އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގެ ޕެކޭޖުތަކުގެ އަގުތައް ލިބިފައިވާ ކަމަށާއި، އެ ހޮސްޕިޓަލާއެކު ވެފައިވާ އެއްބަސްވުން އައުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ. އަމްރިތާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ހޮސްޕިޓަލެކެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ދަށުން ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ ބޭރުގެ ހޮސްޕިޓަލުތަކާއެކު ހަދާފައިވާ އެއްބަސްވުންތައް އައު ކުރުމަށް ދުރާލާ މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 3 ނުވަތަ 4 މަސް ކުރިން ޕެކޭޖުތަކުގެ އަގުތައް ފޮނުވުމަށް ހޮސްޕިޓަލުތަކަށް އަންގާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަމްރިތާ ހޮސްޕިޓަލަށް އާ ބަލި މީހުން ފޮނުވުން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނީ އެ ހޮސްޕިޓަލުން ޕެކޭޖުތަކުގެ އަގުތައް ނުދީ އޮތުމުން ކަމަށް ޒީނިޔާ ފާހަގަކުރެއްވިއެވެ. ނަމަވެސް މިހާރު އެ ހޮސްޕިޓަލުން އަގުތައް ހިއްސާކޮށްފައިވާތީ، އެ އަގުތައް މުރާޖަޢާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
"އަގުތައް މުރާޖަޢާ ކުރުމަށްފަހު ދެބައި މީހުން އެއްބަސްވާ އަގުތަކެއް ކަނޑައަޅާ އައު އެއްބަސްވުމުގައި ސޮއިކުރާނެ. މިހާރުވެސް އެ ހޮސްޕިޓަލުން ފަރުވާ ހޯދާ މީހުންނަށް މެދުކެނޑުމެއްނެތި ޚިދުމަތް ލިބޭނެ،" ޒީނިޔާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ކޮޗިންގައި ދިވެހިން އާންމުކޮށް ޚިދުމަތް ހޯދާ އިތުރު 4 ހޮސްޕިޓަލެއް ވެސް ހުންނަ ކަމަށެވެ.
ހެލްތު އިންޝުއަރެންސްގެ ޤައުމީ ނިޒާމު، އާސަންދައިގެ ދަށުން ކޮންމެ ދިވެއްސަކަށް ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މި ނިޒާމުގެ ދަށުން އިންޑިއާގެ އިތުރުން ސްރީލަންކާ، ދުބާއީ އަދި ތައިލެންޑުގެ ބައެއް ހޮސްޕިޓަލުތަކުން ޚިދުމަތް ލިބެއެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް "މެރަނާ" ސްކީމްގެ ދަށުން އިންޑިއާ، ސްރީލަންކާ އަދި މެލޭޝިޔާއިން ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.
އަމްރިތާގެ އެއްބަސްވުން އޮތީ އައު ކުރުމުގެ މަރުހަލާގައި: އާސަންދަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ