނާލްޑޯ އާއި މެސީ ހިމެނޭ ގޮތަށް ފަސް ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ ޖުމްލަ އެކު ހަ ކުޅުންތެރިންނެވެ. 
ރޮނާލްޑޯ، އެންމެ ފުރަތަމަ ކުޅެފައިވަނީ، 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި، 2014 ވަނަ އަހަރު ބްރެޒިލްގައި، 2018 ވަނަ އަހަރު ރަޝިއާގައި އަދި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ކުޅެފައިވެ އެވެ. 
ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތީ ރޮނާލްޑޯ އަތުގަ އެވެ. ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު 226 މެޗުން ރޮނާލްޑޯ ވަނީ 143 ލަނޑު ޖަހައިފަ އެވެ. 
ފްރާންސް ފުޓްބޯލް މެގަޒިން އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު ހާސިލްކުރި ރޮނާލްޑޯ އަށް މި ފަަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުތައް ގެއްލިދާނެ ކަަމަށް ބެލެވުނެވެ. އެއީ، ކޮލިފައިން ފަހު މެޗުގައި އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ އަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. އެކަމަކު، އެ މައްސަލަައިގައި ރޮނާލްޑޯ އަށް އިތުރު ސަސްޕެންޝަނެއް ނާންނާތީވެ، ވޯލްޑް ކަޕްގައި ޕޯޗުގަލްގެ ފުރަތަމަ މެޗުން ފަށައިގެން އޭނާ އަށް ކުޅެވޭނެ އެވެ. 
ޕޯޗުގަލް އިން 26 ކުޅުންތެރިންގެ ސްކޮޑެއް އިއުލާނުކުރިއިރު، ރަމްޒީކޮށް ބުނެފައިވަނީ، ސްކޮޑުގެ އަދަދަކީ 27 ކަމަށެެވެ. އެއީ، މިދިޔަ އަހަރުގެ ޖުލައި މަހު ކާރު އެކްސިޑެންޓެއްގައި މަރުވި ލިވަޕޫލްގެ ޕޯޗުގީސް ފޯވާޑް، ޑިއޯގޯ ޖޮޓާގެ ނަން ލިސްޓުގައި ހިމަނައިގެންނެވެ. 
ސައުދީ ޕްރޯ ލީގުގެ އަލް ނަސްރަށް ކުޅޭ ރޮނާލްޑޯގެ އިތުރުން، ޔޫރަަޕްގެ. ވަރުގަދަ ލީގުތަކުގައި ކުޅޭ ނަން މަޝްހޫރު ކުޅުންތެރިން ހިމެނޭ ޕޯޗުގަލް ޓީމުން މި ފަަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރަނީ ކޮންގޯ އާއި އުޒްބެކިސްތާންގެ އިތުރުން ކޮލަމްބިއާ އެވެ. ޕޯޗުގަލް ފުރަތަމަ މެޗު އޮތީ ޖޫން 17 ވަނަ ދުވަހު ކޮންގޯއާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ