ދެ އިންތިހާބު އެއްކޮށްލައި، ދެން މަސައްކަތް ކުރާނީ ދެވަނަ ދައުރެއް ހޯދުމަށް: އަލީ ހުސައިން

ދެ އިންތިހާބު އެއްކޮށްލުމުން، ޕީއެންސީގެ މަޖިލިސް މެމްބަރުން ރެޔާއި ދުވާލު މަސައްކަތްކުރާނީ ދެވަނަ ދައުރެއް ރައީސްއަށް ހޯދައިދިނުމަށް ކަމަށް މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހާއި ގުޅޭ ބިލުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ފެށީ ދައުރުން ބޭރުން މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާއެއްގަ އެވެ. މި ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާއަށް ފޮނުވާފައިވާއިރު ފެބްރުއަރީ މަހު 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމުގެ ކުރިން ކޮމިޓީން ބިލުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާނެކަމަށް ބެލެވެ އެވެ.
ދެ އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ދެކޮޅު ހައްދަވައި ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި އަލީ ވިދާޅުވީ، ސަރުކާރުން ކުރަން އުޅޭ ކަމަކީ، ދެ އިންތިހާބު އެއްކޮށްލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައްޔިތުންގެ ތާއިދު މިކަމަށް ލިބިއްޖެ ކަމުގައިވާނަމަ، 2028 ގެ ސެޕްޓެމްޓަރު ނުވަތަ އޮކްޓޯބަރު ހިސާބުގައި ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށް އޮންނާނެ ކަމަށެވެ.
އެހެންކަމަށްވުމާއިއެކު، މިވަގުތު ވެރިކަން ކުރާ ޕާޓީ ޕީއެންސީއިން ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ މެމްބަރުން އޮވެ މަޖިލީހުގެ މެޖޯރިޓީ އޮތް އިރު، އެ ހުރިހާ މެމްބަރުން ”ރެއެއް ދުވާލެއް ނެތި، ގުލާނުކުރާނީ“ ރައީސް މުއިއްޒު ހޮވުމަށް ކަމަށާއި، އެ މެމްބަރުންވެސް މަޖިލީހުގެ މެމްބަރުކަމަށް ދެވަނަ ފަހަރަށް ކުރިމަތިލައިގެން ހުރުމާއިއެކު، އެ މެމްބަރުންނަށް އެކަން އެހެން ކުރުމަށް މަޖުބޫރު ވާނެ ކަމަށް އަލީ ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ، 2028 ވަނަ އަހަރުގެ އިންތިހާބު އަތުވުމާއިއެކު، ޕީއެންސީގެ މަޖިލިސް މެމްބަރުން 110 އިންސައްތަ މަސައްކަތްކޮށްގެން، ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތްކުރާނެ ކަމަށާއި، އެކަން އެހެން ކުރެވެން އޮތުމާއިއެކު، އެއީ ސަރުކާރުން ދެ އިންތިހާބު އެއްކޮލަން އުޅެ ސަބަބު ކަމަށެވެ.
މީގެއިތުރުން، ސިޔާސީ ޕާޓީތަކުން ކުރަންޖެހޭ ކެމްޕޭނު ހަރަދުތައް ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށާއި، ރައްޔިތުންގެ ގާތަށް ދާންޖެހޭ މިންވަރުވެސް މަދުވެ، އެކި ފަހަރު މަތިން ދިޔުމުގެ ބަދަލުގައި، އެއް ފަހަރު ދިޔުމަށް ބަދަލުވެގެންދާނެ ކަމަށް އަލީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ