މައުމޫން ވެރިކަމުގައި އިންޓެލްއަށް ކުރި ހޭދައިގައި ކޮރަޕްޝަން ނެތް

ރައީސް އޮފީހުން 2002 އިން 2005ގެ ނިޔަލަށް ނަގުދު ފައިސާއިން، 7.2 މިލިއަން ރުފިޔާ ރާއްޖޭގެ އަމަން އަމާންކަން ބަލަހައްޓަވާ މުއައްސަސާއެއްގެ އިސް ދެ ބޭފުޅަކާ ހަވާލުކުރުމުގައި އެއްވެސް ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފި އެވެ. އެ ކޮމިޝަނުން މިގޮތަށް ބުނެފައިވަނީ 2007 ވަނަ އަހަރުގެ ރައީސް އޮފީހުގެ އަހަރީ ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލައެއް ތަހުގީގު ކުރުމަށްފަހު އެވެ.
އެ އަހަރުގެ ރައީސް އޮފީހުގެ އަހަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ އެ މައްސަލައަކީ، ރައީސް އޮފީހުގެ ބަޖެޓުންނާއި، ފަންޑް އެކައުންޓުން 2002 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރުގެ ނިޔަލަށް އެކި ފަހަރުމަތިން ޖުމްލަ 7.2 މިލިއަން ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ރާއްޖޭގެ އަމަން އަމާންކަން ބަލަހައްޓަވާ މުއައްސަސާއެއްގެ އިސް ދެ ބޭފުޅަކާ ހަވާލުކުރި މައްސަލައެކެވެ.
އޭގެ ތެރެއިން 6.3 މިލިއަން ރުފިޔާ ހަވާލުކޮށްފައިވަނީ "ސަރުކާރުގެ ހާއްސަ ބޭނުންތަކަށް" ކަމަށާއި އަދި ބާކީ 893,075.00 ރުފިޔާ ހަވާލުކޮށްފައިވަނީ “ލަންކާގައި ސްޓޫޑެންޓް އެސޯސިއޭޝަނެއް ގާއިމްކޮށް ހިންގުމަށް" ކަމަށް ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވީ ނަމަވެސް އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލް ލިޔެކިޔުންތަކުގައި ނެތުމުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން އޭރުގެ އޮޑިޓާ ޖެނެރަލް އެ މައްސަލަ އޭސީސީއަށް ފޮނުވި އެވެ.
މި މައްސަލަ ތަހުގީގުކުރުމަށްފަހު އޭސީސީއިން ބުނީ، އަހަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ފައިސާގެ ރާއްޖޭގެ އަމަން އަމާންކަން ބަލަހައްޓާ މުއައްސަސާއެއްގެ އިސްފަރާތްތަކާ ހަވާލުކޮށްފައިވަނީ ރައީސް އެގްޒެކްޓިވް ސެކްރެޓަރީގެ އެންގެވުމުގެ މަތިން ކަމަށެވެ. އަދި މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒް ނުވަތަ ރައީސްގެ އެގްޒެކްޓިވް ސެކްރެޓަރީ ވަކި ކަމަކަށް ހަރަދެއް ކުރުމަށް ނުވަތަ ވަކި މީހަކަށް ފައިސާއެއް ހަވާލުކުރުމަށް އަންގަވަނީ ރައީސް އެގޮތަށް އެކަން ކުރުމަށް ނިންމަވައި އެދެބޭފުޅުންނަށް އެންގުމުންކަން މި މައްސަލައިގެ ތަހުގީގަށް ބަޔާންދީފައިވާ ފަރާތްތަކުގެ ބަހުން އެނގޭ ކަމަށް އޭސީސީ އިން ބުންޏެވެ.
އޭސީސީއިން ބުނީ، ކުރީގެ ކޮމިޝަނާ އޮފް ޕޮލިސްއާ، ސަރުކާރުގެ ހާއްސަ ބޭނުމަށް ހަވާލުކުރަމުން ގެންގޮސްފައިވާ ފައިސާއަކީ ރައީސް ވިދާޅުވުމުން، ރައީސްގެ އެގްޒެކްޓިވް ސެކްރެޓަރީ ނުވަތަ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަންގަވައިގެން ހަވާލުކޮށްފައިވާ ފައިސާ ކަމަށް ރިޕޯޓްގައިވެ އެވެ.
އެ ފައިސާ ހަވާލުކޮށްފައިވާ ފަރާތްތަކަށް ފައިސާ ހަވާލުކޮށްފައިވާ ބޭނުމާއި ހަވާލުކުރި ފައިސާގެ އަދަދު ލިޔުންތަކުން އެނގެން ހުރުމުންނާއި އެފައިސާ ހަރަދުކޮށްފައިވާ ގޮތުގެ އެއްވެސް ލިޔެކިޔުމެއް ތަހުގީގަށް ލިބިފައިނެތްނަމަވެސް، އެފައިސާ ހަރަދުކޮށްފައިވަނީ ފުލުހުން ހިންގާ އެކިއެކި ސިއްރު އޮޕަރޭޝަން ތަކަށްކަމާއި، އެފައިސާ ހަރަދުކޮށްފައިވަނީ އިންޓެލިޖެންސްގެ ބޭނުމަށް ކަމުން އެއީ ސިއްރު މައުލޫމާތު ހިމެނޭ މުއާމަލާތްތަކެއްކަމަށް އޭސީސީއިން ވަނީ ބުނެފަ އެވެ. އަދި އިންޓެލިޖެންސްގެ ބޭނުމަށް ކޮށްފައިވާ ހުރިހާ ހަރަދެއްގެ ތަފްސީލުތަކަކީ ނައްތާލާ މައުލޫމާތުތަކެއް ކަން ވެސް އޭސީސީއިން ފާހަގަކުރި އެވެ.
މީގެއިތުރުން އޭސީސީއަށް ފާހަގަވި ގޮތުގައި، އެ ފައިސާ ހަރަދު ކުރެވުނުއިރު އަމަލުކުރަމުން ދިޔަ ގާނޫނުތަކަށާއި އުސޫލުތަކަށް ބަލާއިރު ރައީސްއަށް ބޮޑެތި އިހުތިޔާރުތަކެއް ލިބޭގޮތަށް އަމަލުކުރަމުން ދިޔަ އެވެ. ހަމަ އެހެންމެ، ކަންކަން ނިންމުމުގައި އެންމެ ބޮޑު އިހުތިޔާރަކާއި ބާރެއް ގާނޫނުތަކުން ލިބިފައިވަނީ ރައީސްއަށް ކަމުގައި ވުމުންނާއި، މި ފައިސާ ހަރަދު ކުރުމަށް ހުއްދަދީފައިވަނީ ރައީސްގެ އޮފީހުން ނިންމައިގެން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި މައްސަލާގައި ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިނުވާ ކަމަށް އޭސީސީއިން ނިންމާފައިވަނީ އެކަން ސާބިތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވާތީ އާއި އެ ފައިސާ ހަރަދުކޮށްފައިވަނީ ފުލުހުން ހިންގާ އެކިއެކި ސިއްރު އޮޕަރޭޝަންތަކަށްކަން މި މައްސަލައިގެ ތަހުގީގަށް ބަޔާންދިން ފަރާތްތަކުގެ ބަހުން އެނގެން އޮންނާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ