ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރައްވާފައިވާ ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާން (ސނ: 5536) މިއަދުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ނިޔާވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ސިފައިންގެ ސަފުތަކުގައި ހިމެނިވަޑައިގެން، ޤައުމީ ސަލާމަތާއި ދިފާޢަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރެއްވި ނަމޫނާ ބޭކަލެކެވެ.
ރައީސް އެކްސްގައި ކުރެއްވި ޚާއްޞަ ޕޯސްޓެއްގައި ވިދާޅުވީ، ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 21 އަހަރާއި 7 މަހާއި 16 ދުވަހުގެ ދިގު މުއްދަތެއްގައި، ނުހަނު ވަފާތެރިކަމާއެކު ދިވެހި ޤައުމަށް ޚިދުމަތްކޮށްދެއްވާފައިވާ މުހިންމު ބޭކަލެއް ކަމަށެވެ. އެހެންކަމުން އޭނާ ވަކިވެދިޔުމަކީ ދިވެހި ސިފައިންގެ އާއިލާއަށްވެސް ލިބުނު ފޫނުބެއްދޭނެ ވަރަށް ބޮޑު ދެރައަކާއި ހިތާމައެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.
މި ފުން ހިތާމައިގެ ދަނޑިވަޅުގައި، ރައީސް ވަނީ ނިޔާވި ސާޖަންޓް ފަސްޓް ކްލާސް ޙުސައިން ޢަބްދުއްރަޙުމާނުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައެވެ. އަދި އޭގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ލޮބުވެތި ސިފައިންނަށްވެސް ރައީސް މުޢިއްޒު ވަނީ އިޚުލާޞްތެރިކަމާއެކު ތަޢުޒިޔާ ރައްދުކުރައްވާފައެވެ.
ރައީސް ތަޢުޒިޔާގެ މެސެޖު ނިންމާލައްވާފައިވަނީ ނިޔާވި ޚިދުމަތްތެރިޔާއަށް ހެޔޮ ދުއާ ކުރައްވަމުންނެވެ.
ދިފާޢީ ބާރުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރެއްވި ޙުސައިން ޢަބްދުއްރަޙުމާން ކުއްލި ގޮތަކަށް ނިޔާވުމުން، ރައީސްގެ ތަޢުޒިޔާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ